ރަށްތަކުގެ މުއްސަނދިކަން ދައްކުވައިދޭ، އަދި ރަށްފުށުގެ އިޤްތިޞާދު ކުރިއަރުވާ، ރައްޔިތުންނަށް އަމާޒުކުރެވިފައިވާ ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ނަމޫނާއެއް ބިނާކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު މަޤްޞަދު ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން މިއަދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޚާއްސަ ޕޯސްޓެއްގައެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވެފައިވަނީ، ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގައި، ދުނިޔެ ހައިރާންކުރުވަމުންދާ ދިވެހިންގެ މެހެމާންދާރީގެ ރޫހު ފާހަގަކުރެވޭ ކަމަށެވެ. އަދި މިފަދަ ރޫހެއް ދެމެހެއްޓުމަކީ މުސްތަޤުބަލަށްޓަކައި މުހިންމު ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، ކޮންމެ އަތޮޅަކަށް އަދި ކޮންމެ މުޖުތަމަޢުއަކަށް ފުރުޞަތުތައް ފުޅާކޮށްދިނުމުގެ ތެރެއިން އެކުލެވޭ ކުރިއެރުމަށް ސަރުކާރުން އިލްތިޒާމުވެގެން ތިބި ކަމަށެވެ.
"އަޅުގަނޑުމެންގެ މަޤްޞަދަކީ ރަށްތަކުގެ މުއްސަނދިކަން ދައްކުވައިދޭ، އަދި ރަށްފުށުގެ އިޤްތިޞާދު ކުރިއަރުވާ، ރައްޔިތުންނަށް އަމާޒުކުރެވިފައިވާ ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ނަމޫނާއެއް ބިނާކުރުމެވެ،" ރައީސްގެ ޕޯސްޓުގައި ވެއެވެ.
އެމަނިކުފާނު ވަނީ، މި މަޤްޞަދު ހާސިލުކުރުމަށްޓަކައި އެކުގައި މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
"އެކުގައި، އަޅުގަނޑުމެން އެކުލަވާލަމުން މިދަނީ ކުރިއެރުމާއި ދެމެހެއްޓެނިވި ކަން އެކުއެކީގައި ދާނެ މުސްތަޤުބަލެކެވެ،" ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ބައިނަލްއަގްވާމީ ފަތުރުވެރިންގެ ދުވަހަކީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު 27 ވަނަ ދުވަހު ފާހަގަކުރެވޭ ބައިނަލްއަޤްވާމީ ދުވަހެކެވެ.
މި ދުވަސް ފާހަގަކުރާގޮތަށް ހަމަޖެއްސީ ފަތުރުވެރިކަމުގެ މުހިންމުކަމާމެދު ދުނިޔޭގެ ހޭލުންތެރިކަން އިތުރުކުރުމަށްޓައި، ޔުނައިޓެޑް ނޭޝަންސް ވޯލްޑް ޓޫރިޒަމް އޯގަނައިޒޭޝަން (ޔޫ.އެން.ޑަބްލިޔު.ޓީ.އޯ) އިންނެވެ. މި ދުވަހުގައި ފާހަގަކުރެވެނީ ފަތުރުވެރިކަމުގެ އިޖްތިމާޢީ، ސަޤާފީ، ސިޔާސީ އަދި އިޤްތިޞާދީ މުހިންމުކަމާއި، ދެމެހެއްޓެނިވި ތަރައްޤީއާއި ބައިނަލްއަޤްވާމީ އެއްބައިވަންތަކަމަށް ފަތުރުވެރިކަމުން ކުރެވިދާނެ މުހިންމު ދައުރެވެ. މި ތާރީޚް ހޮވިފައިވަނީ 1970 ވަނަ އަހަރު ޔޫ.އެން.ޑަބްލިޔު.ޓީ.އޯގެ ޤާނޫނު ފާސްކުރެވުނު ދުވަސް ފާހަގަކުރުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!