ށ.ފުނަދޫއާއި އެއްފަޅެއްގައި އޮންނަ ފަޅުރަށެއް ކަމަށްވާ ފަރުކޮޅު ބެލެހެއްޓުމަށް، ފުނަދޫ ކައުންސިލާއި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އާއި ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ފުނަދޫގެ އުތުރުން، ފުނަދޫއާއި އެއްފަޅެއްގައި އޮންނަ ފަރުކޮޅަކީ ގުދުރަތީގޮތުން ހިތްގައިމު ސިފަތަކެއް ލިބިފައިވާ ވަރަށް ރީތި ރަށެކެވެ. އެ ރަށް ސަރުކާރުން ހިމާޔަތް ކޮށްފައި ވަނީ 2018 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ ހަތްވަނަ ދުވަހުއެވެ.
ތިމާވެއްޓާއި ބެހޭ ވުޒާރާއާއި ފުނަދޫ ކައުންސިލާއި ދެމެދުވެފައިވާ އެއްބަސްވުމާއި ގުޅޭގޮތުން ''ތިލަދުން'' އަށް މައުލޫމާތު ހިއްސާ ކުރައްވަމުން ފުނަދޫ ކައުންސިލްގެ ރައީސް އަހްމަދު އިބްރާހިމް ފުޅުވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ފަރުކޮޅު ބެލެހެއްޓުމަށް ބޭނުންވާ ރޭންޖާސް ނެގުމާއި އެކަމާއިގުޅޭ އޮފީސް ގާއިމްކުރުމުގެ އިތުރުން އެކަމާއި ގުޅުންހުރި ކަންކަމުގައި ކައުންސިލުގެ ފަރާތުން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ ފަރުކޮޅުގެ ކަންކަން ބެލެހެއްޓުމާއި ގުޅޭ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށާއި، އެގޮތުން އެ ރަށަށް ދަތުރުކުރާ ފަރާތްތައް ޕޯޓަލްއެއް މެދުވެރިކޮށް ރަޖިސްޓަރީވާގޮތައް އިންތިޒާމްކުރެވި، އުސޫލުގެ ތެރެއިން ކަންކަން ބެލެހެއްޓިގެންދާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ފަރުކޮޅަކީ މިހާރުވެސް ވަރަށްގިނަ ބަޔަކު ދަތުރުގޮސް ހަދާ ރަށެއް ކަމަށާއި، ބައެއް ފަރާތްތަކުގެ ނޭދެވޭ އަމަލުތަކުގެ ސަބަބުން އެކަމުގެ ނޭދެވޭ އަސަރު މިހާރު ވެސް އެ ރަށަށް ކުރަމުން އަންނަ ކަމަށެވެ. އުސޫލުގެ ތެރެއިން ކަންކަން ބެލަހައްޓަން ފެށުމުން އެފަދަ ކަންކަމަށް ހައްލު ލިބިގެންދާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!