ފަލަސްތީނުގެ ޒުވާން ޓީމު ރާއްޖޭގައި ކޭމްޕްކުރުމުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ދީފައިވާކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްްއޭއެމް)ގެ ރައީސް އަހްމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރަށްވާ ޓޮމް މިފަދައިން ވިދާޅުވީ، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި އެކު ބޭއްވެވި ބައްދަލުކުރެއްވުމަށްފަހު މީސްމީޑިއާގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައެވެ.
ޓޮމް ވިދާޅުވެފައި ވަނީ ފަލަސްތީނުގެ ޒުވާން ޓީމު ރާއްޖޭގައި ކޭމްޕްކުރުމުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަންވަނީ ލިބިގެންގޮސްފައެވެ. ވުމާއެކު، ފަލަސްތީނުގެ ޒުވާން ޓީމާއި ރާއްޖޭގެ ޒުވާން ޓީމާއި ދެމެދު 12 އަދި 14 ނޮވެންބަރުގައި އެކުވެރި ކަމުގެ ދެ މެޗް ކުޅެވޭނެކަމަށް ވެސް ޓޮމް ވިދާޅުވިއެވެ.
މި ބައްދަލުކުރުމާ ބެހޭ ގޮތުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ބުނީ ވަޒީރު ޢަބްދުﷲ ރާފިޢު ވަނީ އެފްއޭއެމްގެ އިސްވެރިންނާ ބައްދަލު ކުރައްވާފައި ކަމަށެވެ.
''މި ބައްދަލުކުރެއްވުމުގައި އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ ފަލަސްތީނުގެ ޤައުމީ ޓީމް ރާއްޖޭގައި ކޭމްޕް ކުރުމުގެ މަގު ފަހިކޮށްދިނުމަށްވަނީ ނިންމާފައި. އަދި އިންތިޒާމް ހަމަޖެއްސުމާ ގުޅޭ ގޮތުން މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރެވިފައި'' އެ ވުޒާރާއިން ބުންޏެވެ.
އޭޝިއަން ކަޕް 17 އަހަރުން ދަށުގެ ކޮލިފައިންގައި ފަލަސްތީނު ހިމެނޭ ގުރޫޕް ޑީގެ މެޗުތައް ކުޅޭނީ އިންޑިއާގެ އަހްމަދު އާބާދުގަ އެވެ. އަންނަ ނޮވެމްބަރު 22 އިން 30 އަށް ކުޅޭ ކޮލިފައިންގެ ގުރޫޕްގައި ހިމެނެނީ ފަލަސްތީނާއި އިންޑިއާގެ އިތުރުން އިރާނާއި ޗައިނީޒް ޓައިޕޭ އަދި ލުބުނާނެވެ.
ތަމްރީނު ކޭމްޕަށް ފަހު، ފަލަސްތީނުގެ ޓީމު އިންޑިއާ އަށް ދާނީ ރާއްޖޭގެ މަގުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!