ސޫރަތުލް ބަޤަރާގެ 196 އިން 203 އަށް ހުރި އާޔަތްތަކުގައި އަޅުގަނޑުމެންނަށް ޙައްޖާއި ޢުމްރާގެ އަޅުކަމާ ބެހޭ ވަރަށް މުހިންމު މަޢުލޫމާތުތަކެއް ދެއްވާފައިވެއެވެ. އަދި އަޅުގަނޑުމެންނަށް ވަރަށް ގިނަ އިރުޝާދުތައް ދެއްވާފައިވެއެވެ. މިއާޓިކަލްގައި ހިމަނާލަނީ މިއާޔަތް ތަކުގެ ތަފްސީރަށެވެ.
وَأَتِمُّوا الْحَجَّ وَالْعُمْرَةَ لِلَّهِ ۚ فَإِنْ أُحْصِرْتُمْ فَمَا اسْتَيْسَرَ مِنَ الْهَدْيِ ۖ وَلَا تَحْلِقُوا رُءُوسَكُمْ حَتَّىٰ يَبْلُغَ الْهَدْيُ مَحِلَّهُ ۚ فَمَن كَانَ مِنكُم مَّرِيضًا أَوْ بِهِ أَذًى مِّن رَّأْسِهِ فَفِدْيَةٌ مِّن صِيَامٍ أَوْ صَدَقَةٍ أَوْ نُسُكٍ ۚ فَإِذَا أَمِنتُمْ فَمَن تَمَتَّعَ بِالْعُمْرَةِ إِلَى الْحَجِّ فَمَا اسْتَيْسَرَ مِنَ الْهَدْيِ ۚ فَمَن لَّمْ يَجِدْ فَصِيَامُ ثَلَاثَةِ أَيَّامٍ فِي الْحَجِّ وَسَبْعَةٍ إِذَا رَجَعْتُمْ ۗ تِلْكَ عَشَرَةٌ كَامِلَةٌ ۗ ذَٰلِكَ لِمَن لَّمْ يَكُنْ أَهْلُهُ حَاضِرِي الْمَسْجِدِ الْحَرَامِ ۚ وَاتَّقُوا اللَّهَ وَاعْلَمُوا أَنَّ اللَّهَ شَدِيدُ الْعِقَابِ (2:196)
ތިޔަބައިމީހުން ޙައްޖާއި ޢުމްރާއަށް ނުކުމެއްޖެ ނަމަ މާތް الله އަށް ނިޔަތް ޚަލާޞްކުރާ ޙާލު އެއަޅުކަން ފުރިހަމަކުރާހުށިކަމެވެ. އަދި ބައްޔެއް، ނުވަތަ ޢަދުއްވެއް، ނުވަތަ މަގުމަތީގެ ބިރުވެރިކަމެއްގެ ސަބަބުން ނަމަވެސް ތިޔަބައިމީހުންނަށް ޙައްޖާއި ޢުމްރާ ކުރެވޭ ގޮތްނުވެ މަގު ބަންދުވެ، ތިޔަބައިމީހުން ޙަލާލުވާން ބޭނުންވެއްޖެ ނަމަ، ޖަމަލާއި، ބަކަރިއާއި، ގެރީގެ ތެރެއިން ތިޔަބައިމީހުންނަށް ލިބުނު އެއްޗެއް ކަތިލާށެވެ. ﴿وَلَا تَحْلِقُوا۟ رُءُوسَكُمْ حَتَّىٰ يَبْلُغَ ٱلْهَدْىُ مَحِلَّهُۥ ۚ ﴾ އަދި ތިޔަބައިމީހުން ބަންދުވީ ތަނުގައި ނުވަތަ ޙަރަމްފުޅުގައި ހަދްޔު ކަތިލެވޭންދެން ތިޔަބައިމީހުން ބޯބާލައި ނުވަތަ ބޯކޮށައި ޙަލާލުނުވާށެވެ. ﴿ فَمَن كَانَ مِنكُم مَّرِيضًا أَوْ بِهِۦٓ أَذًى مِّن رَّأْسِهِۦ فَفِدْيَةٌ مِّن صِيَامٍ أَوْ صَدَقَةٍ أَوْ نُسُكٍ ۚ﴾ ތިޔަބައިމީހުންގެ ތެރެއިން އިޙްރާމް ބަނދެގެން ހުރެ ބައްޔެއްގެ ސަބަބުން ނުވަތަ ބޮލުގައި ރިއްސުމުގެ ސަބަބުން ބޯބާލަން ޖެހުނު މީހާ، ނުވަތަ ބައްޔެއްގެ ސަބަބުން، ފަހައިފައި ހުރި ހެދުން ލާން ޖެހުނު މީހާގެ މައްޗަށް އޮތީ ފިދްޔައެވެ. އެއީ ތިން ދުވަހު ރޯދަހިފުމެވެ. ނުވަތަ ހަ މިސްކީނުންނަށް، ކޮންމެ މިސްކީނަކަށް ބައި ޞާޢު (ގާތްގަނޑަކަށް އެއް ކިލޯ) ގޮދަން ޞަދަޤާތް ކުރުމެވެ. ނުވަތަ އެންމެ ކުޑަވެގެން ބަކަރިއެއް ކަތިލައިފައި، ފަޤީރުންނަށް ޞަދަޤާތް ކުރުމެވެ. ﴿فَإِذَآ أَمِنتُمْ فَمَن تَمَتَّعَ بِٱلْعُمْرَةِ إِلَى ٱلْحَجِّ فَمَا ٱسْتَيْسَرَ مِنَ ٱلْهَدْىِ ۚ﴾ ތިޔަބައިމީހުންނަށް މަގު ބަންދުނުވެ އަމާން ޙާލަތުގައި ތިބިނަމަ، ޙައްޖުގެ މައްސަރުތަކުގައި ޢުމްރާކޮށް، ހަމަ އެއަހަރު ޙައްޖުވީމީހާ، އޭނާއަށް އެއް ދަތުރެއްގައި ޙައްޖާއި ޢުމްރާ އަދާކުރުމުގެ ތައުފީޤު ދެއްވިކަން މައްޗަށް ﷲއަށް ޝުކުރުވެރިވުމުގެ ގޮތުން ހަދްޔު ކަތިލާށެވެ. އެއީ ބަކަރިއެކެވެ. ﴿فَمَن لَّمْ يَجِدْ فَصِيَامُ ثَلَـٰثَةِ أَيَّامٍ فِى ٱلْحَجِّ وَسَبْعَةٍ إِذَا رَجَعْتُمْ ۗ تِلْكَ عَشَرَةٌ كَامِلَةٌ ۗ﴾ ފަޤީރުކަމުގެ ސަބަބުން ހަދްޔު ކަތިނުލެވުނު މީހާ ދިހަ ދުވަހު ރޯދަހިފާހުށި ކަމެވެ. ތިން ރޯދަ ހިފާނީ އޭނާ ޙައްޖަށް އިޙްރާމް ބަނދެގެން ހުރެއެވެ. އަނެއް ހަތް ރޯދަ އަމިއްލަ ވަޒަނަށް އެނބުރި ދިއުމަށް ފަހުއެވެ. އޭރުން ދިހަ ރޯދަ ފުރިހަމަވީއެވެ. ﴿ذَٰلِكَ لِمَن لَّمْ يَكُنْ أَهْلُهُۥ حَاضِرِى ٱلْمَسْجِدِ ٱلْحَرَامِ ۚ﴾ މި ހަދްޔު ކަތިލާން ޖެހެނީ މައްކާގެ ޙަރަމްފުޅުގެ ސަރަހައްދުގެ އަހުލުވެރީން ނޫން މީހުންނެވެ. ޙަރަމްފުޅުގެ އަހުލުވެރީންނަކަށް ތަމައްތުޢެއް ނެތެވެ. އަދި އެމީހުން ކަތިލާކަށް ނުޖެހެއެވެ. ﴿وَٱتَّقُوا۟ ٱللَّهَ وَٱعْلَمُوٓا۟ أَنَّ ٱللَّهَ شَدِيدُ ٱلْعِقَابِ﴾ މާތް الله އަށް އުރެދިއްޖެ މީހަކަށް އެކަލާނގެ ޢުޤޫބާތް ގަދަފަދައެވެ. (2:196)
