ހއ. އަތޮޅު ތައުލީމީ މަރުކަޒު (ހއ.އެޓޮލް އެޑިޔުކޭސަން ސެންޓަރު -ހއ.އޭއީސީ)ގައި ލައިބްރަރީ ސަރވިސް އަދި މެނޭޖްމެންޓް ގެ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މި ސެޕްޓެމްބަރ މަހުގެ 21 އިން 22 އަށް ހއ. ދިއްދޫގައި ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމުގައި ވަރުގަދަ، ފަސޭހައިން ބަދަލުކުރެވޭ އަދި ހަރަދު ކުޑަ ލައިބްރަރީ މެނޭޖްމަންޓް ސިސްޓަމެއް ކުރިއަށް ގެންދިއުމަށާއި، ޑިޖިޓަލް ޒަމާނުގައި ލައިބްރަރީތައް ކުރިއަރުވައި، ޚިދުމަތްތައް ހަރުދަނާ ކުރުމަށް ޕްރޮގްރާމުގެ ބައިވެރިންނަށް ތަމްރީނުކޮށްދެވިފައިވެއެވެ.

Ad
rt

އެގޮތުން މި ޕްރޮގްރާމަކީ ހއ. އަތޮޅު ސްކޫލްތަކަށް ޚާއްސަކޮށްގެން ހއ އަތޮޅު ތައުލީމީ މަރުކަޒުގެ ޕީޓީއޭ އާއި ކުޅުދުއްފުށި ސިޓީ ކައުންސިލުގެ، ކުޅުދުއްފުށި ޕަބްލިކް ލައިބްރަރީ ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ތަމްރީނު ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި ހއ އަތޮޅުގެ ސްކޫލްތަކުގެ ތެރެއިން ޝެއިޚް އިބްރާހިމް ސްކޫލާއި، ޤާޒީ ބަންޑާރައިން ސްކޫލާއި، ބާރަށު ސްކޫލް، މުރައިދޫ ސްކޫލް އަދި ހއ އަތޮޅު ތައުލީމީ މަރުކަޒު ހިމެނޭހެން މި 5 ސްކޫލުގެ 12 ބައިވެރިން ވަނީ މި ތަމްރީނު ފުރިހަމަކޮށް ސެޓްފިކެޓް ޙާސިލްކޮށްފައެވެ.

ހއ. އަތޮޅު ތައުލީމީ މަރުކަޒުން ވަނީ މި ތަމްރީނު ޕްރޮގްރާމަށް ކުޅުދުއްފުށީ ޕަބްލިކް ލައިބްރަރީގެ ފެސިލިޓޭޓަރުންގެ ބައިވެރިވުން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.

މީގެ އިތުރުން، މި ޕްރޮގްރާމަށް ހއ. އަތޮޅު ކައުންސިލުންނާއި، ހއ. އަތޮޅުގެ ސްކޫލްތަކުގެ ޕްރިންސިޕަލުން ދެއްވި ފުރިހަމަ އެއްބާރުލުން ހއ. އަތޮޅު ތައުލީމީ މަރުކަޒުން ވަނީ ފާހަގަކޮށްފައެވެ.