އޮސްޓްރޭލިއާ ސަރުކާރުން ދިވެހިރާއްޖެއަށް އަސްކަރީ ކަނޑު އުޅަނދެއް ހަދިޔާކުރުމަށް ނިންމައިފިއެވެ.

އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު އަދި ޑިފެންސް މިނިސްޓަރު ރިޗާޑް މާލްސް މިއަދު ވަނީ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްގައި ޒިޔާރަތް ކުރަށްވާފައެވެ.

Ad
rt

މި ނިންމުން އިއުލާނުކުރެއްވީ މި ޒިޔާރަތުގެ ތެރެއިން މުހިންމު މަޝްވަރާތަކަކަށްފަހު ރާއްޖޭގެ ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނާއި އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު މިއަދު ދެއްވި ޚާއްސަ ޖޮއިންޓް ސްޓޭޓްމަންޓެއްގައެވެ.

މި ސްޓޭޓްމަންޓް ދެއްވަމުން އޮސްޓްރޭލިއާގެ ބޮޑު ވަޒީރުގެ ނައިބު އަދި ޑިފެންސް މިނިސްޓަރ ރިޗާޑް މާލްސް ވިދާޅުވި ގޮތުގައި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަކީ އޮސްޓްރޭލިއާއަށްވެސް މުހިންމު ކަމެކެވެ. އެ ސަރަޙައްދަކީ އޮސްޓްރޭލިއާގެ އިޤްތިޞާދާއި ވިޔަފާރިއަށް ވަރަށް މުހިންމު ސަރަޙައްދެއް ކަމަށް ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއާއި އޮސްޓްރޭލިއާގެ ގުޅުން ބަދަހިވެގެންދިއުމަކީ ލިބޭ ބޮޑު އުފަލެއްކަމަށް ވިދާޅުވިއެވެ.

"ހަދިޔާކުރަން ނިންމި އުޅަނދަކީ ހަމައެކަނި އަސްކަރީ އެހީތެރިކަމެއް ނޫން. މިއިން އެންމެ ބޮޑަށް ގެނިގެންދަނީ ރާއްޖެއާއި އޮސްޓްރޭލިއާގެ ބަދަހިވަމުންދާ ގުޅުން. އަދި މި ގުޅުން މިހާރު ބިނާވަމުންމިދަނީ އިސްތިރާޖީ ގުޅުމަކުން. ކުރިމަގުގައިވެސް ރާއްޖެއަށް އޮސްޓްރޭލިއާގެ އެހީތެރިކަން ލިބޭނެ" ރިޗާޑޗާޑް މާލްސް ވިދާޅުވިއެވެ.

އޮސްޓްރޭލިއާއިން ހަދިޔާކުރައްވަން ނިންމަވާފައިވަނީ ގާޑިއަން ކްލާސް ޕެޓްރޯލް އުޅަނދެކެވެ. މީގެ އިތުރުން، މަލްޓި-ބީމް އިކޯ ސައުންޑަރ، ހައިޑްރޯގްރެފިކް އިކުއިޕްމަންޓް އަދި ކެޕޭސިޓީ ބިލްޑިންގްގައިވެސް އެހީތެރިކަން ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ވަސީލަތްތަކަކީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދު މެޕް ކުރުމަށް އެހީވެދޭނެ މުހިންމު އާލާތްތަކެކެވެ.