ކުޅުދުއްފުށީ އުތުރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޔާސިރު އަބްދުއްލަޠީފް ދޫކޮށްލަން ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު ޢާޠިފް ގޮވާލައްވައިފިއެވެ.
އެމްޑީޕީން އިސްނަގައިގެން ރޭ ކުރިއަށްގެންދިޔަ އެއްވުމުގައި ޔާސިރު ހައްޔަރުކުރުމާއި ގުޅިގެން މޭޔަރ ޢާޠިފް ފޭސްބުކްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ޤާނޫނު އަސާސީ ތަސައްވަރުކުރާ ޤައުމުގެ ހަޤީޤީ ވެރިންނަކީ ރައްޔިތުން ކަމަށެވެ.
މޭޔަރުގެ ޕޯސްޓްގައި ވިދާޅުވެފައި ވަނީ ޔާސިރު ރޭގައި ނުކުންނަވާފައި ވަނީ ރައްޔިތުން ހައްޤުގައިކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައި ވަނީ ހައްޤަކާއި ނުލައި ކަމަށާއި، ޔާސިރު ހިމެނޭހެން މުޒާހަރާއިން ހައްޔަރުކުރި ހުރިހާ ފަރާތްތައް ދޫކޮށްލުމަށް މޭޔަރ ޢާޠިފް ގޮވާލައްވާފައިވެއެވެ.
އޭނާ ވަނީ 'މިސަރުކާރު ހަމަ މަގަށް ރުޖޫއަވާން ޖެހޭ' ކަމަށް ވެސް ވިދާޅުވެފައެވެ.
''ދިވެހި ރައްޔިތުންގެ ހައްޤުގައި ނިކުތީމާ ރޭގެ މުޒާހަރާއިން ހައްޤަކާނުލާ ހައްޔަރުކުރި ކުޅުދުއްފުށީ އުތުރު ދާއިރާގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފް އާއި މުޒާހަރާއިން ހައްޔަރުކުރި ހުރިހާ ފަރާތްތައް ވަގުތުން ވަގުތައް ދޫކޮށްލަން ގޮވާލަން، އަދި ރައްޔިތުންގެ އަޑު އަހާ ސަރުކާރު ހަމަމަގަށް ރުޖޫއަވާން ގޮވާލަން'' މޭޔަރ ޢާޠިފް ވިދާޅުވެފައިވެއެވެ.
އާތިފް ވަނީ މި ސަރުކާރުން ޤާނޫނުއަސާސީއަށް ހިތުހުރިގޮތެއް ހަދާ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަޅުވެތިކޮށް، ސުޕުރީމް ކޯޓަށް އަތްބާނާ، ލާމަރުކަޒީ ނިޒާމު ހަރާބުކޮށް، ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ހަނިކޮށްފައިވާކަމަށް ވިދާޅުވެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ، އެމްޑީޕީގެ އެއްވުން ބާއްވަން ކުރިން ހުއްދަ ދީފައިވާ ރޫޓާ ހިލާފަށް، މަޖީދީ މަގުން ކުރިއަށް ދާން ފެށުމާ ގުޅިގެން، އެ ގޮތަށް އަމަލު ނުކުރަން ތަކުރާރުކޮށް ނަސޭހަތް ދީ، އިންޒާރު ދިން ކަމަށެވެ. އެކަމަކު، އެ ކަމަށް އިޖާބަ ނުދީ، ފުލުހުންނާ ދިމާލަށް ގަލާއި ފެންފުޅި އުކައި، ފުލުހުންގެ އާލާތްތައް އަތުލަން މަސައްކަތް ކުރި ކަމަށް ފުލުހުން ބުނެފަވެއެވެ. އެހެންވެ، އެ އަމަލުތައް ހިންގި މީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފައެވެ.
ރޭގެ އެއްވުމުގައި ހައްޔަރުކުރި މީހުންގެ ތެރެއިން ޔާސިރު ހިމެނޭހެން އިތުރު 8 މީހެއް ވަނީ ހައްޔަރުކޮށްފައެވެ. އެގޮތުން މި 8 މީހުންގެ ތެރެއިން އެކަކު ވަނީ ޝަރުތު ތަކެއް ކަނޑައަޅައި ބަންދުން ދޫކޮށްލާފައެވެ. އަދި ބާކީ ތިބި 7 މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!