ކޮންމެ ނޭދެވޭ ކަމަކުން ދިވެހިރާއްޖޭގެ ހުރިހާ ކުޑަކުދިން ދުރުހެލިކުރުމަށް މިއަދު އަޒުމު ކަނޑައަޅަންޖެހޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރެވޭ ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚާއްޞަ ޚިޠާބުގައެވެ.

Ad
rt

މި ޚިޠާބުގައި ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި ދިވެހިރާއްޖޭގެ އާބާދީގެ ހަތަރުބައިކުޅަ އެއްބައި އަކީ ކުޑަކުދިންނެވެ. އަދި މި ކުދިންނަކީ ޤައުމުގެ މުސްތަޤުބަލް ކަމަށާއި، އެ ކުދިން ހަރުދަނާ ޖީލެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމަކީ ޤައުމީ ވާޖިބެއް ކަމުގައި ވެސް ވިދާޅުވިއެވެ.

"ކުޑަކުދިންގެ މިޖާޒުގައި ހުންނާނީ ނިޔަނެތިކަމާއި ސާފުސީދާކަމެވެ. ބޮޑެތި މީހުންނާމެދު އެކުދިން ދެކޭނީ، ބެލެނިވެރިއެއް، މުރުޝިދެއް، މަދަދުގާރެއްގެ ނަޒަރުންނެވެ." ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް މުޢިއްޒުގެ ޚިޠާބުގައި ވަނީ ގޭތެރެއާއި، މަގުމައްޗާއި، އަދި އެހެނިހެން ތަންތަނުގައި ވެސް އެކަކު އަނެކަކަށް އިޙްތިރާމްކުރާ، އަދަބު އަޚްލާޤުން ޒީނަތްތެރިވެފައިވާ މާޙައުލެއް ޤާއިމްކުރުމަށް ވެސް ގޮވައިލައްވާފައެވެ. އަދި ކުޑަކުދިންނަށް ޒަމާނީ އަދި މުސްތަޤުބަލަށް ބޭނުންތެރި ތަޢުލީމާއި ތަމްރީނު ފޯރުކޮށްދިނުމުގެ މުހިންމުކަން އެމަނިކުފާނުގެ ޚިޠާބުގައި ވަނީ ފާހަގަކުރައްވާފައެވެ.

"އަޅުގަނޑުމެން މިއަދު ޢަޒުމު ކަނޑައަޅަންވީ، ކޮންމެ ނޭދެވޭ ކަމަކާ ދިވެހި ހުރިހާ ކުޑަކުދިން ދުރުހެލި ކުރުމަށެވެ." ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް މުޢިއްޒުގެ ޚިޠާބު ވަނީ ދިވެހި ޤައުމަށް ލޯބިކުރާ، ދިވެހިވަންތަ، މުސްލިމް ދަރިންތަކެއް ތަރުބިއްޔަތު ކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުންނެވެ. އަދި މިފަދަ ދަރިންތަކެއްގެ ކޮނޑުމަތީުމަތީގައި ދިވެހި ޤައުމުގެ މުސްތަޤުބަލް ބިނާވެގެންދާނެ ކަމުގެ ޔަޤީންކަން ފާޅުކުރެއްވިއެވެ.