ސަރުކާރުން ތަޢާރަފްކުރި "އީ މޯލްޑިވްސް 2.0" ޕްރޮގްރާމްގެ ތެރޭގައި އީ-ވޯޓިންގ ނުހިމެނޭ ކަމަށް ދާޚިލީ ވަޒީރު އަލީ އިހްސާން މިއަދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވެފައިވަނީ، މިދިޔަ އެމްޑީޕީ ސަރުކާރުގެ ޒުވާނުންނާއި ކުޅިވަރާބެހޭ ވަޒީރު އަހްމަދު މަހްލޫފް އެކްސް ގައި ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ. މަހްލޫފްގެ ޕޯސްޓުގައި ދޭހަވާގޮތުން، "އީ މޯލްޑިވްސް 2.0" ގެ ބޭނުމަކީ އީ-ވޯޓިންގ އަކަށް ގޮސް އަންނަ ރިޔާސީ އިންތިޚާބު އޮޅުވާލުން ކަމަށް ތުހުމަތު ކުރައްވާފައިވެއެވެ.
މި ތުހުމަތަށް ރައްދު ދެއްވަމުން ދާޚިލީ ވަޒީރު އިހްސާން ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިބްރާހީމްގެ އަރިހުގައި އެސްޓޯނިއާއަށް ދަތުރުފުޅެއް ކުރެއްވި ކަމަށާއި، އަދި ރޭ ބޭއްވުނު "އީ މޯލްޑިވްސް 2.0" ތަޢާރަފްކުރުމުގެ ޖަލްސާގައިވެސް ބައިވެރިވެވަޑައިގަތް ކަމަށެވެ. އަދި މި ޕްރޮގްރާމް ތަންފީޒުކުރުމުގެ ޒިންމާވެސް އޮތީ އޭނާގެ މައްޗަށް ކަމަށް ވިދާޅުވިއެވެ.
"އެސްޓޯނިއާގައިވެސް އަދި ރޭގެ ޖަލްސާގައިވެސް ރައީސް ތަކުރާރުކޮށް ވިދާޅުވި އެއް ވާހަކަފުޅަކީ އީ-ވޯޓިންގ ފިޔަވައި އަޅުގަނޑުމެން އެސްޓޯނިއާގައި ޑިޖިޓަލްކޮށް ދެމުންދާ ހުރިހާ ޚިދުމަތެއް ދޭންވާނެ ކަމަށް،" އިހްސާން ވިދާޅުވިއެވެ.
ރާއްޖެ ޑިޖިޓަލައިޒް ކުރުމަށް "މޯލްޑިވްސް 2.0" ސަމިޓް ފަށައިފި
ވަޒީރު އިތުރަށް ވިދާޅުވީ، މި ޕްރޮގްރާމްގެ މަޤްޞަދަކީ ކޮރަޕްޝަން ނައްތާލުމާއި، ޚަރަދު ކުޑަކުރުމާއި، ޚިދުމަތްތައް އަވަސްކުރުމާއި، އަދި ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުން ކަމަށެވެ. އަދި މިއީ އީ-ވޯޓިންގ ތަޢާރަފްކުރުމަށް ކުރެވޭ މަސައްކަތެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ބައެއް ކަންކަމަކީ ޤައުމަށްޓަކައި ސިޔާސީ ދެބަސްވުން އެއްކިބާ ކުރަންޖެހޭ ކަންކަމެވެ. މިއީ އެފަދަ ކަމެކެވެ،" އިހްސާން ވިދާޅުވިއެވެ.
"މޯލްޑިވްސް 2.0" އަކީ މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މގެން މަސައްކަތްކޮށް، ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް ސަރުކާރުން އިފްތިތާޙްކުރި ޕްރޮގްރާމެކެވެ. މި މަޝްރޫޢަކީ ކުރިއަށް އޮތް 3 އަހަރަށް ހިންގާނެ މަޝްރޫޢެއް ކަމަށް ސަރުކާރުން ބުނެއެވެ.
މި މަސައްކަތަކީ ރާއްޖެ ކޮރަޕްޝަންގެ ވަބާއިން މިންޖުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމުގައި ރަައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!