މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލުން، އެ ރަށުގެ ބަނދަރުގެ ޓީޖެޓީ ސަރަހައްދުގައި ރެސްޓޯރެންޓަކާއިއެކު ތަރައްގީ ކޮށްފައިވާ ހިތްގައިމު ފެރީ ޓާމިނަލްގެ ފޮޓޯތައް އެ ކައުންސިލްގެ ފޭސްބުކް ޕޭޖުގައި ހިއްސާ ކުރުމުން، ގިނަބަޔަކަށް އެ އިމާރާތް ވަރަށް ކަމުދިޔައެވެ.
އެ އިމާރާތް ތަރައްގީ ކޮށްފައި ވަނީ ޖާގަތަނަވަސް ފެރީ ޓާމިނަލަކާއި ހިތްގައުމު މޫދުގެ މަންޒަރުތައް ވަރަށް ފުރިހަމައަށް ފެންނާނެ ރެސްޓޯރެންޓަކާއިއެކުއެވެ. އެތަނުގައި ފީޑިން ރޫމްގެ އިތުރުން އާންމު ފާހާނާތައް ވެސް ހިމެނެއެވެ.
އެ އިމާރާތުގެ އަމަލީ މަސައްކަތް މިދިޔަ އަހަރުގެ އޮކްޓޯބަރ ގައި ފަށާ މި އަހަރުގެ އޮގަސްޓަށް ނިންމާފައިވާއިރު، އެ އިމާރާތް އަޅާފައިވަނީ ސަތޭކަ އިންސައްތަ އެ ކައުންސިލްގެ ބަޖެޓުން ހަރަދުކޮށްގެންނެވެ. އެ އިމާރާތަށް ކައުންސިލުގެ ބަޖެޓުން ވަނީ 3.8 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.
އާބާދީގައި 1200 އެއްހާ މީހުން ދިރިއުޅެމުން އަންނަ، ފީވަކުގައި ކޮށްފައިވާ ހިތްގައިމު މި އިމާރާތާއި އަދި އެ ކައުންސިލުން މިހާރު އިމާރާތް ކުރަމުން އަންނަ ޒަމާނީ އެކަމަޑޭޝަން ބްލޮކުން ބުނެދެނީ ވަރަށް މުހިންމު ވާހަކަތަކެކެވެ.
ފީވަކު ކައުންސިލުން ބައްތެއްޔެއްގެ ސިފަވާގޮތަށް ރެސްޓޯރެންޓަކާއިއެކު ތަރައްގީ ކޮށްފައިވާ ހިތްގައިމު ފެރީ ޓާމިނަލް، ފޮޓޯ: ފީވަކު ކައުންސިލު
ފީވަކު ކައުންސިލްގެ ރައީސް އަލީ ރަޝީދު ހަސަން ''ތިލަދުން'' އަށް މައުލޫމާތު ހިއްސާކުރަމުން ވިދާޅުވީ މިހާރު އޮތް ކައުންސިލުން ރަށުގެ ހިންގުމާއި ހަވާލުވީއިރު ކައުންސިލަށް އާމްދަނީ ލިބޭނެ އެކަށީގެންވާ ގޮތްތަކެއް ނެތް ކަމަށާއި، ކައުންސިލްގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކުރަން ޖެހިފައި އޮތީ ކަރަންޓު ބިލްތައް ދެއްކުމަށް ކަމަށެވެ. އެކަމުން އަރައިގަތުމަށް ކައުންސިލްގެ ފުރަތަމަ ދެ އަހަރުތެރޭ ކައުންސިލް އިމާރާތްތަކުގައި ސޯލާ ހަރުކޮށް ކަރަންޓަށް ކުރާ ހޭދަ ބޮޑުތަނުން ކުޑަކޮށްފައިވާ ކަމަށެވެ.
މީގެއިތުރުން ކައުންސިލް ބަޖެޓުން ބޮޑު ހޭދައެއް ކޮށްގެން ބާއްވަމުން އައި އީދުފަދަ މުނާސަބާތައް ފާހަގަ ކުރުން ހުއްޓާލުމާއި، ކުޅިވަރު މުބާރާތްތައް ބޭއްވުމާއި ބައިވެރިވުން ލިމިޓްކޮށް އެކަމަށް ކުރަމުން އައި ހޭދަތަކުން ވެސް ބާކީކޮށް ދެމެހެއްޓެނިވި އާމްދަނީއެއް ލިބޭނޭ މަގުތައް ކޮށުމަށް ކައުންސިލުން އަމާޒު ހިފީއެވެ.
ބައްތެއްޔެއްގެ ސިފަވާ ފީވަކު ހާބަރ ކެފޭ ފެރީ ޓާމިނަލް، މިތަނަށް ވަނީ ބޮޑު ސަމާލުކަމެއް ލިބިފައި، ފޮޓޯ: ފީވަކު ކައުންސިލް
ފެރީ ޓާމިނަލް އިމާރާތުގެ ހިޔާލާއި އަދި އެތަން ޑިޒައިން ކުރުމުގައި ގެންގުޅުނު ވިސްނުން ހިއްސާ ކުރަމުން އޭނާ ވިދާޅުވީ، ވިސްނީ ބަލައިލަން ވެސް ހިތްގައިމު ފަރުމާއެއް ހަދަން ކަމަށާއި، އެގޮތުން މިހާރު ފެންނަން އެހުރި އިމާރާތް ޑިޒައިން ކޮށްފައި އެވަނީ ދިވެހީން ކަނޑު ދަތުރުފަތުރު ކުރުމަށް ކުރީޒަމާނުގައި ބޭނުންކުރި "ބައްތެލި" އަސްލަކަށް ބަލައިގެން އެ ސިފަކުރެވޭ ގޮތައްކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ ކައުންސިލް ބަޖެޓަށް އާމްދަނީ އިތުރު ކުރުމަށް ކުރެވެމުން އަންނަ މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން 2026 ވަނަ އަހަރު ނިމޭއިރު ކައުންސިލްގެ ބަޖެޓަށް ދެމިލިއަނަށްވުރެބޮޑު ފައިދާ ލިބިގެންދާނެ ކަމަށެވެ.
ބައްތެއްޔެއްގެ ސިފަވާ ފީވަކު ހާބަރ ކެފޭ ފެރީ ޓާމިނަލް، މިތަނަށް ވަނީ ބޮޑު ސަމާލުކަމެއް ލިބިފައި، ފޮޓޯ: ފީވަކު ކައުންސިލް
އޭނާ ވިދާޅުވީ ކައުންސިލުގެ އަމިއްލަ ޕްރޮޕަޓީތަކުން ކައުންސިލަށް ދެމެހެއްޓެނިވި ގޮތެއްގައި ފައިދާވާން ފެށުމުން އީދު ކުޅުމާއި މުބާރާތްތައް ބޭއްވުމާއި ބައިވެރިވުން އިހުނެކޭ އެއްގޮތަށް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ބަޖެޓުގެ ތާށިކަމެއްނެތި އެކަން ކުރެވޭނީ މިމަގުން ވިސްނުން ގެންގުޅެގެން ކަމަށެވެ.
ބައްތެއްޔަކީ އިހުގައި ރިޔާ ނަގައިގެން ދުއްވާ އުޅުނު ކަނޑު އުޅަނދުގެ ބާވަތެކެވެ. މީގައި ދެކޮޅު މައްޔަލުގައި ކިއްސަރެއް ހުންނާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!