ށ. ބިލެތްފަހި އެއަރޕޯޓް ތަރައްގީކޮށް އޮޕަރޭޓް ކުރުމުގެ މަސައްކަތް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބިލެތްފައްސަށް ވަޑައިގެން ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައިވަނީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ހުޝާމް އަލީ އެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމާއެކު، އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތްވެސް މިއަދު ވަނީ ފަށާފައެވެ.
އެއަރޕޯޓްގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވާފައިވަނީ ސިޓީތަކާއި އިދާރީދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރާއި، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދެވެ.
މި މަޝްރޫޢުގެ ދަށުން 36 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. ބިންހިއްކުމުގެ މަސައްކަތް ގިނަވެގެން 8 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން 1500 މީޓަރުގެ ރަންވޭއަކާއި އެހެނިހެން ވަސީލަތްތައް ޤާއިމްކުރުން މި މަޝްރޫޢުގެ ދަށުން ހިމެނެއެވެ.
މުޅި މަޝްރޫޢުގެ މަސައްކަތް ގިނަވެގެން 30 މަސްދުވަހުގެ ތެރޭގައި ނިންމުމަކީ ސަރުކާރުގެ އަމާޒެކެވެ. މި އެއަރޕޯޓް ތަރައްޤީކުރުމުން ށ. އަތޮޅުގެ ދަތުރުފަތުރުގެ ނިޒާމަށް ފަހިކަމެއް ލިބި، އިޤްތިޞާދީ ގޮތުން ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
ބިލެތްފަހީގައި އެއާޕޯޓެއް އަޅަން ބިން ހިއްކުމުގެ މަސައްކަތް މި ދިޔަ ސަރުކާރުން ރިޔާސީ އިންތިޚާބު ބޯމަތިވެފައި ވަނިކޮށް 12 ޖުލައި 2023 ގައި ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓް ކިޔާ ކުންފުންޏަކާއި ހަވާލުކުރިއެވެ. އެއިރު ހަވާލުކުރީ ބިލެތްފަހި އެއާޕޯޓް އެޅުމަށް ބޭނުންވާ 56.34 ހެކްޓަރުގެ ބިން ހިއްކުމަށެވެ. ނަމަވެސް އެ މަސައްކަތް މިއަދާއި ހަމައަށް އޮތީ ނުހިނގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!