الْحَجُّ أَشْهُرٌ مَّعْلُومَاتٌ ۚ فَمَن فَرَضَ فِيهِنَّ الْحَجَّ فَلَا رَفَثَ وَلَا فُسُوقَ وَلَا جِدَالَ فِي الْحَجِّ ۗ وَمَا تَفْعَلُوا مِنْ خَيْرٍ يَعْلَمْهُ اللَّهُ ۗ وَتَزَوَّدُوا فَإِنَّ خَيْرَ الزَّادِ التَّقْوَىٰ ۚ وَاتَّقُونِ يَا أُولِي الْأَلْبَابِ (2:197)
ޙައްޖުވުން އޮތީ ކަނޑައެޅިފައިވާ މައްސަރުތަކެއްގައެވެ. އެއީ، ޝައްވާލާއި، ޛުލްޤަޢިދާއާއި، ޛުލްޙިއްޖާ މަހުގެ ދިހަ ދުވަހެވެ. ފަހެ، އިޙްރާމް ބަނދެ ޙައްޖުގެ އަޅުކަމަށް ފަށައިގަނެ، އަމިއްލަ ނަފުސުގެ މައްޗަށް އެކަން ލާޒިމްކޮށްގަތް މީހާ، އަންހެނުންނާ ގާތްނުވާށެވެ. އަދި އެކަނބަލުންނާއެކު ރޭނުކުރާށެވެ. އެހެނީ، އޭނާ ވަނީ اللهއަށް ކިޔަމަންތެރިކަން އަދާކުރުމަށް ކުރާ ދަތުރެއްގައެވެ. އޭނާ އުރެދުމަކަށް އަރައިނުގަންނާނެއެވެ. އަދި އެކުވެރިންނާ ޖަދަލުކޮށް ޒުވާބުކޮށް ނަހަދާނެއެވެ. މާނައީ އޭނާ މި މަނާ ކަންތަކުގެ ތެރެއިން އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. ﴿وَمَا تَفْعَلُوا۟ مِنْ خَيْرٍ يَعْلَمْهُ ٱللَّهُ ۗ وَتَزَوَّدُوا۟ فَإِنَّ خَيْرَ ٱلزَّادِ ٱلتَّقْوَىٰ ۚ﴾ ތިޔަބައިމީހުން، ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކަށްޓަކައި ކުރާ ކޮންމެ ހެޔޮކަމެއް މާތް الله ދެނެވޮޑިގެންވެއެވެ. އަދި ތިޔަބައިމީހުން އާޚިރަތަށްޓަކައި ބޭނުންވާ ކޮއްތު ތިޔަބައިމީހުން ހޯދައި ތައްޔާރު ކުރާށެވެ. އެއިން، ތިޔަބައިމީހުން މާތް اللهގެ ޢަޛާބުން މިންޖުވާނެއެވެ. ޤިޔާމަތް ދުވަހަށް އެންމެ މޮޅު ކޮއްތަކީ ރަޙްމާނުވަންތަ ރަސްކަލާނގެއަށް ތަޤްވާވެރިވުމެވެ. ﴿وَٱتَّقُونِ يَـٰٓأُو۟لِى ٱلْأَلْبَـٰبِ﴾ ތިޔަބައިމީހުން ތިމަންރަސްކަލާނގެ ޢަޛާބަށާއި ޢުޤޫބާތަށް ބިރުވެތިވާށެވެ. އޭ ބުއްދިއާއި ވިސްނުމުގެ އަހުލުވެރިންނޭވެ! (2:197)
