ހދ. މަކުނުދޫ ބިންހިއްކުމާއި އެއަރޕޯޓް ތަރައްގީކުރުމުގެ މަޝްރޫޢު އެމްޓީސީސީއަށް އަދި އެރަށު މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަބް އާރުޑީސީ އާއި މިއަދު ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުތައް ހަވާލުކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މަކުނޫދޫ އަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމުގައެވެ.
މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތް ކުރުމާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ.
މިއެއްބަސްވުމުގެ ދަށުން 1800 މީޓަރުގެ ދިގު ރަންވޭއެއް ތަރައްޤީ ކުރުމަށް ބިން ހިއްކާނެވެ. އަދި ރަށުގެ ބޭނުމަށް 22 ހެކްޓަރުގެ ބިން ހިއްކާނެވެ.
މި އެއަރޕޯޓް ނިންމުމަށް ފަހު ހިންގުމަށް ހަވާލުކުރަން ނިންމާފައިވަނީ އެމްއޭސީއެލްއާއިއެވެ.
މަކުނުދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދުއެވެ. އަދި އާރްޑީސީން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާޙިމް ނަޒީމްއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!