އިޖްތިމާއީ ބޯހިޔާވަހިކަމުގެ ސްކީމްތަކުގެ ތެރެއިން ދޫކޮށްފައިވާ ފްލެޓްތަކަށް ޤަވާއިދުން ކުލި ނުދައްކާ މައްސަލައާއި، އެތަންތަން ބޮޑުއަގުގައި ކުއްޔަށްދޫކުރާ މައްސަލަ ހައްލުކުރުމަށްޓަކާ ޤާނޫނުގައި ހިމަނައިގެން ނަމަވެސް އެކަން ހުއްޓުވާނެ ކަމަށް ގެދޮރުވެރިކަމާއި ބިނާވެށްޓާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން ދޫކޮށްފައިވާ ފްލެޓްތައް އެއްބަސްވުމާ ޚިލާފަށް ކުއްޔަށްދޭ މައްސަލަ، ޤާނޫނުގެ ތެރެއިން ހައްލުކުރުމަށް މި ސަރުކާރުން މަސައްކަތްކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

Ad
rt

މި މަޝްރޫޢުތައް ހިންގުމަށް ބޮޑެތި ލޯނު ނަގަންޖެހޭތީ، ކުލި ޤަވާއިދުން ނުދެއްކުމުގެ ސަބަބުން އިތުރު ލޯނު ލިބުމުގެ ފުރުޞަތު ބަންދުވެ، ބޯހިޔާވަހިކަން ބޭނުންވާ އެތައް ރައްޔިތުންގެ ހައްޤުތަކަށް ހުރަސްއެޅޭ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

"ހިޔާ ފްލެޓުގައި އަޅުގަނޑުމެންނަށް އެބަ މައުލޫމާތު ލިބޭ ލޭބަރ ކުއަރޓަރސް ހަދާފައި ހުންނަކަމަށް. މިއީ ރައްޔިތުން ބޯހިޔާވަހިކަމުގެ ދަތިކަން ތިބި ފަރާތްތަކަށް ދޭން ހުރި ތަންތަން. 20 ހާހުން 25 ހާސް ރުފިޔާ ކުއްޔަށްދީގެން އާމްދަނީ ހޯދަން ހުންނަ ތަންތަނެއް ނޫން މިއީ. އެހެންވީމަ ހަޤީޤަތުގައި މިއީ ސަރުކާރުން ވަރަށް ސީރިއަސްކޮށް ނަގާކަމެއް," ވަޒީރު ވިދާޅުވިއެވެ.

މިފަދަ ކަންކަން ކުރާ ފަރާތްތައް ހޯދައި، ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެ ވުޒާރާއިން އެޗްޑީސީއާއި ފަހި ދިރިއުޅުމާ ގުޅިގެން މަސައްކަތްކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ އިޖްތިމާއީ ބޯހިޔާވަހިކަމުގެ ސްކީމްތަކުގެ ތެރެއިން ދޫކޮށްފައިވާ ފްލެޓްތަކަށް ޤަވާއިދުން ކުލި ނުދައްކާ މައްސަލައާއި، އެތަންތަން ބޮޑުއަގުގައި ކުއްޔަށްދޫކުރާ މައްސަލަ ހައްލުކުރުމަށްޓަކައި ޤާނޫނުގައި ހިމަނައިގެން ނަމަވެސް މި ސަރުކާރުން އެކަން ހައްލުކުރައްވާނެކަމަށް ވިދާޅުވެފައެވެ.