ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމް (މޯލްޑިވްސް ނޭޝަނަލް ސަރވިސް) މަސައްކަތްތައް ތަންފީޒުކުރާ އިދާރާއަކީ ދިފާއީ ވުޒާރާކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކަނޑައަޅުއްވައިފިއެވެ.
މިކަން ހާމަކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމެއްގައެވެ.
މި ނިންމެވުމާ ގުޅިގެން، މޯލްޑިވްސް ނޭޝަނަލް ސަރވިސްއާ ގުޅުންހުރި އެންމެހައި މަސައްކަތްތައް މިއަދުން ފެށިގެން ވަނީ ދިފާއީ ވުޒާރާ (މިނިސްޓްރީ އޮފް ޑިފެންސް)ގެ މަސައްކަތްތަކުގެ ލިސްޓަށް އިތުރުކުރަށްވާފައެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގުރާމްގައި ބައިވެރިވުމަށް އެދި މިހާތަނަށް 658 ފަރާތަކުން ހުށައަޅާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ 25 މެއި 2025 ގައި ވިދާޅުވެފައެވެ.
މޯލްޑިވްސް ނޭޝަނަލް ސަރވިސްއާގުޅޭ ގޮތުން މިނިސްޓްރީ އޮފް ޑިފެންސްގެ މަސައްކަތްތަކުގެ ލިސްޓަށް އިތުރުކުރައްވައިފައިވާ މަސައްކަތްތައް
- މޯލްޑިވްސް ނޭޝަނަލް ސަރވިސްއާގުޅޭގޮތުން އެކުލަވައިލަންޖެހޭ އުސޫލުތައް އެކުލަވައިލައި ތަންފީޒުކުރުން.
- މޯލްޑިވްސް ނޭޝަނަލް ސަރވިސްއަށް މީހުން އެންރޯލްކުރުމާ ގުޅޭ އެންމެހައި ކަންކަން ރާވައި އިންތިޒާމުކުރުމާއި، ނޭޝަނަލް ސަރވިސްއަށް އެންރޯލްކުރެވޭ ފަރާތްތައް ރަޖިސްޓްރީކުރުމާއި، މޯލްޑިވްސް ނޭޝަނަލް ސަރވިސްގެ މެންބަރުންނާ ގުޅޭ އިދާރީ ކަންކަން ބެލެހެއްޓުން.
- މޯލްޑިވްސް ނޭޝަނަލް ސަރވިސްގެ ތަމްރީނުގެ ނިޒާމު އެކަށައަޅައި، އެ ނިޒާމު ތަންފީޒުކުރުން.
- މޯލްޑިވްސް ނޭޝަނަލް ސަރވިސްގެ ތަމްރީނުގެ ނިޒާމުގެ ދަށުން ހިންގާ ތަމްރީނުތައް ހިނގާނުހިނގާގޮތް ބެލުމާއި، އެ ނިޒާމު ތަރައްޤީކުރުމަށް ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން މަސައްކަތްކުރުން.
- ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް މޯލްޑިވްސް ނޭޝަނަލް ސަރވިސްގެ ތަމްރީނު ޕުރޮގުރާމުތައް ހިންގުމާއި، މޯލްޑިވްސް ނޭޝަނަލް ސަރވިސްގެ ތަމްރީނު ޕުރޮގުރާމުތަކުގެ ތެރެއިން އެހެނިހެން މުއައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދަންޖެހޭ ޕުރޮގުރާމުތައް ރާވައި ހިންގުމުގައި އެ މުއައްސަސާތަކާ ވިލަރެސްކުރުން.
- މޯލްޑިވްސް ނޭޝަނަލް ސަރވިސްގެ ތަމްރީނު ފުރިހަމަކުރާ ފަރާތްތައް އެކްޓިވް ސަރވިސްގެ މުއްދަތުގައި ޚިދުމަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ލަފާގެ މަތިން ކަނޑައަޅާ ތަންތަނުގައި ޚިދުމަތްކުރުމުގެ އިންތިޒާމުތައް ހަމަޖައްސައިދިނުން.
