ރާއްޖެއަށް ދިމާވެފައިވާ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށް އޮތް ޖުލައި މަހުގެ 1 ވަނަ ދުވަހު ފަށަން ތައްޔާރުވަމުން އަންނަ ކަމުގައި ދާހިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވެފައި ވަނީ ޕީއެސްއެމް އިން ގެނެސްދޭ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ ދެވަނަ ފިޔަވަހީގައި ހިމެނޭނީ ރަނގަޅަށް ވަޒީފާ އަދާކުރާ މީހުންނަށް ގަވައިދުގެތެރެއަށް ވަނުމަށް ފުރުސަތު ފަހިކޮށް ދިނުމާއި، ބިދޭސީން ގެނެސް ބަލަހައްޓާ މީހުން ދައުލަތަށް ދައްކަންޖެހޭ ފީތައް ހޯދުމުގެ މަސައްކަތް ކުރުން ކަމަށެވެ. ބިދޭސީން ރާއްޖެ ގެނައުމުގެ ނިޒާމު ހަރުދަނާކޮށް، އެކަން ރެގިއުލޭޓްކުރެވޭނެ ނިޒާމުވެސް ހަރުދަނާކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ބިދޭސީންނާއި ގުޅޭ ހުރިހާ ކަމެއް ވެސް ހަރުދަނާ ކުރައްވާނެކަން ފާހަގަ ކުރައްވައި ވަޒީރު ވިދާޅުވީ ބިދޭސީން ރާއްޖެ ގެނައުމަށް ފަހު އެ ގެންނަ ފަރާތުން ބިދޭސީން ލައްވައި މަސައްކަތް ކުރުވަނީ ވެސް ގަވައިދާ އެއްގޮތަށްތޯ ވެސް ބަލާނެ ކަމަށެވެ. އަދި މަސައްކަތު ސައިޓްތައް ބަލައި މޮނިޓަރިން ނިޒާމް ހަރުދަނާ ކުރާނެކަމުގައި ވަޒީރު ވިދާޅުވިއެވެ.
ރާއްޖެއަށް ދިމާވެފައިވާ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް، ފާއިތުވި ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭ މި ސަރުކާރުން ވަނީ މުހިންމު މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ފަށާފައިވާ ކުރަނގި އޮޕަރޭޝަންގައި މިހާތަނަށް 151،694 މިހުންގެ ބައޯމެޓްރިކްސް ނަގައި، މަޢުލޫމާތު ވަނީ އެއްކޮށްފައެވެ. އަދި ހުއްދަނެތް ވިޔަފާރިތައް ކުރުމާއި، ގަވައިދާ ހިލާފަށް އުޅުމާ، ކުށުގެ މައްސަލަތަކުގައި ވޭތުވެ ދިޔަ ދޮޅު އަހަރުގެ ތެރޭގައި 7549 ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!