ހުޅުމާލޭގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ކުރިއަށްދާ 4،000 ފްލެޓްގެ މަޝްރޫޢު އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމައި، ފްލެޓްތައް ހައްގުވެރިންނާ ހަވާލުކުރުމަކީ މި ސަރުކާރުގެ އަމާޒު ކަމުގައި ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ހާމަކުރެއްވި ގޮތުގައި މިހާތަނަށް 1،000 ފްލެޓްގެ އަމަލީ މަސައްކަތް ވަނީ ނިމިފައެވެ. މި ފްލެޓްތަކަށް އަސާސީ ހިދުމަތްތައް ކަމުގައިވާ ފެން، ނަރުދަމާ އަދި ކަރަންޓު ގުޅުމުގެ މަސައްކަތް މިހާރުދަނީ ކުރެވެމުންނެވެ. މިނިސްޓަރުގެ އުއްމީދަކީ ޖުލައި މަހުގެ ތެރޭގައި މި 1،000 ފްލެޓަށް ހިދުމަތްތައް ފޯރުކޮށްދެވޭނެ ކަމަށް ވިދާޅުވި އެވެ.
ފްލެޓްތައް ހަވާލުކުރުމުގައި، ނިމޭ ފްލެޓްތަކުގެ އެއްބަސްވުން ހެދުމުގައި އިސްކަންދޭނީ ފްލެޓް ލިބޭ ފަރާތްތަކުގެ ތަރުތީބަށް ބަލައިގެންނެވެ. ސަރުކާރުގެ ޕްލޭނަކީ އަންނަ މަހުގެ ނިޔަލަށް އިތުރު 1،000 ފްލެޓް ނިންމުމަށްފަހު، ސެޕްޓެމްބަރު މަހުގެ ނިޔަލަށް މުޅި 4،000 ފްލެޓްގެ މަޝްރޫޢު ފުރިހަމަކުރުމެވެ.
ސަރުކާރުން މިހާރު ވަނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ކުރީގެ ސަރުކާރުން ނެރުނު ލިސްޓަށް ފްލެޓް ދިނުމަށް ނިންމާފައެވެ. ނަމަވެސް، މި ލިސްޓުން ޝަރުތު ހަމަނުވާ ފަރާތްތައް އުނިކުރެވޭނެއެވެ. އަދި މާލޭގައި މެދުނުކެނޑި ދިރިއުޅުނުކަން ސާބިތުކުރުމަށް އިތުރު ލުއިތަކެއް ގެނެސް، 2007 ގެ ކުރިން މާލޭގައި ދިރިއުޅުނުކަން ސާބިތުވާ ފަރާތްތަކަށް އިތުރު ފުރުސަތުތަކެއް ދެވޭނެއެވެ.
މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިންގ މިނިސްޓަރު ޑރ. މުއްތަލިބު ވަނީ ގެދޮރުވެރިޔާ ސްކީމްގެ ލިސްޓްގައި ހިމެނޭ ޝަރުތު ހަމަނުވާ ފަރާތްތަކުގެ ތަފްސީލު ހާމަކުރައްވާފައެވެ. މިގޮތުން ލިސްޓްގައި 391 ދެމަފިރީން ހިމެނޭއިރު، މިހާރުވެސް ގޯތި ނުވަތަ ފްލެޓް އޮތް 302 މީހުންނާއި، ބިންވެރިޔާ ސްކީމުން ކުރިން ގޯތި ލިބިފައިވާ 305 މީހުން ހިމެނޭ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ބައެއް ފަރާތްތަކުން ވަނީ މައުލޫމާތު އޮޅުވާލައިގެން ލިސްޓްގައި ނަން ހިމަނާފައެވެ. ސަރުކާރުގެ ސިޔާސަތަކީ ކޮންމެ އާއިލާއަކަށް އެއް ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށްވާތީ، ދެމަފިރިންނަށް ފްލެޓް ލިބިފައިވާނަމަ އެއް ފަރާތުން ފްލެޓް ދޫކޮށްލަންޖެހޭނެ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރު ވަނީ މިހާރުވެސް ގޯއްޗެއް ނުވަތަ ފްލެޓެއް އޮތް ފަރާތްތަކަށް އަލުން ފްލެޓް ދިނުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ފާހަގަކުރައްވާފައެވެ. މިކަމުގެ ސަބަބުން ލިސްޓުން ގިނަ އަދަދެއްގެ ބަޔަކު އުނިވެގެންދާނެ ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!