ސްކޫލުގެ ބޮޑުޗުއްޓީ ޑިސެމްބަރަށް ބަދަލުކޮށް 2026 ވަނަ އަހަރުގެ އެކަޑަމިކް ކަލަންޑަރު ނެރެފިއެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ނެރެފައިވާ އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން 2026 ވަނަ އަހަރުގެ ކިޔެވުން ފެށޭނީ އަންނަ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ. އެ ޓާމުގެ މިޑް ބްރޭކް އޮތީ މެއި މަހުގެ 24 އިން 30 އަށެވެ. އަދި ފުރަތަމަ ޓާމު ނިމި ޗުއްޓީ ލިބޭނީ ޖުލައި 17 އިން އޮގަސްޓް 1 އަށެވެ.
ދެވަނަ ޓާމުގެ ކިޔެވުން ފެށޭނީ އޮގަސްޓް 2 ގަ އެވެ. ދެވަނަ ޓާމުގެ މިޑް ބްރޭކް ލިބޭނީ ސެޕްޓެމްބަރު 13 އިން 19 އަށެވެ. ބޮޑު ޗުއްޓީ ލިބެނީ ޑިސެމްބަރު 18 އިން ޖެނުއަރީ 12 އަށެވެ.
މިފަހަރުގެ ކަލަންޑަރުގައި ވަނީ އަލަށް ސްކޫލްއަށް ދަރިވަރުން ވައްދާ ތާރީހާއި އެއް ސްކޫލްއިން އަނެއް ސްކޫލްއަށް ދަރިވަރުން ބަދަލުކުރެވޭނެ މުއްދަތުވެސް ހިމަނާފައެވެ. އެގޮތުން މެއި މަހުގެ 17 އިން ޖޫން 15 ހަމައަށް މުއްދަތެއް ހިމަނާފައިވާއިރު 18 އޮކްޓޫބަރުން 17 ނޮވްމެބަރާއި ދެމެދު އެއް ސްކޫލްއިން އަނެއް ސްކޫލްއަށް ދަރިވަރުން ބަދަލުކުރުމުގެ ފުރުސަތު ދިނުމަށް ކަނޑައަޅާފައިވެއެވެ. މީގެ އިތުރުން އަންނަ އަހަރު އަލަށް ސްކޫލަށް ކުދިން ވެއްދުމަށް ކަނޑައަޅާފައިވާ މުއްދަތަކީ 12 ޖުލައިން 31 އޯގަސްޓްއާ ހަމައަށެވެ.
ޖޫން/ޖުލައި އަށް ސްކޫލުގެ ބޮޑު ޗުއްޓީ ބަދަލުކޮށްފައި ވަނީ 2021 ވަނަ އަހަރު އޭރު އޮތް އެމްޑީޕީ ސަރުކާރުންނެވެ. ނަމަވެސް ޖޫން/ޖުލައި އަކީ ރާއްޖެއަށް ހުޅަނގު މޫސުމުގެ ވިއްސާރަކުރާ ދުވަސްވަރަށްވެފައި ކަނޑުތައް ގަދަވެ ޗުއްޓީގައި ދަތުރުފަތުރު ކުރުމަށް ހުރަސްއެޅޭތީ އެކަމުގެ ސަކުވާ އޭރު އޮތީ ބޮޑުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް އަރިހުން ގިނަ ބަޔަކު އެދުނު އެއް ކަމަކީ ވެސް ދިރާސީ އާ އަހަރު ފަށާ ދުވަސްވަރު ކުރިން އޮތް ގޮތަށް ބަދަލުކޮށް ދިނުމަށެވެ. އެހެންވެ، ބޮޑު ޗުއްޓީ އަލުން ޑިސެމްބަރު މަހަށް ބަދަލު ކުރުމަކީ އެމަނިކުފާނުގެ ވައުދެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!