لَيْسَ عَلَيْكُمْ جُنَاحٌ أَن تَبْتَغُوا فَضْلًا مِّن رَّبِّكُمْ ۚ فَإِذَا أَفَضْتُم مِّنْ عَرَفَاتٍ فَاذْكُرُوا اللَّهَ عِندَ الْمَشْعَرِ الْحَرَامِ ۖ وَاذْكُرُوهُ كَمَا هَدَاكُمْ وَإِن كُنتُم مِّن قَبْلِهِ لَمِنَ الضَّالِّينَ (2:198)
ޙައްޖުގެ އަޅުކަމުގެ ތެރޭގައި ތިޔަބައިމީހުން ވިޔަފާރި ކުރުމަކީ ތިޔަބައިމީހުން ފާފަވެރިވާނެ، އަދި މައްސަލައެއް އޮތް ކަމެއް ނޫނެވެ. އެހެނީ އާޚިރަތުގެ ވިޔަފާރިއަކީ އެއާއެކު ދުނިޔަވީ ވިޔަފާރި ކުރުން މަނާވާ ކަމެއް ނޫނެވެ. އެހެންކަމުން، ތިޔަބައިމީހުން ގަނެ ވިއްކައި، اللهގެ ޙަޟްރަތުން ރިޒްޤަށް އެދޭށެވެ. އިބްނު ޢައްބާސް رضي الله عنه ވިދާޅުވިއެވެ. މިއާޔަތް ބާވައިލެއްވުނީ ޙައްޖު މޫސުމުގައި ވިޔަފާރިކުރުމާ ބެހޭގޮތުންނެވެ. ﴿فَإِذَآ أَفَضْتُم مِّنْ عَرَفَـٰتٍ فَٱذْكُرُوا۟ ٱللَّهَ عِندَ ٱلْمَشْعَرِ ٱلْحَرَامِ ۖ﴾ ތިޔަބައިމީހުން ޙައްޖުގެ އެންމެ މުހިއްމު ރުކުން އަދާކުރުމަށް ފަހު، ޢަރަފާތުން އެނބުރި އައިސް މުޒްދަލިފާގެ އަލްމަޝްޢަރުލް ޙަރާމްގައި މާތް الله ހަނދުމަކުރާށެވެ. ދުޢާކޮށް، ނިކަމެތިކަމާއި އާދޭހާ އެކު ދަންނަވައި، ތަކްބީރާއި ތަހްލީލު ކިޔައި ހަދާށެވެ. ﴿وَٱذْكُرُوهُ كَمَا هَدَىٰكُمْ وَإِن كُنتُم مِّن قَبْلِهِۦ لَمِنَ ٱلضَّآلِّينَ﴾ މާތް الله ތިޔަބައިމީހުންނަށް ހިދާޔަތުދެއްވައި މި މާތް ދީނަށް މަގުދެއްކެވި ފަދައިން ތިޔަބައިމީހުން އެކަލާނގެ ހަނދުމަކުރާށެވެ. އޭގެކުރިން ތިޔަބައިމީހުން ތިބީ ހިދާޔަތާއި އަލިކަމުގެ މަގުން އެއްކިބާވެ، މަގުއޮޅި، މަގުފުރެދިފައިވާ މީހުންގެ ތެރޭގައިކަން ކަށަވަރެވެ. (2:198)
ثُمَّ أَفِيضُوا مِنْ حَيْثُ أَفَاضَ النَّاسُ وَاسْتَغْفِرُوا اللَّهَ ۚ إِنَّ اللَّهَ غَفُورٌ رَّحِيمٌ (2:199)
ދެން ޢަރަފާތުން ނުކުމެގެން މީސްތަކުން ފައިބާ ތަނަށް ފައިބާށެވެ. މުޒްދަލިފާއަކުން ނޫނެވެ. އަދި اللهގެ ޙަޟްރަތުގައި ފާފާފުއްސެވުމަށް އެދި ދަންނަވާށެވެ. އެކަލާނގެއީ ގިނައިން ފާފަފުއްސަވާ، ތަނަވަސް ރަޙްމަތުގެ ވެރިރަސްކަލާނގެއެވެ. (2:199)
