ކުރީގެ އަދަދާއި ގުޅޭ:

" އެއް މަސް ދުވަހަށް ޖެހިއްޖެ ލަންކާއަށް ދާން. އޮފީސް ދަތުރަކު. " ސާމިހް ބުންޏެވެ.

Ad
rt

އެއާއެކު މަރިޔަމްއަށް ހަސަންގެ މޫނަށް ބަލައިލެވުނީ ކަންބޮޑުވުމާއެކުއެވެ.

" ނުދާން ވަރަށް މަސައްކަތް ކުރިން. އެކަމަކު... އެކަމަކު ބޮސް ބޭނުން ވީ އަހަރެން ފޮނުވަން. " ސާމިހް ބުންޏެވެ.

" ރަނގަޅުވާނެ. ވަޒީފާއަށް އިސްކަން ދޭން ޖެހޭނެ. ހާނިމްއަށް ގުޅައިގެން މަންމަ ޑޮކްޓަރަށް ދައްކަން ދާ ގޮތަށް ބައްޕަ ހަމަޖައްސާނަން. ދަރިފުޅު އެކަމާ އެހާ ކަންބޮޑު ނުވޭ." ހަސަން ބުނެލިއެވެ.

އެއްވެސް ދަރިޔަކު ހިތުގައި ޖެއްސުމަކީ ފަހަރެއްގައި ވެސް އެ ދެމަފިރިން ކުރަން ބޭނުންވާ ކަމެއް ނޫނެވެ. އަދި އެ ދެ މީހުންނަކީ އެއްވެސް ދަރިޔަކަށް ބުރައަކަށް ވާކަށް ވެސް އެ މީހުން ނޭދެއެވެ. ސާމިހް ނިކުމެގެން ދިޔުމާއެކު ފެންކަޅިވެފައިވާ ލޮލަކުން މަރިޔަމް ހަސަންއަށް ބަލައިލިއެވެ.

" ދެރަނުވޭ މަރިޔަން. މަރުވަންދެން ވެސް އަހަރެމެން އެ ކުދިންގެ ހައްގުގައި ތިބެން ޖެހޭނެ. އެ ކުދިން އުފާކޮށްދޭން ޖެހޭނެ. އެ ކުދިން ނޫން އަހަރެމެންގެ ތިބީ ކޮންބައެއް؟ " ހަސަން ބުންޏެވެ.

" އަހަރެން ހީ ކުރީ އަހަރެމެންގެ މި އުމުރުގައި ދަރިންގެ ފަރާތުން ވަރަށް ލޯބި ލިބޭނެކަމަށް. އެކަމަކު ކޮންމެ ކުއްޖަކު ވެސް އެ ކުއްޖެއްގެ ދިރިއުޅުމައިގެން އެ އުޅެނީ. މައިންބަފައިންނަށް އިސްކަންދޭނެ ދަރިޔަކު ނެތް. އެއްޗެއް ނުބުނެ އަހަރެން މިހެން އިނަސް، ހާދަ އެއްޗެހި ހިތަށް އަރައޭ. " ރޮވިފައި އިނދެ މަރިޔަމް ބުނެލިއެވެ.

" މަރިޔަން ތިހެން ވިސްނީމަ ކަމަކު ނުދާނެ. އަހަރެން ވެސް މިހާރު މި ވިސްނަނީ އަތޮޅު ހޮސްޕިޓަލަކުން މަރިޔަންއަށް ފަރުވާ ދެވޭތޯ ބަލާފަ ރަށަށް ދާން. މިތާ އުޅެން ވަރަށް އުނދަގޫ." ހަސަން ބުންޏެވެ.

" އެ ދަރިން ބަލާ ބޮޑުކުރި ހާލު އަހަންނަށް މިހާރު ވެސް ހަމަ ސިފަވޭ. އެކަމަކު އެ ކުދިން އަހަރެމެންގެ ހާލު ބަލައިލަން ގުޅާލަން ވެސް ހަނދާން ނުހުރެ." މަރިޔަމް ބުންޏެވެ.

