ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ)ގެ އައު ޓާރމިނަލް ހުޅުވުމުގެ މަސައްކަތުގައި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މުވައްޒަފުން ދައްކަމުންދާ ހިތްވަރުގެ އަގު ވަޒަން ކުރުމަށް، ހައުސިން ޑިވެޕޮލްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މުވައްޒަފުން މިއަދު ފަރިވަޅު ދީފިއެވެ.
އެޗްޑީސީން ބުނީ ވީއައިއޭގެ އައު ޓާރމިނަލް ބިނާ ކުރުމުގައި އަވަދިނެތި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން އެޗްޑީސީން ތައްޔާރުކުރި ފަރިވަޅު މިއަދު ދީފައިވާ ކަމަށެވެ.
އެޗްޑީސީގެ މުވައްޒަފުން މި ފަރުވަޅު ހިފައިގެން ވީއައިއޭ އަށް ދަތުރުފެށީ އެޗްޑީސީގެ މައި އޮފީހުންނެވެ. އެޗްޑީސީގެ އަންހެން މުވައްޒަފުން އިސްވެތިބެ ދިން މި ފަރިވަޅު އެއާޕޯޓް މުވައްޒަފުންނަށް ދީފައި ވަނީ ބޮޑުބެރާ ވެސް އެކުގައެވެ.
އެޗްޑީސީގެ ފަރިވަޅާއި އެމްއޭސީއެލްގެ އެމްޑީ ޝަރީފް ހަވާލުވަނީ، ފޮޓޯ: އެޗްޑީސީ
އެޗްޑީސީ އަންހެން މުވައްޒަފުންގެ ބޯމަތީ ބަހައްޓައިގެން މި ފަރިވަޅު އެއާޕޯޓް މުވައްޒަފުންނަށް ދިންއިރު، އެއާޕޯޓްގެ އިސް ވެރިން ވެސް ވަނީ އެކަމުގައި މުވައްޒަފުންނާއި ބައިވެެރިވެ އުފާފާޅުކޮށްފައެވެ.
އައު ޓާމިނަލް ހުޅުވުމަށް ރެޔާދުވާލު ވަމުން އަންނަ ތައްޔާރީތަކުގައި އެއާޕޯޓާއި އެތަނުގައި މަސައްކަތްކުރާ އޮޮޕަރޭޝަނާ ގުޅުންހުރި އިދާރާތަކުގެ މުވައްޒަފުން ކުރަމުން އަންނަ މަސައްކަތަށް އެކި މުއައްސަސާ، ކުންފުނިތަކުން އަންނަނީ ހިތްވަރު ދެމުންނެވެ.
އައު ޓާމިނަލް ހުޅުވަން ނިންމާފައި ވަނީ މި މަހު 26 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!