ތ. ގުރައިދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މި މަޝްރޫއުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. މި މަޝްރޫއުގެ ދަށުން 13.80 ހެކްޓަރުގެ ބިން ހިއްކާނެއެވެ.
ބިން ހިއްކުމުގެ އިތުރުން މި މަޝްރޫއުގެ ތެރެއިން ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްވެސް ކުރާނެއެވެ. އެގޮތުން، 979 މީޓަރުގެ ސަރަހައްދެއްގައި ހިލަ ރިވެޓްމަންޓް ޖެހުމާއި 609 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ.
މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 106.02 މިލިއަން ރުފިޔާއަށެވެ.
ތ. ގުރައިދޫއަކީ 2،272 މީހުންގެ އާބާދީއެއް އޮންނަ ގިނަ ބަޔަކު ވިޔަފާރި ކުރުމަށްދާ ރަށެކެވެ. ރަށުގެ އިގްތިސާދުގެ ތެރޭގައި މަސްވެރިކަމާއި ދަނޑުވެރިކަމާއި ފަންވިޔުމާއި ފަތުރުވެރިކަމުގެ ދާއިރާ ހިމެނެއެވެ.
އެ ރަށަކީ އަތޮޅުގެ އިގްތިސާދީ ހަބެއްގެ ގޮތުގައި ފާހަގަކުރެވޭ ރަށަކަށްވާއިރު އެ ރަށުގައި އެއާޕޯޓެއް އޮތުމަކީ މުހިންމު ކަމެއް ކަމަށް ރަށުގެ ރައްޔިތުން ގަބޫލުކުރެއެވެ. މީގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާވެސް ރަށުގައި ކުރިއަރައިގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!