" ބައެއް ފަހަރު ދަރިން ކައިވެނި ކުރާ މީހުންގެ ސަބަބުން ވެސް އެ ކުދިން މައިންބަފައިންނާ ދުރުވޭ. މާ ބޮޑަށް އަނބިން ނޫނީ ފިރިން ދެކެ ލޯބިވީމަ މައިންބަފައިން މަތިން ހަނދާންނެތެނީ. ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެއެއްނު. ސާމިހްއަށް ވެސް ރައުދާ ކޮންޓްރޯލްއެއް ނުކުރެވޭ. އެހާ ކައިރިން އަހަރެމެންގެ ކަންކަމެއް ނުބެލޭ. އަހަރެން ވެސް ހަމަ މަރިޔަން ތި ވިސްނާހެން ވިސްނަމޭ. ހިތަށް އަރަނީ މާދަމާ ވެސް މި ތަނުން ދެވޭނެ ނަމައޭ." ހަސަން ބުންޏެވެ.

އޭރު މަރިޔަމް އިނީ މަޑުމަޑުން ގިސްލަގިސްލައެވެ.

" އަހަރެންގެ ހުރިހާ ވެސް މީހަކީ ހަމަ ހަސަން. ހަސަންއާ ނުލާ އަހަންނަށް ހަމަ އެންމެ ވަގުތަކު ވެސް ނޫޅެވޭނެ. " މަރިޔަމް ބުންޏެވެ.

އޭރު ހަސަންއަށް ވެސް ރަނގަޅަށް ރޮވިއްޖެއެވެ.

ޖެހިގެން އައި ދުވަހު ހަސަން ހާނިމްއަށް ގުޅިއެވެ. ނަމަވެސް ހާނިމްގެ ފަރާތުން ލިބުނީ އޭނާ އުއްމީދު ވެސް ނުކުރާ ކަހަލަ ހަބަރުތަކެކެވެ. އެ އަޑު އަހަން ހަސަން ހުރީ ގޮތް ހުސްވެފައެވެ.

" ބައްޕާ. އަހަރެން މިއަދު ނޭޕާލަށް ދާން ފުރަން މި އުޅެނީ. ކުއްލިއަކަށް ދާން ޖެހުނީ. އެހެންވެ، އެ ކޮޅަށް ގޮސް ކައިވެނި ކުރާ ގޮތަށް މި ނިންމީ. ރިސޯޓްގައި ބިޒީކަމުން މި ހަފްތާ ގުޅައިވެސް ނުލެވުނީ. ރިސޯޓުން ސީދާ އެއާޕޯޓަށް ދާން ޖެހެނީ ވެސް. ބައްޕަމެން ނުފެނި ދާން ޖެހޭތީ ވަަރަށް ދެރަވެސް ވޭ. ދެ މަހެއް ވަރު ކޮށްފައި އަދި އަންނާނަން." ހާނިމް ބުންޏެވެ.

އެންމެ ރަނގަޅުކަމުގައި ބުނެ ހަސަން ފޯނު ބޭއްވީ މާޔޫސް ވެގެންނެވެ. ހާނިމްގެ ވާހަކަތައް އަޑު އަހަން އިން މަރިޔަމް ވެސް އިނީ ބަސް ހުއްޓިފައެވެ.

" ހަމަ އަހަރެމެންނާ މެދު އެއްވެސް ރަހުމެއް ނެތީތަ؟ " މަރިޔަމްއަށް ބުނެވުނެވެ.

އެއާއެކު ހަސަން މަރިޔަމްގެ ގައިގައި ހިފާ، އޭނާއާ ގާތް ކޮށްލިއެވެ.

" އަހަރެމެންގެ ދުލުން ދަރިޔަކަށްޓަކައި އެއްވެސް އެއްޗެއް ދެން ބުނާނެ ކަމެއް ނެތް. ހެޔޮ ބަހެއް ނޫނީ ނުބުނައްޗޭ. އެ ކުދިން އަހަރެމެން ބޮޑެތި ކުރީ ހެޔޮ މަގު ދައްކައިދީގެން. " ކުރަކި ވެފައިވާ އަޑަކުން ހަސަން ބުނެލިއެވެ.

