ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަލީ ޒުހައިރު، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރަށް އަދި އާރުޑީސީއަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ނަޡީމް މިއަދު އައްޔަންކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ވަނީ މި ބަދަލު ގެނެސްފައިވާކަން މިއަދު ޢިއުލާންކޮށްފައެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމަށް ޒުހައިރު ހަމަޖައްސާފައި މިވަނީ އެ މަގާމުގައި ކުރިން ހުންނެވި މައުރޫފް ޖަމީލް މިއަދު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. މައުރޫފް އެ މަގާމަށް ޢައްޔަނުކުރެއްވީ 22 ޑިސެމްބަރު 2024 ގައެވެ.
އާރުޑީސީގެ އެމްޑީއަކަށް އަލަށް ހަމަޖެއްސި ނަޡީމަކީ މި ސަރުކާރުން އެންމެ ފުރަތަމަ ޢައްޔަނުކުރި ސްޓޭޓް މިނިސްޓަރުންގެ ތެރޭ ހިމެނޭ ބޭފުޅެކެވެ. ރައީސް ޔާމީންގެ ދައުރުގައި ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި ނަޡީމް މި ސަރުކާރުގައި ޢައްޔަނުކުރަށްވާފައި ހުންނެވީ ހައުސިން އެންޑް ކޮންޓަރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމަށެވެ.
ނަޡީމް ވަނީ ރައީސް ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި އާއި ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމްގެ ވެރިކަމުގައި ރޯޑް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރކަން ވެސް ކުރަށްވާފައެވެ.
އެޗްޑީސީ އެމްޑީ ޒުހައިރުއަކީ ސިފައިންގޭގައި ބްރިގޭޑިއާ ޖެނެރަލްގެ ރޭންކް ފުރުއްވުމަށް ފަހު ރިޓަޔާ ކުރައްވާފައި ހުންނެވި ބޭފުޅެކެވެ. އޭނާ އާރުޑީސީ އަށް ޢައްޔަނުކުރެއްވީ 29 ނޮވެމްބަރު 2023 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!