ށ. ކަނޑިތީމުގައި ޤާއިމްކުރާ ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ބްރާންޗުގެ ބިންގާ އަޅައިފިއެވެ.
އެ ރަށުގައި ބީއެމްއެލްގެ ބްރާންޗުގެ ބިންގާ އަޅާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ށ. އަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ ކަނޑިތީމަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތުގައިއެވެ.
މި ރަސްމިއްޔާތުގައި ބީއެމްއެލް އިސްލާމިކް ބްރާންޗުގެ ބިންގާ އަޅުއްވާދެއްވީ ބީއެމްއެލްގެ ޗެއަރޕާސަން އަޙްމަދު ޢަލީ ޙަބީބު، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް، އަދި ކަނޑިތީމު ކައުންސިލުގެ ރައީސް އަހުމަދު އަހްސަން އެވެ.
ސަރުކާރުގެ އަމާޒަކީ، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ބޭންކިންގ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރުމެވެ.
މިގޮތުން، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާއިރު، އަތޮޅުތަކުގައި ބައެއް ރަށްރަށުގައި ބްރާންޗު ޤާއިމް ކުރުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.
މިއީ ރައްޔިތުންނަށް ބޭނުންވާ ބޭންކިން ޚިދުމަތްތައް ފޯރުކޮށްދިނުމާއި ބޭންކުގެ ޚިދުމަތްތައް ރައްޔިތުންނަށް ފަސޭހައިން ގާތުން ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ކުރަމުންދާ މަސައްކަތެއްކަމަށް ބީއެމްއެލްއިން ފަހަގަކުރައްވާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!