ސާމިހް ފުރައިގެން ދިޔުމުން މަރިޔަމްއާއި ހަސަންއަށް ލިބުނީ އިތުރު އެކަނިވެރިކަމެކެވެ. ގިނަ ވަގުތު ރައުދާ އުޅެނީ ގެއިން ބޭރުގައެވެ. ގެއަށް ވަންނަނީ އެ މީހުން ނިދީމައެވެ. އެ މީހުންގެ ހާލު ބަލައިލަން ވެސް ރައުދާއަށް ވަގުތެއް ނުވާ ކަހަލައެވެ.

ހަތިމް ހިފައިގެން މަރިޔަމް އިނީ ކިޔަވާށެވެ. އޭރު ހަސަން ވީ ގެ ކައިރި މިސްކިތަށް ގޮހެވެ. ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވުމާއެކު މަރިޔަމްއަށް އެ ދިމާލަށް ބަލައިލެވުނެވެ. އޭރު ހިނިތުންވުމެއްގައި ރައުދާ އައިސް މަރިޔަމް އިން އެނދު ކައިރީ ހުއްޓިއްޖެއެވެ. އޭނާގެ މޫނުމަތިން ފެންނަމުންދާ އާދަޔާ ހިލާފް ހިނިތުންވުމުގެ ސަބަބުން މަރިޔަމްގެ ހިތަށް ހާސްކަން ވެރިވި ކަހަލައެވެ. އެ ފަދަ އުފާވެރި ގޮތަކަށް މީގެ ކުރިން ރައުދާ އެ މީހުންނަށް ބަލައިވެސް ނުލައެވެ.

" މަންމާ؟ ބައްޕަ ނެތީތަ؟" ރައުދާ އެހިއެވެ.

އެއާއެކު މަރިޔަމް ހަތިމް ލައްޕާލުމަށްފަހު އެނދުމަތީ ބޭއްވިއެވެ. އަދި ހިނިތުންވެލަމުން އަނެއްކާ ވެސް ރައުދާއަށް ބަލައިލިއެވެ.

" ބައްޕަ ވީ މިސްކިތަށް ގޮސް." މަރިޔަމް ބުންޏެވެ.

އެއާއެކު ރައުދާ މުޅި ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ. އެއަށްފަހު އަނެއްކާ ވެސް މަރިޔަމްއަށް އޭނާ ބަލައިލިއެވެ. ރައުދާގެ މަގްސަދު އެނގެން ބޭނުންވާ ހާލު މަރިޔަމް އިނީ ތެޅިތެޅި އޮތް ހިތަކައިގެންނެވެ.

" މަންމާ. ކުޑަ ވާހަކައެއް ދައްކާލަން ވެގެން މި އައީ." ރައުދާ ބުންޏެވެ.

އެއާއެކު މަރިޔަމް މަޑުމަޑުން ބޯ ޖަހާލިއެވެ.

" އޮފީހަށް ބަޔަކު އަންނާތީވެ މި ގެއަށް ވެސް ދެ ތިން ރައްޓެހިން ދެ ހަފްތާއަށް މަޑުކޮށްލަން އަންނަން ބުނެފި. ދެން... ހުސްކޮށް ހުރީ ކުޑަ ކޮޓަރިއެކަނި ވީމަ އަހަރެން މި ހިތަށް އަރަނީ މަންމަ އަހަރެންގެ ކޮޓަރިއަށް ބަދަލު ކުރަން. އޭރުން މި ކޮޓަރީގައި ވެސް އެއްބަޔަކަށް ތިބެވޭނެއެއްނު." ރައުދާ ބުންޏެވެ.

