ސަރުކާރުގެ އެހީ ލިބިގެންނާއި އަމިއްލަ ގޮތުން ބޭސްފަރުވާއަށް ބޭރަށްދާ ދިވެހިންނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިއްކާ ޑޮލަރުގެ އަދަދު މިއަދުން ފެށިގެން އިތުރުކޮށްފިއެވެ.
އެންސްޕާގެ އެހީ ލިބިގެން ބޭހަށް ބޭރަށް ފުރާ ބަލިމީހުންނަށް 2000 ޑޮރަރު އަދި އަމިއްލަ ޚަރަދުގައި ބޭހަށް ދާ މީހުންނަށް 1000 ޑޮލަރު ލިބޭގޮތަށް، 1 އޯގަސްޓުން ފެށިގެން ހަދަން ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާކަން ރައީސް ޑރ. މުހައްމަދު މުޢިއްޒު އިއުލާންކުރެއްވީ މިދިޔަ ޖުލައި މަހުގެ 21 ވަނަ ދުވަހުއެވެ. މި ބަދަލު ގެނެސްފައިވަނީ ބޭސްފަރުވާއަށް ބޭރަށްދާ ފަރާތްތަކަށް ޑޮލަރު ހޯދުމުގައި ލުއިފަސޭހަކޮށް ދިނުމުގެ ގޮތުންނެވެ.
ރައީސްގެ މި އެންގެވުމާއި އެއްގޮތަށް ބީއެމްއެލް އިން ވަނީ މިއަދުން ފެށިގެން ޢަމަލުކުރަންފެށިކަން އާންމުކޮށް ޢިއުލާންކޮށްފައެވެ.
މިގޮތުން މި ބަދަލާއެކު، އާސަންދައިގެ ދަށުން ބޭހަށްދާ މީހުންނަށް 2،000 ޑޮލަރު، އެންސްޕާގެ އެހީ ލިބިގެންދާ މީހުންނަށް އެންސްޕާއިން ކަނޑައަޅާ އަދަދަކަށް (ގިނަވެގެން 2،000 ޑޮލަރު)، އަދި އެއްވެސް އެހީއެއް ނެތި އަމިއްލަ ޚަރަދުގައި ދާ މީހުންނަށް 1،000 ޑޮލަރު ލިބޭނެއެވެ.
މިއީ މިހާތަނަށް ރާއްޖެއިން ބޭރަށްދާ ކޮންމެ މީހަކަށް ލިބެމުން އައި 500 ޑޮލަރަށްވުރެ އިތުރު އަދަދެކެވެ.
ބޭސްފަރުވާއަށް ދާ މީހުންނަށް ޑޮލަރު ގަތުމަށްޓަކައި އިންޓަނެޓް ނުވަތަ މޯބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ކަމާގުޅޭ ލިޔެކިޔުންތައް ހުށަހަޅަންޖެހޭނެއެވެ. މީގެ ތެރޭގައި ބަލިމީހާ އަދި އެހީތެރިޔާގެ ޓިކެޓާއި ޕާސްޕޯޓް ކޮޕީގެ އިތުރުން، އެހީ ލިބޭ ފަރާތްތަކުން އެކަމާގުޅޭ ލިޔުންތައް ހުށަހަޅަންޖެހޭނެއެވެ.
އަމިއްލަ ޚަރަދުގައި ބޭހަށްދާ ފަރާތްތަކުން ޑޮކްޓަރުގެ ލިޔުމާއި، ބައްޔާއި ބަލީގެ ހިސްޓްރީ އެނގޭނެ ލިޔުމެއް، އަދި އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ކަމުގެ ލިޔުން ހުށަހަޅަންޖެހޭނެއެވެ.
މި ބަދަލަކީ ބޭސްފަރުވާއަށް ބޭރަށްދާ ދިވެހިންނަށް ލިބިގެންދާނެ ބޮޑު ލުޔެއް ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!