އެމެރިކާއިން އީރާނުގެ ނިއުކްލިއަރ ތަންތަނަށް ހަމަލާދީފައިވާ ކަމަށް އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމުގައިވާ ޓްރޫތް ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވާ ގޮތުގައި އެމެރިކާއިން "ވަރަށް ކާމިޔާބު" ހަމަލާތަކެއް އީރާނުގެ ފޯޑޯ، ނަތަންޒް އަދި އިސްފަހާންގެ ނިއުކްލިއަރ ތަންތަނަށް ވަނީ ދީފައެވެ. ހަމަލާ ދިނުމަށްފަހު މިހާރު ހުރިހާ މަތިންދާބޯޓުތަކެއްވެސް އީރާނުގެ ވައިގެ ސަރަހައްދުން ބޭރުގައި ވާކަމަށް އޭނާ ވިދާޅުވިއެވެ.

Ad
rt

''"މައިގަނޑު ސައިޓް ކަމުގައިވާ ފޯޑޯއަށް ފުރިހަމަ ބޮމުގެ ހަމަލާއެއް ދެވިއްޖެ. ހުރިހާ މަތިންދާބޯޓުތަކެއްވެސް ރައްކާތެރިކަމާއެކު އެނބުރި އަންނަނީ. އަހަރެމެންގެ މަތިވެރި އެމެރިކާގެ ހަނގުރާމަވެރިންނަށް މަރުހަބާ. މި ކަންތައް މިގޮތަށް ކުރެވޭނެ އެހެން އެއްވެސް ސިފައިންގެ ބާރެއް ދުނިޔޭގައި ނެތް. މިހާރު މިއީ ސުލްހައަށް ވަގުތު!" ޓްރަމްޕް ވިދާޅުވެފަވެއެވެ.

އާންމުންނަށް ލިބެންހުރި އިންޓެލިޖެންސް މަޢުލޫމާތު ހިއްސާކުރާ އެކައުންޓަކުން ބުނެފައިވާ ގޮތުގައި ވަރަށް ބޮޑަށް ރައްކާތެރިކުރެވިފައިވާ ފޯޑޯ ނިއުކްލިއަރ ފެސިލިޓީ "ނެތިގޮސްފައިވާ" ކަމަށެވެ.

އެމެރިކާގެ ޤާނޫނުއަސާސީން ހަނގުރާމަ އިޢުލާންކުރުމާއި ސިފައިންގެ ހަރަކާތްތަކަށް ހުއްދަދިނުމުގެ ބާރު ދީފައިވަނީ ޤާނޫނު ހަދާ މަޖިލީހަށެވެ. ނަމަވެސް ޓްރަމްޕް އީރާނަށް ހަމަލާދިނުމުގެ ކުރިން ކޮންގްރެސްގެ ހުއްދައެއް ހޯއްދަވާފައެއް ނުވެއެވެ.

ޓްރަމްޕް ފާހަގަކުރެއްވި ތިން ހަމަލާގެ އެ ސައިޓްތަކަށް އަމާޒުވެފައިވާކަން އީރާނުގެ އޮފިޝަލުން ކަށަވަރުކޮށްދެއްވާފައިވާކަމަށް ''ބީބީސީ'' އިން ބުންޏެވެ.

"ނަތަންޒް އަދި އިސްފަހާނުގައި އެތައް ގޮވުމެއްގެ އަޑު އިވުނު. އަހަރުމެންނަށް ފެނުނީ އިސްފަހާނު އަދި ނަތަންޒްގެ ނިއުކްލިއަރ ސައިޓްތަކާ ކައިރިން ހަމަލާތައް." އިސްފަހާނުގެ ސަލާމަތީ ޑެޕިއުޓީ ގަވަރނަރު އަކްބަރު ސާލެހީ، ބީބީސީއަށް ވިދާޅުވެފަވެއެވެ.

އައި.އާރް.އެން.އޭ ނިއުސް އެޖެންސީން ޤައުމުގެ ޕަބްލިކް ބްރޯޑްކާސްޓަރުގެ އޮފިޝަލަކާއި ހަވާލާދީ ބުނެފައި ވަނީ މި ތިން ނިއުކްލިއަރ ސައިޓުގައި ރޭޑިއޭޝަން ނުކުންނާނެ އެއްވެސް މާއްދާއެއް ނެތް ކަމަށެވެ.

އެމެރިކާއިން މި ތަންތަނަށް ބޮން އެޅުމުގެ ކުރިން އިރާނުގެ އިސްވެރިން އެންރިޗް ކުރެވިފައިވާ ޔުރޭނިއަމް އެ ފެސިލިޓީތަކުން ނަގައި އެހެންތަނަކަށް ބަދަލުކޮށްފައިވެދާނެކަމަށް މި ބުނުމުން ދޭހަވާކަމަށް ''އަލް ޖަޒީރާ'' ގައި ރިޕޯޓްކޮށްފަވެއެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް ހަމަލާތަކުގެ ކުރިން ވަނީ އީރާނުގެ ނިއުކްލިއަރ ސައިޓުތަކަށް ހަމަލާދިނުމަށްފަހު އީރާނުން ފަހަތަށް ޖެހި ހަނގުރާމަވެރި ޢަމަލުތައް ހުއްޓާލުމަށް ހުށަހަޅުއްވާފައެވެ.

އީރާނުގެ އިސްވެރިން ކުރިން ވަނީ އެމެރިކާއިން އެއްވެސް ހަމަލާއެއް ދީފިނަމަ ހަރުކަށި ގޮތަކަށް ބަދަލުހިފާނެ ކަމަށް ވަޢުދުވެވަޑައިގެންފައިވެއެވެ.