އެ ވަގުތު މަރިޔަމްއަށް ލިބުނީ ހައިރާން ކަމެވެ. އޭނާ ކުޑަކޮށް އިސްޖަހާލުމަށްފަހު އަނެއްކާ ވެސް ރައުދާގެ މޫނަށް ބަލައިލިއެވެ.

" ދެން...ބައް...ޕަ؟" މަރިޔަމް އެހިއެވެ.

ރައުދާ މަޑުމަޑުން މަރިޔަމްގެ ގައިގައި އަތް ޖައްސާލުމަށްފަހު ހީލިއެވެ.

" ބައްޕައަށް ރަށަަކަށް ނުދެވޭނެތަ މަންމާ." ރައުދާ ބުންޏެވެ.

އެ ވަގުތު މަރިޔަމްއަށް ލިބުނީ ކުއްލި ސިހުމެކެވެ. އަދި އޭނާގެ ސިކުނޑި ވަރަށް ބާރަށް އެނބުރިގެންފިއެވެ. ހަސަން އެކަނިމާއެކަނި ރަށަށް ގޮސް އުޅޭނީ ކިހިނެއްބާވައޭ އޭނާގެ ހިތަށް އެރިއެވެ. ހައިރާންވެ، ސުވާލު އުފެދިފައި އިނދެ މަރިޔަމް ރައުދާގެ މޫނަށް ބަލަމުން ދިޔައެވެ.

" އެންމެ ދެ ހަފްތާއެއްނު ވާނީ. އޯކޭ ވާނެ ދޯ. ބައްޕަ ކައިރީ ބުނެލައްޗޭ މަންމަ." ރައުދާ ބުންޏެވެ.

އެ ވަގުތު މަރިޔަމް އަވަސް އަވަހަށް ބޯ ޖަހާލިއެވެ.

" އަހަރެން މި އައީ ބޭރުން ފްރައިޑް ރައިސް އެއްވެސް ހިފައިގެންނޭ. އާދޭ ކާން." ރައުދާ އޯގާތެރި އަޑަކުން ބުނެލިއެވެ.

ކުއްލިއަކަށް ރައުދާއަށް އައި ބަދަަލުގެ ފަހަތުގައިވާ އަމިއްލައެދުން މަރިޔަމްއަށް ވަރަށް ރަނގަޅަށް އެނގުނެވެ. ނަމަވެސް މަސްލަހަތު އިސްކޮށް އޭނާ ހުރީ މަޑުންނެވެ.

" ދެން... ދެން އަހަރެން ރަށަށް ދިޔުން ނޫން ގޮތެއް އޮންނާނެތަ؟" ހަަސަން ބުންޏެވެ.

އެއާއެކު މަރިޔަމްއަށް ދެ ފަރާތަށް ބޯ ހޫރާލެވުނެވެ.

" އަހަރެން ވެސް ދާނަން. އަހަރެން ކީއްކުރަން މިތާ ހުންނަން ވީ؟ ޑޮކްޓަރާ ވާހަކަ ދައްކާފައި ދެ މީހުން އެއްކޮށް ދާން ހިނގާ." މަރިޔަމް ބުންޏެވެ.

" މަރިޔަން މިތާ ބަހައްޓާފައި އަހަންނަށް ރަށަށް ދާން އުނދަގޫ ވާނެ. މަރިޔަން އެކަނިމާއެކަނި ގޭގައި އުޅޭކަށް އަހަރެން ބޭނުމެއް ނޫން. ދެން އޮތީ ތި ބުނި ގޮތް ހެދުން." ހަސަން ބުންޏެވެ.

އެއާއެކު މަރިޔަމް ހަސަންގެ އަތުގައި ހިފާލިއެވެ. އަދި އަަބަދުވެސް ހަސަންއާއެކު ވާނަމޭ ބުނާ ފަދަ ގޮތަކަށް ބޯ ޖަހާލިއެވެ.

