ހދ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ "ކުޅުދުއްފުށި ބަށި މުބާރާތް - ހދ އަތޮޅު ލީގް 2025" މާދަމާ ފަށާނެއެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ މި މުބާރާތުގައި މިއަހަރު މުޅި ޖުމްލަ 6 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އަދި މި މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ މެދުގައި ގުރުއަތުލުމުގެ ރަސްމިއްޔާތެއް މި ހަފްތާ ވަނީ ބާއްވާފައެވެ.

Ad
rt

އެގޮތުން ދެ ގްރޫޕަކަށް ބަހާލައިގެން ކުޅުދުއްފުށި ސިޓީ ސްޓޭޑިއަމް އަރޭނާގައި ކުރިއަށް ގެންދާ މި މުބާރާތުގެ ގްރޫޕް އޭ ގައި ހިމެނެނީ ކުމުންދޫ ސްޕޯޓްސް ކްލަބް އާއި، މަގުލަސް ސްޕޯޓްސް ކްލަބުގެ އިތުރުން މަންޓާ ސްޕޯޓްސް ކްލަބް އެވެ. އަދި ގްރޫޕް ބީ ގައި ހިމެނެނީ ނެއްލައިދޫ ބަށި ޓީމާއި، ކްލަބް ކޮރަލްސް އަދި ކްލަބް ސަމާ އެވެ.

ތިން ދުވަހަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި އެންމެ ފުރަތަމަ ވާދަކުރަން ހަމަޖެހިފައިވަނީ ކުމުންދޫ ސްޕޯޓްސް ކްލަބް އާއި މަގުލަސް ކްލަބް އެވެ. މި މުބާރާތުގެ ފައިނަލް ބޭއްވުމަށް ހަމަޖެހިފައިވަނީ 6 ސެޕްޓެމްބަރ 2025 ވާ ހޮނިހިރު ދުވަހު ހަވީރު 4 ޖަހާއިރު އެވެ.

މި މުބާރާތައް ތައްޔާރުވުމުގެ ގޮތުން ސިޓީ ކައުންސިލާއި، ބަށި ބޯޅަ ފައުންޑޭޝަން އޮފް މޯލްޑިވްސް އާއި ގުޅިގެން މިދިޔަ އޮގަސްޓް މަހު 1 އިން 2 އަކަށް ވަނީ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ. މިގޮތުން މި ޕްރޮގްރާމުގައި ބަށި ބޯޅައިގެ ޤަވާއިދުތަކާއި، މުބާރާތް ހިންގުމުގެ އުސޫލުތަކާއި ބެހޭގޮތުން ބައިވެރިން ވަނީ ތަމްރީނު ވެފައެވެ.

ކުޅުދުއްފުށި ސިޓީގައި ބަށި ބޯޅަ ކުޅިވަރު ދިރުވުމަށް މަސައްކަތް ކުރަމުންދާއިރު، ރާއްޖޭގައި އަތޮޅު ލީގެއްގެ ގޮތުގައި ބަށި މުބާރާތެއްވެސް ހިންގަނީ ހަމައެކަނި އެ ސިޓީގައެވެ.