ތުރުކީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރެއްވި މަނަވަރަކީ، ރާއްޖެއާއި ތުރުކީވިލާތާ ދެމެދު އޮތް ވަރުގަދަގުޅުން ދައްކުވައިދޭ ރަމްޒެއްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، ތުރުކީ ނޭވީގެ ފްލީޓް ކޮމާންޑަރ އެޑްމިރަލް ކާދިރް ޔިލްޑްޒް، އެމަނިކުފާނުގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައި ކުރިއަށްގެންދެވި ބައްދަލުވުމުގައެވެ.

Ad
rt

މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒުވަނީ ތުރުކީވިލާތުން ދިވެހިރާއްޖެއަށް ހަދިޔާކުރެއްވި މަނަވަރާއި ދެއްވާ އެއްބާރުލެއްވުން ފާހަގަކުރައްވައި އެކަމަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ތުރުކީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރެއްވި މަނަވަރަކީ، ރާއްޖެއާއި ތުރުކީވިލާތާ ދެމެދު އޮތް ވަރުގަދަގުޅުން ދައްކުވައިދޭ ރަމްޒެއްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ތުރުކީ ނޭވީގެ ފްލީޓް ކޮމާންޑަރ އެޑްމިރަލް ކާދިރް ޔިލްޑްޒް ވަނީ، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ތުރުކީން ހަދިޔާކުރި މަނަވަރު "ދަރުމަވަންތަ" ޤައުމީ ދިފާޢީ ބާރާ ހަވާލުކޮށްފި

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވެސް ވަނީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ތުރުކީވިލާތުން ދިވެހިރާއްޖެއަށް ހަދިޔާކުރި މަނަވަރު 9 އޯގަސްޓް 2025 ގައި ރާއްޖެ ގެނެސްފައިވާއިރު، 15 އޯގަސްޓް 2025 ގައި މި މަނަވަރު ވަނީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާއި ރަސްމީކޮށް ހަވާލުކޮށްފައެވެ. ތުރުކީވިލާތުން ދިވެހިރާއްޖެއަށް ހަދިޔާކުރި މަނަވަރަށް ދީފައިވާ ނަމަކީ "ދަރުމަވަންތަ" އެވެ. މި މަނަވަރު ޤައުމީ ދިފާޢީ ބާރާ ޙަވާލުކޮށްދެއްވީ، ތުރުކީ ނޭވީގެ ފްލީޓް ކޮމާންޑަރ އެޑްމިރަލް ކާދިރް ޔިލްޑްޒްއެވެ. ޤައުމީ ދިފާޢީ ބާރުގެ ފަރާތުން މަނަވަރާ ޙަވާލުވެވަޑައިގަތީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.

ތުރުކީވިލާތުން ހިލޭ އެހީގެ ގޮތުގައި ދިވެހިރާއްޖެއަށް ހަދިޔާކުރި ޑޯގަން ކްލާހުގެ އަސްކަރީ މި މަނަވަރަކީ ދިވެހި އަސްކަރިއްޔާގެ ތާރީޚުގައި އަސްކަރިއްޔާއަށް އިތުރުކުރެވިގެންދިޔަ އެންމެބޮޑު އުޅަނދެވެ.