އެ ދުވަހު ހަވީރު ވުމާއެކު ހަސަންއާ މަރިޔަމް ރައުދާއާ ވާހަކަ ދައްކާލަން އޭނާގެ ކޮޓަރިއަށް ދިޔައެވެ. އެހެން ދުވަސްތަކާ ހިލާފަށް ރައުދާ މިއަދު މާ އުފަލުން ހުރި ހެން އެ މީހުންނަށް ހީވިއެވެ.

" ގެއަށް އެ މީހުން އަންނާތީ ވަރަށް ގިނަ އެއްޗެހި ގަންނަން ވެސް އެބަ ޖެހޭ. އެހެންވެ، ބޭރަށް ދާން މި ދަނީ." ރައުދާ ބުންޏެވެ.

އެއާއެކު ހަސަންއާއި މަރިޔަމްއަށް އެކަކު އަނެކަކަށް ބަލައިލެވުނެވެ. އެ މީހުންގެ މޫނުމަތީގައިވާ އުދާވެރިކަން ފެނި ރައުދާ ކޮންމެވެސް ވަރަކަށް ކަންބޮޑު ވެއްޖެއެވެ.

" ކިހިނެއްވީ؟ މަންމަމެން ވާހަކައެއް ދައްކަން އުޅޭހެން ހީވޭ." ރައުދާ ބުނެލީ އަތުގައި އޮތް ފުނާ، ކަބަޑު މަތީގައި ބާއްވަމުންނެވެ.

" ރަށަށް ދާން ވެގެން. އަތޮޅު ހޮސްޕިޓަލަށް ދައްކާ ގޮތަށް ހަދާފަ، މަންމަމެން ރަށަށް ބަދަލުވާން ބޭނުމީ." މަރިޔަމް ބުންޏެވެ.

އެ ވަގުތު ރައުދާގެ މޫނުމަތީގެ ކުލަވަރު މުޅިން ބަދަލުވެއްޖެއެވެ. ދެ ފަރާތަށް ބޯ ހޫރާލުމަށްފަހު އޭނާ އަލަމާރީގައި ލެނގިލިއެވެ. އޭރު ވެސް މަރިޔަމްއާއި ހަސަން ތިބީ ކޮޅަށެވެ.

" ދެން މަންމަމެން ތިހެން ހެދީމަ ސާމިހް ރުޅި އަންނާނީ އަހަރެންދެކެ. އަހަރެން ކިހާ ރީއްޗަކަށް ބުނެދިނިންތަ ކަންތައް ކުރަން ވީ ގޮތް." ރައުދާ ބުންޏެވެ.

" ރައުދާ ކުއްވެރިއެއް ނުކުރަމެއްނު. ސާމިހް ގާތު ދަރިފުޅު ބުނޭ މަންމަމެން އަމިއްލައަށް ދާން ބޭނުންވި ވާހަކަ. " މަރިޔަމް ބުންޏެވެ.

" އެކަމަކު އޭނަ ގަބޫލެއް ނުކުރާނެޔޭ. އޭނަ ބުނާނެ އޭނަ ނެތީސް އަހަރެން މަންމަމެން ފޮނުވާލިއްޔޭ. މަޑުކުރޭ. އަހަރެން އޭނައަށް މި ގުޅައިދެނީ. މަންމަ އަމިއްލައަށް ބުނޭ އޭނަ ކައިރި." ރައުދާ ބުންޏެވެ.

ދެ އަތް ފުރަގަހަށް ލައިގެން ހަސަން ހުރީ މަންޒަރު ބަލާށެވެ. ރައުދާ މަރިޔަމް އަތަށް ފޯނު ދިއްކޮށްލުމާއެކު މަރިޔަމް ފެންކަޅިވިއެވެ. ނަމަވެސް ހަސަންގެ ދެ ލޮލުން އޭނާ ހިތްވަރު ހޯދަމުން ސާމިހްއާ ވާހަކަ ދައްކަން ފެށިއެވެ.

" ދަރިފުޅު ކައިރީ ވާހަކައެއް ބުނަން ވެގެން. " މަރިޔަމް ބުންޏެވެ.

