ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ފަށައިފިއެވެ.
އެ ހިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން މިއަދު ހަނިމާދޫ އިޖްތިމާއީ މަރުކަޒުގައި ވަނީ ހާއްސަ ހަފްލާއެއް ވަނީ ބާއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިދިޔަ ސެޕްޓެމްބަރ މަހު ހދ.އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ހަނިމާދޫއަށް ވަޑައިގެން ހަނިމާދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ހަނިމާދޫގައި ޕާސްޕޯޓް ހެދުމުގެ ހިދުމަތާއި އައިޑީ ކާޑްގެ ހިދުމަތް ފެށުމަށްޓަކައި، އެކަން ކުރިއަށް ގެންދެވޭނެ ތަނެއް ކައުންސިލުން ހަމަޖައްސަވައި ދެއްވުމުން އެ ހިދުމަތްތައް ފައްޓަވާނެ ކަމަށެވެ.
ރައީސްގެ އެދިލެއްވުމަށް އިޖާބަދެއްވައި ހަނިމާދޫ ކައުންސިލުން ވަނީ އެ ހިދުމަތްތައް ފޯރުކޮށް ދިނުމަށް ކައުންސިލުން ތަން ހަމަޖައްސަވާފައެވެ.
ހަނިމާދޫއަކީ އައިޑީކާޑުގެ ހިދުމަތް ފެށުނު 34 ވަނަ ރަށެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އަދި މި ސިޔާސަތުގެ ދަށުން، ހދ. ހަނިމާދޫގައި އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފަށާފައިވާ ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެއެވެ.
ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވީ، އައިޑީ ކާޑުގެ ހިދުމަތް ހަނިމާދޫގައި ފެށުމާއެކު ރަށުގައި ތިބެގެން އައިޑީ ކާޑު ހެއްދުމުގެ މަގު ރައްޔިތުންނަށް ފަހިވެގެންދާނެ ކަމަށެވެ. ހަމަމިއާއެކު އައިޑީ ކާޑުގެ ހިދުމަތް އަވަސްވެ، ހަރުދަނާވެގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
އަސާސީ ގިނަ ހިދުމަތްތަކާއި ގުޅިފައިވާ އައިޑީކާޑުގެ ހިދުމަތް މިއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި ހަމައެއާއެކު ދިވެހީން އާންމުކޮށް ގޮސް އުޅޭ ޤައުމުތަކުގައިވެސް މި ޚިދުމަތް ފެށުމަށްދަނީ މަސައްކަތްކުރަމުންނެވެ.
އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން ދިނުމުގެ މަސައްކަތް ފައްޓަވާފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!