- މޯލްޑިވްސް ނޭޝަނަލް ސަރވިސްގެ މެންބަރުންގެ ތެރެއިން އެކްޓިވް ސަރވިސްގެ މުއްދަތު ފުރިހަމަކުރާ ފަރާތްތައް ރައީސުލްޖުމްހޫރިއްޔާގެ ލަފާއާއެކު ރިޒާވް މެންބަރުންގެ ގޮތުގައި ރަޖިސްޓަރީކުރުމާއި، ރިޒާވް މެންބަރުންނާ ގުޅޭގޮތުން ހަމަޖައްސަންޖެހޭ އިދާރީ އިންތިޒާމުތައް ހަމަޖެއްސުން.
- މޯލްޑިވްސް ނޭޝަނަލް ސަރވިސްގެ މެންބަރުން ޤައުމީ ޚިދުމަތަށް ނެރެންޖެހޭ ހާލަތްތަކުގައި
އެ މެންބަރުންނަށް ޤައުމީ ޚިދުމަތަށް ނުކުތުމަށް އެންގުމުގެ ނޯޓިސް ފޮނުވުމާއި، ޤައުމީ ޚިދުމަތުގައި ހޭދަކުރާ މުއްދަތުގައި އެ މެންބަރުންގެ އިދާރީ އިންތިޒާމުތައް ހަމަޖެއްސުން. - މޯލްޑިވްސް ނޭޝަނަލް ސަރވިސްގެ ނިޒާމު ހިންގުމަށް ބޭނުންވާ ބަޖެޓު އެކުލަވައިލުމާއި، އެ ނިޒާމު ހިންގުމަށް ބޭނުންވާ ވަސީލަތްތަކާއި އާލާތްތައް ހޯދުމާއި، ނޭޝަނަލް ސަރވިސްގެ މެންބަރުންގެ އިނާޔަތްތަކާގުޅޭ ކަންކަން ބެލެހެއްޓުން.
- މޯލްޑިވްސް ނޭޝަނަލް ސަރވިސްގެ ނިޒާމު ކުރިއަށްދާގޮތް ވަޒަންކުރުމާއި، އެ ނިޒާމު އިތުރަށް ހަރުދަނާކޮށް ތަރައްޤީކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން.
ރައީސް އޮފީހުން ކުރިން ބުނީ މި ޕްރޮގްރާމުގެ މަޤްޞަދަކީ ދިވެހި ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙު އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ، ޤައުމަށް ޚިދުމަތްކުރުމަށް ތައްޔާރު ޒުވާނުން ބިނާކުރުން ކަމަށެވެ. އަދި މި ޕްރޮގްރާމުގެ ސަބަބުން ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކަށް ބޭނުންވާ ޒުވާނުން ތައްޔާރުކުރެވި، ސަލާމަތީ ޚިދުމަތްތަކަށް މީހުން ރެކްރޫޓްކުރުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.
2024 ވަނަ އަހަރުގެ ނަޞްރުގެ ދުވަހުގެ ރަސްމިއްޔާތުގައި މި ޕްރޮގްރާމް އިޢުލާނުކުރެއްވި ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ މި ޕްރޮގްރާމުގެ ސަބަބުން ތަމްރީނު ލިބިފައިވާ، އަޚްލާޤު ރަނގަޅު، ޤައުމަށް ފައިދާހުރި ހަރުދަނާ ޒުވާން ޖީލެއް ބިނާކުރެވޭނެ ކަމަށެވެ. އަދި 2025 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވަނީ މި ޕްރޮގްރާމް 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ފެށޭނެ ކަމަށެވެ.
ޤައުމީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް އެލަވަންސެއް ދެވޭނެ ކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!