ކުޅުދުއްފުށި ސިޓީގައި، ރާއްޖޭގެ ފުރަތަމަ "ޑިޒާސްޓަރ މެނޭޖްމަންޓް ހެޒާރޑް މިޓިގޭޝަން އެންޑް ކްލައިމެޓް ޗޭންޖް ޕްލޭން" ރަސްމީކޮށް އިފްތިތާޙްކޮށް، ތާރީޚްގެ ތެރެއިން ޖާގަ ހޯދައިފިއެވެ.
އެގޮތުން މި ޕްލޭން އިފްތިތާޙްކޮށްފައިވަނީ މި މަހު 19 އިން 20 އަށް ބޭއްވި އުތުރު ސަރަޙައްދުގެ ކާރިސީ ހިރާސް ކުޑަކުރުމުގެ މަހާސިންތާގައެވެ. މި މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތުގައި މި ޕްލޭން ރަސްމީކޮށް އިފްތިތާޙުކުރެއްވީ ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް އެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލުން ފާހަގަކޮށްފައިވާ ގޮތުގައި މި ޕްލޭނަކީ، "މޭކިންގ ސިޓީސް ރެޒިލިއެންޓް 2030" މަޝްރޫޢުގެ ދަށުން، ވީލުންވެރި މުޖުތަމަޢުއެއް ބިނާކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދެވުނު މަޝްރޫޢުއެއް ކަމަށެވެ.
މި ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކޮންސަލްޓަންސީގެ ގޮތުގައި ކޮށްފައިވަނީ ޝެރެޓް ސްޓޫޑިއޯއިންނެވެ. މި ޕްލޭން އަކީ ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ބަޖެޓުން ޚަރަދުކޮށް 521 ދުވަސް ތެރޭގައި ނިންމުމަށް ހަވާލުކުރި މަޝްރޫއެކެވެ. އަދި މިކަމަށް ސިޓީ ކައުންސިލް ބަޖެޓުން 1،815،426.00 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
ކުޅުދުއްފުށީގެ "ޑިޒާސްޓަރ މެނޭޖްމަންޓް ހެޒާރޑް މިޓިގޭޝަން އެންޑް ކްލައިމެޓް ޗޭންޖް ޕްލޭން" ރަސްމީކޮށް އިފްތިތާޙްކުރުން، ފޮޓޯ: ސިޓީ ކައުންސިލް
ސިޓީ ކައުންސިލުން އިފްތިތާޙްކުރި މި ޕްލޭނުގެ މަސައްކަތްތަކުގެ ދަށުން އެއްކުރެވުނު މަޢުލޫމާތު ޗާޓުތައް ހިމެނޭ ޖިއޮގްރަފިކް އިންފޮމޭޝަން ސިސްޓަމް ޕްލެޓްފޯމެއް ވަނީ ތައްޔާރުކޮށްފައެވެ. އެހެންކަމުން މި ޕްލެޓްފޯމަކީ ކާރިސާތައް މެނޭޖްކުރުމުގައާއި ކާރިސާގެ ނުރައްކާ ކުޑަކުރުމަށް އަމާޒުކޮށްގެން ތަރައްޤީގެ ޕްލޭންތައް އެކުލަވާލުމުގައި ބޭނުންކުރެވޭނެ މުހިންމު ވަސީލަތަކަށް ވާނެކަމަށް ކައުންސިލުން ބުނެފައިވެއެވެ.
މި މަޝްރޫޢުގެ އިތުރުން، އުތުރުގެ 3 އަތޮޅުގެ ތެރެއިން ހދ، ހއ، އަދި ށ އިން 75 ބައިވެރިންނާއެކު ކުރިއަށް ގެންދެވުނު އުތުރު ސަރަޙައްދުގެ ކާރިސީ ހިރާސް ކުޑަކުރުމުގެ މަހާސިންތާވެސް މިއަދު ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ. އެގޮތުން މި މަހާސިންތާގެ ބައިވެރިންގެ މުހިންމު މަޝްވަރާތަކާއި، ޕެނަލް ޑިސްކަޝަންތަކާއި، އުތުރުގެ ސަރަހައްދުގައި ކާރިސާގެ ނުރައްކާތައް މަދުކުރުމަށް މަޝްވަރާކޮށްފައިވެއެވެ.
ކުޅުދުއްފުށީގެ "ޑިޒާސްޓަރ މެނޭޖްމަންޓް ހެޒާރޑް މިޓިގޭޝަން އެންޑް ކްލައިމެޓް ޗޭންޖް ޕްލޭން" ރަސްމީކޮށް އިފްތިތާޙްކުރުން، ފޮޓޯ: ސިޓީ ކައުންސިލް
މި މަޝްރޫޢުގެ ސަބަބުން، ކުޅުދުއްފުށި ސިޓީއަކީ ރާއްޖޭގައި މިފަދަ ޕްލޭނެއް އެކުލަވާލި ފުރަތަމަ ސިޓީކަމުގެ ޝަރަފު ހޯދައިފައިވެއެވެ. މި މަޝްރޫޢުގެ ތެރެއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިޓީ އިމަޖެންސީ އޮޕަރޭޝަންސް ޕްލޭނެއްވެސް ވަނީ އެކުލަވާލާފައެވެ.
މީގެ އިތުރުން، މި މަހުގެ 08 ވަނަ ދުވަހު ކުޅުދުއްފުށި ސިޓީ ކައުންސިލުން ވަނީ ރާއްޖޭގެ ފުރަތަމަ ސިޓީ ޑިޒާސްޓަރ މެނޭޖްމެންޓް ކޮމެޓީވެސް އެކުލަވާލާ، ކޮމެޓިގެ އިފްތިތާޙީ ބައްދަލުވުންވެސް ބާއްވާފައިވާއިރު، ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 203 ވަނަ އާންމު ބައްދަލުވުމުގައި "ކުޅުދުއްފުށި ސިޓީ ޑިޒާސްޓަރ މެނޭޖްމެންޓް ހެޒާރޑް މިޓިގޭޝަން އެންޑް ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން ޕްލޭން" ވަނީ ފާސްކޮށްފައެވެ.
މިއަދު ނިންމާލި އުތުރު ސަރަޙައްދުގެ ކާރިސީ ހިރާސް ކުޑަކުރުމުގެ މަހާސިންތާގައި ސިޓީ ކައުންސިލުގެ މެންބަރުންނާއި، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލް މުޙައްމަދު އާރިފް އާއި، އެން.ޑީ.އެމް.އޭގެ މެނޭޖަރ، ޑިވެލޮޕްމަންޓް އެންޑް ރެސިލިއެންސް، އަލްފާޟިލް އައިޝަތު އިލްމާ ގެ އިތުރުން މުއައްސަސާތަކުގެ އިސްވެރިންވަނީ ބައިވެރިވެވަޑައިގެންފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!