ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވާފައި ހުންނަވާ ސަފީރު، ހަރ އެކްސެލެންސީ އިޝިގާމީ ރުމީކޯ ކުޅުދުއްފުށީ ޕަބްލިކް ލައިބްރަރީއަށް ފޮތް ހަދިޔާކުރައްވައިފިއެވެ.
ސިޓީ ކައުންސިލުން ބުނިގޮތުގައި ސަފީރު މިހާރު ކުޅުދުއްފުށީ ސިޓީއަށް ކުރަށްވަމުން ގެންދަވާ ޒިޔާރަތުގެ ތެރެއިން ވަނީ ޖަޕާންގެ ނިޕޮން ފައުންޑޭޝަންގެ "ރީޑް ޖަޕާން" މަޝްރޫޢުގެ ދަށުން ކުޅުދުއްފުށީ ޕަބްލިކް ލައިބްރަރީއަށް ފޮތް ހަދިޔާކުރުމުގެ ރަސްމިއްޔާތު އިފްތިތާޙުކޮށްދެއްވާފައެވެ.
މިގޮތުން ނިޕޮން ފައުންޑޭޝަންގެ "ރީޑް ޖަޕާން" މަޝްރޫޢުގެ ދަށުން ކުޅުދުއްފުށީ ޕަބްލިކް ލައިބްރަރީއަށް ޖުމްލަ 178 ފޮތް ވަނީ ހަދިޔާކޮށްފައެވެ.
"ރީޑް ޖަޕާން" މަޝްރޫޢުގެ ދަށުން ކުޅުދުއްފުށީ ޕަބްލިކް ލައިބްރަރީއަށް ފޮތް ހަދިޔާކުރުން، ފޮޓޯ: ސިޓީ ކައުންސިލް
ސިޓީ ކައުންސިލުން މިކަން ސިފަކޮށްފައި ވަނީ މިއީ ތަޢުލީމާއި ޘަޤާފީ ބަދަލުކުރުމަށް އޮތް އެކުވެރި އަޒުމުގެ ނިޝާނެއްގެ ގޮތުގައެވެ. އަދި މި ދަރުމަވެރި އެހީއަށްޓަކައި އެމްބެސެޑަރ އިޝިގާމީ އަށާއި، ޖަޕާނުގެ އެމްބަސީއަށާއި، ނިޕޮން ފައުންޑޭޝަނަށް ސިޓީ ކައުންސިލުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރުގެ ގޮތުގައި ހަރ އެކްސެލެންސީ އިޝިގާމީ ރުމީކޯ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް އަރުވާފައި ވަނީ މިއަހަރުގެ ފެބްރުއަރީމަހުގެ ހަތަރު ވަނަ ދުވަހުއެވެ.
ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރީ 1967 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 14 ވަނަ ދުވަހުއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެ ސިޓީގައި ޒަމާނީ ފެންވަރަށް ތަރައްގީކުރި ޕަބްލިކް ލައިބްރަރީ ރަސްމީކޮށް ހުޅުވާފައި ވަނީ 16 ސެޕްޓެމްބަރު 2024 ވަނަ ދުވަހު ރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!