އޭރު ރައުދާ ހުރީ ސާމިހް ދައްކާ ވާހަކަ އަޑުއަހަން ބޭނުންވާތީ ފޯނު ސްޕީކަރަށް ވެސް ލައިގެންނެވެ.

" ކިހިނެއް ވީ މަންމާ؟" ސާމިހް އެހިއެވެ.

" ގެދޮރު ދޫކޮށް މިހެން އައިސް ތިބެން އެހާ ހިތްހަމައެއް ނުޖެހޭ. އަތޮޅު ހޮސްޕިޓަލުން ފަރުވާ ހޯދާ ގޮތަށް ނިންމައިގެން ރަށަށް ބަދަލުވާ ވާހަކަ ބުނަން މި ގުޅީ. ރައުދާ ވެސް ބުނި މަޑުކުރަން. އެކަމަކު މަންމަމެން ދާހިތްވަނީ." މަރިޔަމް ބުންޏެވެ.

" އެކަމަކު... ދެން އަހަރެން ކީކޭ ބުނާނީ؟ މަންމަމެންނަށް މާލޭގައި އުޅެން ކަމު ނުދަންޏާ ތި ގޮތަށް ނިންމާ." ސާމިހް ބުންޏެވެ.

އެއާއެކު ރައުދާ އަވަސް އަވަހަށް މަރިޔަމްގެ އަތުން ފޯނު އަތުލިއެވެ.

" ސާމީ. އަހަރެން ވަރަށް ކިޔައިފިން މަޑުުކުރަން. އެކަމަކު މަންމަމެން އަމިއްލައަށް އެ ގޮތް ނިންމީ." ރައުދާ ބުނެލީ ދެރަވާ ފަދަ ރާގެއްގައެވެ.

" އާނ ދެން މަންމަމެން ބޭނުންވާ ގޮތަކަށް ހެދީމަ ހުންނާނީ ރަނގަޅަށް. އަހަރެން ވަރަށް ބިޒީ އިނގޭ." ސާމިހް ބުނެލިއެވެ.

ރައުދާ ފޯނު ބޭއްވ ފުޅާ ހިނިތުންވުމެއްގައި ހުރެއެވެ.

" ދެން މަންމަމެން ކޯއްޗެއް ބޭނުންވަނީ ރަށަށް ގެންދަން. އެއްޗެހި ގަންނަން ޖެހޭނެއެއްނު." ލިބުނު ހިތްހަމަ ޖެހުމާއެކު ރައުދާ ވާހަކަ ދެއްކިއެވެ.

އޭނާއަށް ހަމަ ހަގީގަތުގައި ވެސް އުފާވެރިކަމެއް ލިބިއްޖެކަން އެ އަޑުން ވެސް އެނގެއެވެ.

" އެއްވެސް އެއްޗެއް ބޭނުމެއް ނޫން. މަންމަމެން ރަށަށް ދާން ޓި...ޓިކެޓް ނަގަން ބޭނުމީ." މަރިޔަމް ބުނެލީ ފަސްޖެހިފައެވެ.

" އާނ ތިކަމާ ހާސްވާނެ ކަމެއް ނެތް. އަހަރެން އެކަން ހަމަޖައްސާނަން." ރައުދާ ބުނެލިއެވެ.

ހިނިތުންވެލަމުން މަރިޔަމް ނިކުންނަން ހިނގައިގަތުމުން ފަހަތުން ހަސަން ވެސް ނިކުތެވެ. އެއާއެކު އަވަސް އަވަހަށް ގޮސް ރައުދާ ކޮޓަރީގެ ދޮރު ލެއްޕިއެވެ.

" ޕްލޭން ސަކްސަސްފުލް. ވަރަށް ކާމިޔާބު." ފޯނު ކަންފަތުގައި ޖަހައިގެން ހުރެ ރައުދާ ބުނެލިއެވެ.

ނުނިމޭ

މި ވާހަކަ ގެނެސްދެނީ ކޮންމެ އާދީއްތަ ، ހޯމަ އަދި ބުދަ ދުވަހެވެ.

(ނިމުނީ)