އިދިކޮޅު އެމްޑީޕީން އިސްނަގައިގެން މާލޭގައި ރޭގައި ބޭއްވި އެއްވުން ކޮންޓްރޯލް ކުރުމުގައި ދިވެހި ފުލުހުން ދެއްކި ކެތްތެރިކަމާ ސާބިތުކަމަށް ތަޢުރީފު ޙައްގުކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވިދާޅުވެފައިވަނީ، ޤައުމުގެ ޞުލްޙަމަސަލަޙަތު ނަގާލުމަށް އެމްޑީޕީން ގަސްދުގައި ރާވައިގެން ރޭގެ މުޒާހަރާގައި ދިވެހި ފުލުހުންނާ ކުރިމަތިލާ ހިންގި ޙަރަކާތްތަކަށް ދިވެހި ފުލުހުން ދެއްކި ކެތްތެރިކަމާއި ސާބިތުކަމަށް ތަޢުރީފް ޙައްޤު ކަމަށެވެ.
"ޤައުމުގެ އަމަން އަމާންކަން ދެމެހެއްޓުމަށް ދިވެހި ފުލުހުން ތިޔަ ކުރައްވާ ބުރަ މަސައްކަތަށް އައްސަރިބަހާއި ސާބަސް ދަންނަވަން،" އަބްދުއްރަހީމް ވިދާޅުވިއެވެ.
އެމްޑީޕީން ރޭގައި ބޭއްވި އެއްވުން ކުރިއަށް ގެންދިޔުމަށް ފުލުހުން ހުއްދަ ދީފައިވާ ރޫޓް ފިޔަވައި، މަޖީދީ މަގުން މުޒާހަރާގެ ބައިވެރިން ކުރިއަށްދާން އުޅުމުގެ ތެރޭގައި ފުލުހުންނާއި އާންމުންނާ ދެމެދު މަޝްރަޙް ހަލަބޮލިވެގެންދިޔަ ހާލަތު އައެވެ. މިކަމާއި ގުޅިގެން ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ، އެމްޑީޕީގެ އެއްވުން ބާއްވަން ކުރިން ހުއްދަ ދީފައިވާ ރޫޓާ ހިލާފަށް، މަޖީދީ މަގުން ކުރިއަށް ދާން ފެށުމާ ގުޅިގެން، އެ ގޮތަށް އަމަލު ނުކުރަން ތަކުރާރުކޮށް ނަސޭހަތް ދީ، އިންޒާރު ދިން ކަމަށެވެ. އެކަމަކު، އެ ކަމަށް އިޖާބަ ނުދީ، ފުލުހުންނާ ދިމާލަށް ގަލާއި ފެންފުޅި އުކައި، ފުލުހުންގެ އާލާތްތައް އަތުލަން މަސައްކަތް ކުރި ކަމަށް ފުލުހުން ބުނެފަވެއެވެ. އެހެންވެ، އެ އަމަލުތައް ހިންގި މީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފައެވެ.
ރޭގެ މުޒާހަރާއިން 8 މީހަކު ހައްޔަރުކޮށްފައިވާއިރު، މީގެ ތެރެއިން އެކަކު ފިޔަވާ އެންމެންގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ 15 ދުވަސް ދީފައެވެ. އެ މުޒާހަރާއިން ހައްޔަރުކުރި މީހުންގެ ތެރޭގައި ކުރީގެ މަޖިލިސް މެމްބަރުންކަމަށްވާ ކުޅުދުއްފުށީ އުތުރު ދާއިރާގެ ކުރީގެ މެމްބަރު ޔާސިރު އަބުދުއްލަތީފާއި، ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުގޫބު އަބްދުﷲ ހިމެނެއެވެ.
ހައްޔަރުކޮށްފައިވާ އިތުރު މީހުންނަކީ މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު އާއި، އައްޑޫ ސިޓީ ކައުންސިލްގެ މެންބަރު ހަސަން ޒަރީރު، އަލީ ޖުމާން، އަޒްމީ އަލީ، ހަސަން ޝާކިރު އަދި މުހައްމަދު ޚަލަފު އިބްރާހިމްއެވެ. މިތަނުން ޚަލަފް މިއަދު ދޫކޮށްލާފައިވާއިރު، ހަސަން ޒަރީރު 24 ގަޑިއިރު ތެރޭގައި ދޫކޮށްލާނެއެވެ. ދެންތިބި މީހުންނަށް ވަނީ 15 ދުވަސް ޖަހާފައެވެ. އަލީ ޖުމާން އަކީ ހއ. ބާރަށަށް ނިސްބަތްވާ ޒުވާނެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!