ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހެއްގެ މައްޗަށް ކުށް ސާބިތުވެ، 54 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.
ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން މި ހުކުމް އިއްވާފައިވަނީ އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ މި ޢަމަލު ހިންގި 51 އަހަރުގެ ދިވެހި ފިރިހެނެއްގެ މައްޗަށެވެ.
މި މައްސަލައިގެ ހުކުމްގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ފިރިހެނާ ވަނީ ކުޑަ އަންހެން ކުއްޖަކާމެދު އެކި ދުވަސްމަތިން ގަދަކަމުން ޖިންސީ ޢަމަލު ހިންގައި، އަދި އޭނާގެ ޖިންސީ ގުނަވަނުގައި ކުއްޖާ ލައްވައި ގަދަކަމުން އަތްލުވައި ޖިންސީ އަމަލު ހިންގާފައެވެ.
މި ކުށްތަކުގެ ސަބަބުން އޭނާއަށް 54 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އޭނާ މިހާރު ވަނީ ތިން އަހަރު ދުވަހު ބަންދުގައި ހޭދަކޮށްފައެވެ. އެހެންކަމުން، އިތުރަށް ތަންފީޒުކުރަން ޖެހެނީ 51 އަހަރުގެ ޖަލު ހުކުމެވެ.
މި މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކޮށްފައިވަނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް 2 އިންނެވެ.
ފުލުހުން މި މައްސަލައިގެ ތަޙުޤީޤު ނިންމައި، ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 18 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!