ތަރިކައިން އާމްދަނީ ހޯދުމުގެ މަސައްކަތުގެ ތެރެއިން ތަކަންދޫ ހިރިގަލު ގަބުރުސްތާނު ތަރައްޤީ ކުރުމުގެ ފަހުގެ ތައްޔާރީތައް ފަށާފައިވާކަމަށް ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ނައިބު ރައީސްކަން ވެސް ކުރަށްވަމުން ގެންދަވާ ޝުޖާއު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެ ވަޢުދާ އެއްގޮތަށް ތަރިކައިން އާމްދަނީ ހޯދުމުގެ މަސައްކަތުގެ ތެރެއިން ތަކަންދޫގެ ހިރިގަލު މަހާނަ ގައު ހިމެނޭ ސަހަރާ ތަރައްޤީ ކުރުމުގެ މަޝްރޫޢު ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ފަށާފައިވާ ކަމަށެވެ.
މިކަމާއި ގުޅިގެން ތަރިކައާއި ބެހޭ ވުޒާރާއިން ބުނީ، ރައީސް މުޢިއްޒުގެ ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ޚާއްޞަ މަޝްރޫޢުގެ ތެރެއިން ޣާޒީ ރަދުންގެ އަސަރުތައް ދިރުވުމާއި، ތަރިކައިން އާމްދަނީ ހޯދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތްތައް ފެށުމަށް ބޭނުންވާ އެންމެ ފަހުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ހއ.އުތީމު، ތަކަންދޫ އަދި ބާރަށަށް އެ ވުޒާރާއާއި އާރުޑީސީގެ ޓީމުން މަސަައްކަތް ފަށާފައިވާ ކަމަށެވެ.
ރައީސް ޑރ @MMuizzu ގެ ވަޢުދާ އެއްގޮތަށް ތަރިކައިން އާމްދަނީ ހޯދުމުގެ މަސައްކަތުގެ ތެރެއިން ހއ.ތަކަންދޫގައިވާ ދުނިޔޭގެ އެންމެ ބޮޑު ހިރިގަލު މަހާނަ ގައު ހިމެނޭ ސަހަރާ ތަރައްޤީ ކުރުމުގެ މަޝްރޫޢު ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށް ދަނީ.#ބާރަށުދާއިރާ https://t.co/mXf3vidu0o
— Ibrahim Shujau (@IbrahimShujaau) July 12, 2025
މިއަހަރުގެ ޖެނުއަރީ މަހު ތަކަންދޫއަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ތަކަންދޫއަކީ ޤައުމީ ވިސްނުމެއްގައި، ސަމާލުކަން ދޭންޖެހޭ ރަށެއްގެ ގޮތުގައި ކަނޑައަޅާފައިވާކަމަށް ވިދާޅުވެފައެވެ. އަދި ޤައުމިއްޔަތު ރައްކާތެރިކުރުމުގެ ޚާއްޞަ މަޝްރޫޢުގެ ތެރޭގައި ތަކަންދޫ ހިމަނާފައިވާކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ތަކަންދޫގައި ހުރި ތާރީޚީ ތަންތަން، އެ ތަންތަނަށް ދޭންވާ އިސްކަންދީގެން، ބަޖެޓުން ޚަރަދުކޮށް، އެ ތަންތަން ސަލާމަތްކޮށް، އާބާތުރަފިލުވައި، އޭގެ ޙަޤީޤީ އައިޑެންޓިޓީއަށް އިއާދަކޮށް، ރައްކާތެރިކޮށް، ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ މަޝްރޫޢެއް ހިންގާނެކަމަށެވެ. އަދި ތާރީޚު ދަސްކުރަން ބޭނުންވާ، އަދި ދިރާސާކުރާ، ކިޔަވާ ދިވެހި ކުދިންނާއި ރައްޔިތުންނަށްވެސް، އޭގެ ނަފާ ލިބޭގޮތަށް މި ތަންތަން ދެމެހެއްޓުމަކީ ސިޔާސަތުކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޢިއުލާނު ކުރައްވާފައިވާ ޣާޒީ ބަންޑާރައިންގެ އަސަރުތަކުގެ އަސްލު ނުގެއްލޭ ގޮތަށް ހިމާޔަތްކުރުމަށާއި، މާއްދީ އެހެން ތަރިކަތައް ހިމާޔަތްކޮށް ދެމެހެއްޓުމާއި، ތަރިކައިން އާމުދަނީ ހޯދުމުގެ ސިޔާސަތުގެ ދަށުން ހއ. އުތީމު ތަކަންދޫ ބާރަށް ހިމެނޭހެން ތަރައްޤީކުރެވޭ މަޝްރޫޢަކީ ރާއްޖޭގައި ތަރިކައިގެ ދާއިރާއިން މިހާތަނަށް ހިންގޭ އެންމެ ބިޔަ މަޝްރޫޢުކަމުގައި ތަރިކައާއި ބެހޭ ވުޒާރާގެ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވެސް ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި ގިނަ ދުވަސްވީ ހިރިގަލުގެ މަހާނަގާ އެންމެ ގިނައިން ހުރި އެއް ގަބުރުސްތާނަކީ ހއ. ތަކަންދޫ ގަބުރުސްތާންކަމަށް ތާރީޚު ދިރާސާކުރައްވާ ބޭފުޅެއްކަމަށްވާ އަހްމަދު ސާލިމް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!