ހދ. ކުރިނބީ ބަނދަރު ތަރައްގީކުރުމުގެ ދެވަނަ ފިޔަވައްސެއްގައި މޫދަށް އެރޭ ސަރަހައްދަކާއި، އޮޑި އެހެލާނެ ސަރަހައްދަކާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ވެސް ފުރިހަމަކޮށްދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވަނީ ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ކުރިނބީއަށް ކުރެއްވި ޒިޔާރަތުގައި، އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ޖަލްސާގައެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި އެމަނިކުފާނުގެ ވަޢުދާ އެއްގޮތަށް ކުރިނބީގެ ބަނދަރުގެ މަސައްކަތް ކުރިއަށްދާކަމަށާއި، މި މަސައްކަތް ކުރިއަށް ގެންދަވާނީ ރައްޔިތުން އެދޭ ގޮތަށްކަމަށެވެ.
ރައްޔިތުން އެދޭ ބަދަލުތަކުގެ އިތުރުން، ބަނދަރުގެ މަސައްކަތް ނިމިގެންދާއިރު، ދެވަނަ ފިޔަވައްސެއްގެ ގޮތުގައި މޫދަށް އެރޭ ސަރަހައްދަކާއި، އޮޑި އެހެލާނެ ސަރަހައްދެއްގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވާފައިވެއެވެ.
މީގެއިތުރުން، ކުޅިވަރުގެ ދާއިރާއިން ކުރިނބީގައި ކުރައްވާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ ފުޓްބޯޅަ ދަނޑަކާއި، ފުޓްސަލް ދަނޑެއްގެ އިތުރުން، ހޭންޑްބޯލް ކޯޓެއްވެސް ކުރިނބީގައި އަޅުއްވާނެ ކަމަށެވެ. އަދި ފުޓްސަލް ދަނޑުގެ މަސައްކަތް މިއަހަރު ނިންމަވާނެ ކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ރައްޔިތުންނަށް ދެއްވާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!