އަސްކޮއި އުމްރާ ކުންފުޏަށް އުމްރާއަށް މީހުން ގެންދިއުމަށް ދީފައިވާ ހުއްދަ ހިފަހައްޓައި، ފިޔަވަޅުތަކެއް އެޅުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަސްކޮއި އުމްރާ ކުންފުނީގެ ހަވާލުގައި އުމްރާ އަށް ދިޔުމަށް ފައިސާ ދެއްކި މީހުންގެ ޕާސްޕޯޓާއި އެހެނިހެން ލިޔެކިޔުންތައް އަތުލުމަށްފަހު، 24 ޖުލައި 2025 ގައި އުމްރާ އަށް ފުރަން ހަމަޖެހިފައިވާކަން އެންގުމަށްފަހު، މިވަގުތު ސައޫދީ އަރަބިއްޔާ އަށް ދަތުރުކުރުން ރައްކާތެރިނޫންކަމަށް އުމްރާ އަށް ދާން ފައިސާ ދެއްކި މީހުންނަށް އަންގާފައިވާ ކަމަށެވެ. އަދި ނުރައްކާތެރިކަން ރަނގަޅުވުމުން ދަތުރުކުރަން އެ ކުންފުނިން ބޭނުންވާކަމަށް އެންގިކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

Ad
rt

އެހެންވެ އެކަމުގެ ޝަކުވާތައް ފައިސާ ދެއްކި މީހުން އިސްލާމިކް މިނިސްޓްރީގައި އަށް ހުށަހަޅާފައިވާކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި ފައިސާ ދެއްކި މީހުންގެ ޕާސްޕޯޓާއި ލިޔެކިޔުންތައް ހޯދުމަށް ކުންފުނީގެ ވެރިޔާއަށް ގުޅަން ކުރި މަސައްކަތްތައް ނާކާމިޔާބުވެފައިވާކަމުގެ ޝަކުވާ ލިބުނުކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އެހެންކަމުން މި މައްސަލާގައި އަސްކޮއި ގްރޫޕްގެ ވެރިޔާ އަށް ރަސްމީކޮށް އެ މިނިސްޓްރީން ކުރި އެއްވެސް މުއާމަލާތަކަށް ޖަވާބުދީފައި ނުވުމާއި، އަދި މި މައްސަލާގައި އަސްކޮއި ކުންފުންޏަށް ފޮނުވި ސިޓީ އަށް ވެސް ޖަވާބުދީފައި ނުވާކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކަންމިހެން ހުރުމުން ދިވެހިރާއްޖޭން މީހުން އުމްރާ އަށް މީހުން ގެންދިޔުމާއި އުސޫލާއި އެ ގްރޫޕް ޚިލާފްވެފައިވާތީ ފަސް ފިޔަވަޅެއް އަޅަން އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ.

އެ ފިޔަވަޅުތަކަކީ:

  • ރާއްޖެއިން މީހުން އުމްރާއަށް ގެންދިޔުމަށް އަސްކޮއި ޓްރެވަލްސް ލިމިޓެޑަށް ދޫކޮށްފައިވާ ހުއްދަ ހިފެހެއްޓުން
  • އެ ކުންފުނި ޖޫރިމަނާ ކުރުން
  • އަސްކޮއި ޓްރެވަލް ސާވިސް ލިމިޓެޑް އަދި އެ ކުންފުނީގެ އެއްވެސް ހިއްސާދާރެއް ހިމެނޭ ކުންފުންޏަކަށް ރާއްޖެއިން މީހުން އުމްރާއަށް ގެންދިޔުމުގެ ހުއްދަ ނުދިނުން
  • 2025 ވަނަ އަހަރުގެ ޖުލައި އުމްރާއަށް ދުރާލާ ފައިސާ ދައްކާފައިވާ މީހުންގެ ރިފަންޑު އަނބުރާ ހަވާލުކުރުމަށް އެންގުން
  • މައްސަލަ ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހަށް ހުށަހެޅުން

އަސްކޮއި ގުރޫޕަކީ މީހުން އުމްރާއަށް ގެންދިޔުމުގައި މީގެ ކުރިން ވެސް ގިނަ މައްސަލަތަކެއް ދިމާވެފައިވާ ގުރޫޕެކެވެ.