ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މައި ޖަގަހަ ގޮތުގައި ބޭނުންކުރަމުން އަންނަ ދަނޑިކޮށި ޖަގަހަ އަށް ގެއްލުން ދިން މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ޗާންދަނީމަގުގައި ހުންނަ އެމްޑީޕީގެ ހަރުގޭގެ ދޮރަށް ގެއްލުންދިން މައްސަލަ ރޭގެ ދަންވަރު 1:30 ހާއިރު އެ އިދާރާ އަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި މ. ސްޓާ / މާލެ، މުހައްމަދު ރަޒީން (49އ) ހައްޔަރުކޮށްފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.
ރަޒީން އަކީ މަސްތުގެ ހާލުގައި ހުރެ މީހުންނާއި ފޮށި އުނދަގޫކޮށް، ތަކެއްޗަށާއި ތަންތަނަށް ގެއްލުން ދެމުން އަންނަ ކަމަށް މީހުން ބުނެއުޅޭ މީހެކެވެ.
އޭނާ ވަނީ މާފަންނު ޑަންކް ފިހާރަ ކުރިމައްޗަށްވާހެން ހުންނަ ''އައިސް ބްރޭކް'' ކެފޭ ބިއްލޫރި ރެކު ތަޅާލި މައްސަލާގައި މިއަހަރުގެ އޭޕްރިލް މަހުގެ 29 ވަނަ ދުވަހު ހައްޔަރުކޮށްފައެވެ. އަދި މީނާ ވަނީ އައިޖީއެމްއެޗް ޑިއުޓީގައި ތިބި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ވާޖިބަށް ހުރަސްއެޅި މައްސަލާގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހައްޔަރުވެސް ކޮށްފައެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި މިފަހަރު މީނާ ގެއްލުން ދީފައި ވަނީ އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގެ ބޮޑު ދޮރަށެވެ. މި މައްސަލަ ތަހްގީގުކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.
އެމްޑީޕީގެ ޖަގަހައަށް މީގެ ކުރިން ވެސް ގެއްލުންދިން މައްސަލަތައް ވަނީ ފެންމަތިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!