ކުޅިވަރު ވަސީލަތްތައް ޤާއިމްކުރުމުގެ 24 މަޝްރޫޢުއެއް ސަރުކާރުގެ ދެ ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.

މިގޮތުން މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އިން ހާމަކޮށްފައިވާ ގޮތުގައި ކުޅިވަރު ވަސީލަތްތައް ޤާއިމްކުރުމުގެ ގޮތުން ހއ އަތޮޅު ހިމެނޭހެން 5 އަތޮޅެއްގެ ބައެއް ރަށްރަށުގެ 13 މަޝްރޫޢުއެއްގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާއި ވަނީ ހަވާލުކޮށްފައެވެ.

Ad
rt

މި މަސައްކަތް ހަވާލުކުރުމުގެ ގޮތުން ސްޕޯޓްސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، މި އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސްޓޭޓް މިނިސްޓަރ މުޙައްމަދު ޑިލްޝަން އަބްދުالله އާއި ފެނަކަ ކޯޕަރޭޝަންގެ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އާރިފް ވަނީ ސޮއިކުރައްވާފައެވެ.

އެގޮތުން ހއ، ރ، ކ، ތ އަދި ލ އަތޮޅުގެ ބައެއް ރަށްރަށުގައި ކުޅިވަރުގެ ވަސީލަތްތައް ޤާއިމްކުރުމަށް ފެނަކައާއި ހަވާލުކުރެވުނު މި މަޝްރޫޢުގެ ތެރޭގައި 4 އައުޓްޑޯ ޖިމާއި، 3 ފުޓްސަލް ދަނޑާއި، 2 ހޭންޑްބޯޅަ ކޯޓު، 2 އައުޓްޑޯ ވޮލީކޯޓުގެ އިތުރުން 2 ފުޓްބޯޅަ ދަނޑެއްގެ ވަށާފާރު، ފެންސް އަދި ލައިޓް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާވެސް ވަނީ 11 މަޝްރޫޢުއެއްގެ މަސައްކަތް ހަވާލުކޮށްފައެވެ.

އާރުޑީސީއާއި ހަވާލުކުރެވުނު މި 11 މަޝްރޫޢުގެ ތެރޭގައި 5 އައުޓްޑޯ ޖިމާއި، 3 ފުޓްބޯޅަ ދަނޑު (ސަބްސޭސް، ޓާފް، ވަށާފާރު، ފެންސް ލައިޓް ހަރުކުރުން)، 1 ހޭންޑްބޯޅަ ކޯޓު އަދި 1 ފުޓްސަލް ދަނޑުގެ އިތުރުން ފ. ބިލެތްދޫ ފުޓްބޯޅަ ދަނޑެއްގެ ވަށާފާރާއި ފެންސް އަދިި ލައިޓް ހަރުކުރުމަށް ވަނީ ހަވާލުކޮށްފައެވެ.

މި ރަސްމިއްޔާތުގައި އާރުޑީސީގެ ފަރާތުން މި މަޝްރޫޢޫތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ އިބްރާޙީމް ނަޒީމް އެވެ.

މި 24 މަޝްރޫޢު ހިންގާ ރަށްތަކުގެ ތަފްސީލެއް ސްޕޯޓްސް މިނިސްޓްރީން ހާމައެއް ނުކުރެއެވެ.