ގއ. ދެއްވަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު މިއަދު ވަނީ ބާއްވާފަ އެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، އަހުމަދު ޝަރީފް އަބްދުއްރަހްމާން ޔޫސުފެވެ. އަދި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު، ހަސަން ރަޝީދެވެ.
103.09 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން ކުރާ މަސައްކަތްތަކުގެ ތެރޭގައި 60،672 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ފަޅު ފުންކުރުމާއި، 95،194 ކިއުބިކް މީޓަރުގެ ސަރަހައްދަކަށް ވެލި އެޅުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން 29 މީޓަރުގެ ބޭރު ތޮއްޓެއް ލުމާއި، 407 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމުގެ މަސައްކަތްވެސް ކުރެވޭނެއެވެ.
އަދި މި މަޝްރޫއުގެ ދަށުން 1،256 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 20 މީޓަރު ދިގު އަދި 2 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި، 1،980 އަކަ މީޓަރުގެ ޕޭވްމެންޓެއް ހެދުމުގެ މަސައްކަތްވެސް ހިމެނެއެވެ.
ދެއްވަދޫ ބަނދަރު އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ބަނދަރުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައެވެ. މި މަޝްރޫއުގެ މަސައްކަތް ފަށާތާ 630 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!