ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ދިވެހިރާއްޖޭގެ ހުރިހާ އަތޮޅެއްގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަޝްރޫޢު ކަނޑައެޅި އަމާޒަށްވުރެ މުއްދަތަށްވުރެ 3 މަސްދުވަސް ކުރިން ނިންމާލައިފިއެވެ.

މި މަޝްރޫޢުގެ އެންމެ ފަހު މަރުހަލާގެ ގޮތުގައި އދ. އަތޮޅު މަހިބަދޫގައި ޕާސްޕޯޓުގެ ޚިދުމަތް އިއްޔެ ފަށާފައިވާއިރު، މަހިބަދޫގައި މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ.

Ad
rt

މި ޚިދުމަތް ފަށާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އދ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ރައީސް މުޢިއްޒު ވިދާޅުވެފައިވާ ގޮތުގައި، މިފަދަ ޚިދުމަތްތައް ލާމަރުކަޒުކުރެއްވުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރައްޔިތުން އަސާސީ ޚިދުމަތްތަކަށް މާލެއަށް ބަރޯސާވާން ޖެހޭ ޖެހުން ނިމުމަކަށް ގެނައުމެވެ. މި ކަން ފާހަގަކުރައްވާފައިވަނީ ފެލިދެއަތޮޅު ފެލިދޫ ރައްޔިތުންނާ ބައްދަލުކުރެއްވި އިރުއެވެ.

މި މަޝްރޫޢުގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ބޭއްވުނު ޚާއްޞަ ޖަލްސާގައި ރައީސް މުޢިއްޒަށް ވަނީ ހަނދާނީ ފިލައެއް އެރުވިފައެވެ. މި ހަނދާނީ ފިލާ ރައީސާއި ޙަވާލުކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ.

ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކޮންމެ އަތޮޅަކުން ޕާސްޕޯޓާއި އައިޑީކާޑު ދޫކުރުމުގެ ހިދުމަތަކީ ރަށްރަށުން ގިނަ ބަޔަކު އޭރު އެދެމުން އައި ޚިދުމަތްތަކެއްކަން ފާހަގަކޮށްލެވެއެވެ.