ށ.ފުނަދޫއަށް ވަރަށް ބޮޑަށް އުދައިގެ އަސަރުކޮށް، ރަށުގައި ގާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ މެއިން ޕަމްޕްސްޓޭޝަން ގިރާލައި އެ ނިޒާމަށް ގެއްލުންވެދާނެކަމުގެ ބިރު ބޮޑުވެއްޖެއެވެ.
އެ ރަށަށް އުދައެރުމާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ހިއްސާކުރަމުން ފުނަދޫ ކައުންސިލްގެ ރައީސް އަހްމަދު އިބްރާހީމްފުޅު ބުނީ ކުރިން ދުވަހު ވެސް އެރަށަށް އުދައަރާފައިވާ ކަމަށާއި ނަމަވެސް އިއްޔެ (27 ޖޫން) މާބޮޑަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ.
އޭނާ ބުނީ އިއްޔެ އުދައަރާފައި ވަނީ ރަށުގެ ދެކުނު ފަރާތުން ކަމަށާއި، އުދައެރި ސަރަހައްދަކީ ސިނާއީ މަސައްކަތްތަކުގެ އިތުރުން ލޮނުމަސް އެޅުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާ ސަރަހައްދުކަމަށާއި، އުދައެރުމުގެ ސަބަބުން މިއަދު އެ ސަރަހައްދުގައި މަސައްކަތް ނުކުރެވޭވަރަށް ލޮނުގަނޑު ހެދުފައިވާ ކަމަށެވެ.
ފުނަދޫ އަށް އުދައަރާފައި
އެ ސަރަހައްދަކީ އެ ރަށުގެ ނަރުދަމާގެ މެއިން ޕަމްޕްސްޓޭޝަނާއި އެތަނުގެ އޮފީސް ހުރި ސަރަހައްދެވެ. ތަކުރާރުކޮށް އުދައިގެ އަސަރުކޮށް އެ ސަރަހައްދު ގިރަމުން އަންނަތާ އަހަރުތަކެއް ވެދާނެކަން ފާހަގަކުރަމުން އޭނާ ބުނީ މިހާރު އޮފީހާއި ޕަމްޕްސްޓޭޝަން ގިރާލައި އެ ނިޒާމަށް ގެއްލުންވުމުގެ ކަންބޮޑުވުން ވަރަށް ބޮޑުވެފައިވާ ކަމަށެވެ.
ފުނަދޫ އަށް އުދައަރާފައި
އޭނާ އިތުރަށް ބުނީ އެ ސަރަހައްދަށް އުދައަރާ އެ ސަރަހައްދު ގިރަމުން އަންނަ މައްސަލަ ކުރީ ސަރުކާރާއި މި ސަރުކާރުގެ ވެސް ސަމާލުކަމަށް ގެނެވިފައިވާ ކަމަށާއި، އެ މަސައްކަތް މިހާރު އެމްޓީސީސީއާއި ހަވާލުވެސް ކޮށްފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް އެ މަސައްކަތް ފެށިފައި ނުވުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!