ރ. އަތޮޅުގައި މާދަމާ އާރްޓީއެލްގެ ފެރީގެ ޚިދުމަތް ފަށަން ތައްޔާރުވެއްޖެއެވެ.
މިކަން ހާމަކުރެެއްވީ ޓްރާންސްޕޯޓް މިނިސްޓްރީންނެވެ. އެ މިނިސްޓްރީން މި ޚިދުމަތް ދޭން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކްގެ ދަށުން ޒޯން 2 ގައި ހިމެނޭ ރ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން، އެ އަތޮޅުގެ ރައްޔިތުން ޚިދުމަތްތަކާ އަހުލުވެރިވުމުގެ ފުރުޞަތު ދިނުމުގެ ގޮތުން މި މަހުގެ 26 އިން ފެށިގެން ޖުލައި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ހިލޭ ދަތުރުތައް ކުރިއަށް ގެންދާނެ ކަމަށް ބުންޏެވެ.
އަހުލުވެރި ކުރުމުގެ ދަތުރުތަކަށްފަހު، އާރްޓީއެލްގެ ފެރީ ދަތުރުތައް ޓިކެޓް ވިއްކައިގެން ކުރިއަށްގެންދާނީ ޖުލައި ތިން ވަނަ ދުވަހުން ފެށިގެންނެވެ. ޓިކެޓް ނަގަން ބޭނުންވާ ކަސްޓަމަރުންނަށް އާރްޓީއެލްގެ ވެބްސައިޓް އަދި މޯބައިލް އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ޓިކެޓް ލިބޭނެއެވެ.
އާރުއޭޓީއެލް ހައި ސްޕީޑް ފެރީން ރާއްޖޭގެ ރަަށްތައް ގޫޅާލުމުގެ މަޝްރޫއުގެ ދަށުން ޒޯން ދޭއްގައި ހިމެނޭ ޅ. އަތޮޅާއި ނ. އަތޮޅުގައި މިހާރުވެސް މި ޚިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ. ރ. އަތޮޅުގައި މި ޚިދުމަތް ފެށުމާއެކު ރާއްޖޭގެ 10 އަތޮޅެއްގައި އާރްޓީއެލްގެ ފެރީގެ ޚިދުމަތް ފެށުނީއެވެ.
އަންނަ މަހު ބ. އަތޮޅުގައިވެސް އާރުއޭޓީއެލްގެ ޚިދުމަތް ފެށިގެންދާނެ ކަމަށް އެމްޓީސީސީން ފާހަގަކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!