ބ. ފުޅަދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގާއިމުކުރި އޭޓީއެމްގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.
މި ޚިދުމަތް އިފްތިތާޙު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ރައީސް މުޢިއްޒު ބ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވަމުންދާ ދަތުރުފުޅުގެ އަށް ވަނަ މަންޒިލުގެ ގޮތުގައި ރޭ ވަޑައިގެންނެވި ފުޅަދޫގައި އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވުމަށްފަހު، އެމަނިކުފާނު ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އަދި ހަނދާނީ ބޭންކް ކާޑެއް ރަށު ކައުންސިލާ ހަވާލުކުރެއްވިއެވެ.
ފުޅަދޫގައި ޤާއިމްކޮށްފައިވާ ސެލްފް ސަރވިސް އޭޓީއެމް މެދުވެރިކޮށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބޭނެއެވެ. މީގެ އިތުރުން، ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ޚިދުމަތްވެސް މި އޭޓީއެމުން ލިބޭނެއެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރުމަށް ސަރުކާރާއި ބީއެމްއެލްއާ ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، ފުޅަދޫއަކީ މިއަހަރު އޭޓީއެމް ޤާއިމްކުރެވުނު 43 ވަނަ ރަށެވެ.
މި މަޝްރޫޢުގެ ދަށުން މިހާތަނަށް ހއ. އަތޮޅާއި، ށ. އަތޮޅާއި، ދ. އަތޮޅާއި، ނ. އަތޮޅާއި، މ. އަތޮޅު އަދި ކ. އަތޮޅު ހިމެނޭ ގޮތަށް 6 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ވަނީ ފަށާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!