فَإِذَا قَضَيْتُم مَّنَاسِكَكُمْ فَاذْكُرُوا اللَّهَ كَذِكْرِكُمْ آبَاءَكُمْ أَوْ أَشَدَّ ذِكْرًا ۗ فَمِنَ النَّاسِ مَن يَقُولُ رَبَّنَا آتِنَا فِي الدُّنْيَا وَمَا لَهُ فِي الْآخِرَةِ مِنْ خَلَاقٍ (2:200)
ތިޔަބައިމީހުން ޙައްޖުގެ އަޅުކަން އަދާކޮށް ނިމުމުން، ތިޔަބައިމީހުން ކާބަފައިންގެ ފަޚުރުވެރި މާޒީ ހަނދާންކުރާ ފަދައިން ނުވަތަ އެއަށްވުރެވެސް ބޮޑަށް މާތް الله ހަނދުމަކުރާށެވެ. ޖާހިލިއްޔަ ޒަމާނުގައި، އެބައިމީހުން ޙައްޖުގެ އަޅުކަމުން ނިމުމުން، އެބައިމީހުން މިނާގައި ތިބެ އެބައިމީހުންގެ ކާބަފައިންގެ ފަޚުރުވެރި ކާމިޔާބީތަކާއި، އެމީހުންކޮށްފައި ތިބި ރަނގަޅުކަންކަމުގެ ވާހަކަ ދައްކައި ހަނދާކޮށް އުޅުނެވެ. މިއާޔަތުގައި މިވަނީ އެކަންކުރުން މަނާކުރެވިފައެވެ. ﴿فَمِنَ ٱلنَّاسِ مَن يَقُولُ رَبَّنَآ ءَاتِنَا فِى ٱلدُّنْيَا وَمَا لَهُۥ فِى ٱلْءَاخِرَةِ مِنْ خَلَـٰقٍ﴾ މީސްތަކުންގެ ތެރެއިން ދުނިޔެ ނޫން އެހެން އެއްޗެއް ބޭނުން ނުވާ ބަޔަކު ވެއެވެ. އެބައިމީހުން އެދެނީ ޖާހާއި، ތަނަވަސްކަމާއި، މުއްސަނދިކަމަށެވެ. އެބައިމީހުންނަށް އާޚިރަތުގައި މާތް الله ގެ ރަޙްމަތުން އެއްވެސް މިންވަރެއް ނުލިބޭނެއެވެ. (2:200)
وَمِنْهُم مَّن يَقُولُ رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ (2:201)
އަދި ދުނިޔެއާއި އާޚިރަތުގެ ހެވާއި ލާބަ އެދޭ ބަޔަކުވެސް އެބައިމީހުންގެ ތެރެއިން ވެއެވެ. އެބައިމީހުން ދުނިޔޭގައި ޞިއްޙަތާއި، ރިޒްޤުގެ ތަނަވަސްކަމާއި، ޢިލްމު ބޭނުންވާއިރު، އާޚިރަތުގައި ސުވަރުގެއާއި، މާތް الله ގެ ރުއްސެވުމަށް އެދުމުގެ އިތުރުން ނަރަކައިގެ ގަދަފަދަ ޢަޛާބުން ދިންނެވުމަށް އެދެއެވެ. (2:201)
أُولَـٰئِكَ لَهُمْ نَصِيبٌ مِّمَّا كَسَبُوا ۚ وَاللَّهُ سَرِيعُ الْحِسَابِ (2:202)
