ރާއްޖޭގެ ހުރިހާ ސްކޫލްތަކުގެ ކްލާސްރޫމްތައް މި އަހަރު ނިމުމުގެ ކުރިން އޭސީ ކުރުމުގެ ޓާގެޓަށް ވާސިލްވެވޭނެ ކަމަށާއި، އަންނަ ދިރާސީ އާ އަހަރު ފެށޭއިރު ޓީޗަރުންވެސް ބޭނުންކުރާނީ އޭސީކުރެވިފައިވާ ސްޓާފްރޫމްތައް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، އދ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި ރޭ މަހިބަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ ތަޢުލީމީ ދާއިރާއަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ދާއިރާ ކަމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަޢުލީމީ އިންފްރާސްޓްރަކްޗަރ ގާއިމުކުރުމުގެ ބިޔަ މަސައްކަތްތަކެއް އެއްފަހަރާ ކުރިއަށްދާ ކަމަށެވެ. މީގެތެރޭގައި އަލަށް ފަށާ މަޝްރޫޢުތަކާއި، ސަރުކާރާ ހަވާލުވިއިރު ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފަށައިގެން ނިންމުން ހިމެނޭ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، ކިޔެވުމުގެ މާޙައުލު ރަނގަޅުކޮށްދިނުމުގެ މަޝްރޫޢުގެ ދަށުން ކްލާސްރޫމްތަކުގައި އޭސީ ހަރުކުރުމުގެ މަސައްކަތް މިހާރު ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އެޑިއުކޭޝަން މިނިސްޓްރީން މި މަސައްކަތް ވަރަށް ރަނގަޅަށް ކުރިއަށް ގެންދަވާ ކަމަށާއި، މިހާރު ގޮސްފައިވާ ހިސާބުންވެސް މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ހުރިހާ ކްލާސްރޫމްތައް އޭސީކުރެވި ނިމޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
''އަޅުގަނޑުމެން އޮންނާނީ ވަޢުދުވެފައި، މި އަހަރު ނިމެންވާއިރަށް، ރާއްޖޭގެ ހުރިހާ ރަށެއްގެ، ހުރިހާ ސްކޫލެއްގެ، ހުރިހާ ކްލާސްރޫމްތަކެއް އޭސީ ކުރާނަމޭ. އެޑިޔުކޭޝަން މިނިސްޓްރީން ވަރަށް ރަނގަޅަށް އެކަން ކުރިއަށް އެބަ ގެންދަވާ. މިހާރު ގޮސްފައި އޮތް ހިސާބުންވެސް މި ދެންނެވި ޓާގެޓް އެބަ ހާސިލުވޭ. އިރާދަކުރެއްވިއްޔާ، މި އަންނަ ދިރާސީ އަހަރަށް ރާއްޖޭގެ ހުރިހާ ސްކޫލަކަށް ކުދިން ނުކުންނާނީ، އޭސީ ކުރެވިފައިހުރި ކްލާސްރޫމްތަކަށް ކިޔަވަން. އަދި ޓީޗަރުންގެ ސްޓާފްރޫމްތައްވެސް ހުންނާނީ، މި އަންނަ އަހަރު، ދިރާސީ އާ އަހަރަށް ނުކުންނައިރުގައި އޭސީ ކުރެވިފައި. ޓީޗަރުންވެސް އިރާދަކުރެއްވިއްޔާ ބޭނުންކުރާނީ އޭސީ ސްޓާފްރޫމްތައް. އެކަންވެސް އަޅުގަނޑުމެން ހާސިލުކުރާނަން.'' ރައީސް ވިދާޅުވެފަވެއެވެ.
ރައީސް ވިދާޅުވީ، ފުރަތަމަ ފިޔަވަހީގެ ގޮތުގައި މި އަހަރު ނިމުމުގެ ކުރިން ކްލާސްރޫމްތަކާއި ސްޓާފްރޫމްތައް އޭސީ ކުރުމުގެ މަސައްކަތް ނިމޭނެ ކަމަށެވެ. ދެވަނަ ފިޔަވަހީގެ ގޮތުގައި އަންނަ އަހަރު ބޮޑެތި ހޯލުތައް އޭސީ ކުރުމަށް ބަޖެޓުކުރެވިފައިވާ ކަމަށާއި، މީގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގެ މަލްޓި ޕާޕަސް ހޯލުތަކާއި ސްކޫލް ހޯލުތައް ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް، ބައެއް ހާލަތްތަކުގައި، ވަރަށް ހާލުގައި ހުރި ހޯލުތައް މި އަހަރުވެސް އޭސީ ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި މަސައްކަތްތަކަކީ ކުދިންނަށް އިތުރަށް ކިޔެވުމުގައި ފަސޭހަ ކޮށްދިނުމަށް ކުރާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. ހޫނުގެ ތެރޭގައި، ދާހިއްލައިގެން ތިބެގެން ޓީޗަރުންނާއި ކުދިން ކުރާ މަސައްކަތް އެހާ ޕްރޮޑަކްޓިވް ނުވާ ކަމަށާއި، މިހާރު ޓީޗަރުންނާއި ކުދިންވެސް ވަރަށް ބޮޑަށް ދަތިތަކާ ކުރިމަތިލަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން، ކިޔެވުމަށް ހިތްހަމަޖެހޭ މާޙައުލެއް ގާއިމުކޮށްދިނުމުގެ ގޮތުން މިކަން ހާސިލްކުރާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!