ވޭޕާއި މަސްތުވާތަކެތި ގެންގުޅުމުގެ ތުހުމަތުގައި ގދ. ތިނަދޫއިން ފުލުހަކު ހައްޔަރު ކުރުމުން, ފުލުހުންގެ މަގާމުގެ ހުވާކޮށްފައިނުވާ ކަމަށް ބުނެ ކޯޓުގައި ވަކާލާތުކުރި ފުލުސް މީހާ ބަންދުން ދޫކޮށްލީ ގޯސްކޮށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ތިނަދޫއިން މިދިޔަ މަހު ފުލުހަކު ހައްޔަރުކުރީ އޭނާ ދިރިއުޅޭ ގެ ބަލާ ފާސްކުރުމަށްފަހު އެތަނުން އީސިނގިރޭޓާއި ގުޅުންހުރި ތަކެތީގެ އިތުރުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ބައެއް ތަކެތިވެސް ފެނިފައިވާ ކަމަށް ތުހުމަތުކޮށެވެ. ނަމަވެސް އެރަށު ކޯޓުން ނިންމީ އޭނާ ދޫކޮށްލުމަށެވެ.
އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ފުލުސް މީހާގެ ފަރާތުން ބުނެފައިވަނީ އޭނާއަކީ ފުލުހުންގެ ހުވާކުރި މީހެއް ނޫން ކަމަށާއި އަދި ހުވާކުރި ރަސްމިއްޔާތުގައި ބައިވެރިވި ނަމަވެސް ފުލުހުން ހުވާ ކިޔާފައި ނުވާނެ ކަމަށެވެ.
އެކަމާ ގުޅިގެން ފަނޑިޔާރުންގެ ގިނަ ފާޑުކިޔުންތަކެއް އެ މީހާއަށް ކޯޓުގައި އަމާޒުވި އެވެ.
އެ މައްސަލާގައި ހައި ކޯޓުން މިއަދު ނިންމީ އޭނާ ބަންދުން ދޫކޮށްލުމަށް މެޖިސްޓްރޭޓު ކޯޓުން ނިންމި ނިންމުން ގޯސް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!