ހެޔޮލަފާ ބާއްޖަވެރިންނަކީ މިއީއެވެ. އެބައިމީހުން އެދުނީ ދެދުނިޔޭގެ ބާއްޖަވެރިކަމަށެވެ. އެބައިމީހުންނީ ބުއްދިވެރީންނެވެ. ހެޔޮލަފާ ގޮތުގައި ދުނިޔޭގައި އުޅުނީތީ، އެބައިމީހުންނަށް މަތިވެރި ސަވާބާއި އަޖުރު ހުށްޓެވެ. މަޚްލޫޤުން ކިތައްމެ ގިނަ ނަމަވެސް އިންސާނުންނަށް ތަޞައްވުރު ކުރެވޭ ވަރަށް ވުރެ މާ އަވަހަށް މާތް الله، އެންމެންގެ ހިސާބު ބައްލަވައެވެ. (2:202)
وَاذْكُرُوا اللَّهَ فِي أَيَّامٍ مَّعْدُودَاتٍ ۚ فَمَن تَعَجَّلَ فِي يَوْمَيْنِ فَلَا إِثْمَ عَلَيْهِ وَمَن تَأَخَّرَ فَلَا إِثْمَ عَلَيْهِ ۚ لِمَنِ اتَّقَىٰ ۗ وَاتَّقُوا اللَّهَ وَاعْلَمُوا أَنَّكُمْ إِلَيْهِ تُحْشَرُونَ (2:203)
ތިޔަބައިމީހުން ޙައްޖުގެ އަޅުކަމުގެ ދުވަސްތަކުގައި (އަޟްޙާ ޢީދުގެ ދުވަސްތަކުގައި) ގިނަގިނައިން الله ހަނދުމަކުރާށެވެ. މިނާގައި އައްޔާމުއްތަޝްރީޤުގެ ދެދުވަސް (އަޟްޙާ ޢީދުގެ ދެވަނަ ދުވަހާއި ތިންވަނަ ދުވަސް) ހޭދަކުރުމަށް ފަހު މިނާއިން ފުރާ މީހާގެ މައްޗަށް ފާފައެއް ނެތެވެ. ﴿وَمَن تَأَخَّرَ فَلَآ إِثْمَ عَلَيْهِ ۚ لِمَنِ ٱتَّقَىٰ ۗ﴾ އަދި އަޟްޙާ ޢީދުގެ ހަތަރުވަނަ ދުވަހު ޖަމްރާތަކަށް ހިލަ އުކައިފައި ދާން މަޑުކުރިއަސް މައްސަލައެއް ނެތެވެ. الله އަށް ބިރުވެތިވެ ޙައްޖުގެ މަނާސިކުތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރި މީހަކަށެވެ. ﴿وَٱتَّقُوا۟ ٱللَّهَ وَٱعْلَمُوٓا۟ أَنَّكُمْ إِلَيْهِ تُحْشَرُونَ﴾ ތިޔަބައިމީހުން މާތް الله އަށް ބިރުވެތިވެ އެކަލާނގެ ޢަޛާބުން ރައްކާތެރިވާށެވެ. އަދި ތިޔަބައިމީހުން ޤިޔާމަތްދުވަހު އެއްކުރައްވައި، ތިޔަބައިމީހުން ކުޅަ ޢަމަލުތަކަށް ޖަޒާދެއްވާނެކަން ތިޔަބައިމީހުން ދަންނާށެވެ. (2:203)
އެޑިޓަރުގެ ނޯޓު: ތަފްސީރު ނަގާފައިވާނީ اَلتَّفْسِيْرُ الْوَاضِحُ الْمُيَسَّرُ "ބަޔާން ވެގެންވާ ފަސޭހަ ތަފްސީރު" ގެ ދިވެހި ތަރުޖަމާ އިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!