ހދ. ކުރިނބީ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ކުރިނބީ ސްކޫލްގެ މަލްޓި ޕާޕަސް ހޯލުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ މިއަދު ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުތައް ހަވާލުކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ކުރިނބީ އަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ޖަލްސާގައެވެ.
ކުރިނބީ ޞިއްޙީ މަރުކަޒުގެ އައު އިމާރާތް
ޞިއްހީ މަރުކަޒުގެ އައު އިމާރާތުގެ އެއްބަސްވުމުގައި ޞިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ.
މި މަޝްރޫޢުގެ ދަށުން 4,600 އަކަފޫޓުގެ ސަރަހައްދެއްގައި ބިންގަނޑު ކޮނުމާއި، މޭ ޝަނަރީ، ކޮންކްރީޓް މަސައްކަތް ކުރުމާއި، ޓައިލްސް ޖެހުމާއި، ދޮރާއި ކުޑަދޮރު ހަރުކުރުމާއި، ދަވާދު ލުމާއި، ދަގަނޑު މަސައްކަތްތަކާއި، ހައިޑްރޯލިކްސް އަދި ޑްރެއިނޭޖް މަސައްކަތާއި، ކަރަންޓު ވަޔަރު ކުރުމާއި، މެޑިކަލް ގޭސް ސިސްޓަމެއް ހަރުކުރުމާއި، އެއަރ ކޮންޑިޝަން ސިސްޓަމެއް ހަރުކުރުމުގެ އިތުރުން އަލިފާން ނިއްވާ ނިޒާމެއް ހަރުކުރުމުގެ މަސައްކަތް ވެސް ކުރާނެއެވެ. މި މަޝްރޫއަކީ 12.53 މިލިޔަން ރުފިޔާއަށް 300 ދުވަސްތެރޭ ނިންމު މަށް ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.
ކުރިނބީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޞިއްހީ މަރުކަޒުގެ އައު އިމާރާތުގައި ލެބޯޓްރީއާއި ވޯޑާއި ޕްރޮސީޖަރ ރޫމާއި ނާސިން ސްޓޭޝަނާއި ގަރާޖަކާއި ސްޓޯރޭޖް އޭރިއާއެއްގެ އިތުރުން ޕަބްލިކް ހެލްތު ޔުނިޓެއް ޤާއިމުކުރެވޭނެކަމަށެވެ. އަދި އައު އިމާރާތް ނިމުމުން 24 ގަޑިއިރު، ޞިއްޙީ ޚިދުމަތް ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ކުރިނބީ ސްކޫލްގެ މަލްޓި ޕާޕަސް ހޯލުގެ މަސައްކަތް
މަލްޓި ޕަރޕަސް ހޯލު އެޅުމުގެ އެއްބަސްވުމުގައި ތަޢުލީމީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޙުސައިން ސަޢީދު މުޙައްމަދެވެ. އަދި އެފްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ރައްޒާނެވެ.
ކުރިނބީ އަކީ ރައީސްގެ ހދ. އަތޮޅު ދަތުރުފުޅުގެ 12 ވަނަ މަންޒިލެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!