ކުޅުދުއްފުށި ސިޓީ ކައުންސިލުން ކުރިއަށްގެންދާ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމެއްގެ ދަށުން "ކްލައިމެޓް ޗެމްޕިއަންސް" ގެ ގޮތުގައި މަސައްކަތް ކުރަން ޝައުގުވެރިިވާ ފަރާތްތަކަށް ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.
މިކަމަށް ފުރުސަތު ހުޅުވާލައި، ސިޓީ ކައުންސިލުން ކުރި އިއުލާނުގައިވާ ގޮތުން، މި މަސައްކަތުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގައި ހިމެނޭ ކަންތައްތައްތަކުގެ ތެރޭގައި، ތިމާވެށި ރައްކާތެރިކުރުމާއި ގުޅޭ ޙަރަކާތްތަކުގައާއި ސިޓީ ކައުންސިލުން ކުރިއަށްގެންދާ ތިމާވެށީގެ މަޝްރޫޢުތަކުގައި އިސްނަގައިގެން ބައިވެރިވެ، މުޖުތަމަޢުުގެ ހޭލުންތެރިކަން އިތުރުކުރުމަށް ބާއްވާ ޕްރޮގްރާމްތައް ރާވައި ހިންގުމަށް އެހީތެރިވެދީ، ތިމާވެއްޓާއި ރައްޓެހި އާދަތައް އާންމުކުރުމަށް މަސައްކަތް ކުރުމުގެ އިތުރުން މުޖުތަމަޢުގެ އެކި ފަންތީގެ މީހުންނާއި އެކު މަސައްކަތްކޮށް އެމީހުންގެ ބައިވެރިވުން އިތުރުކުރުން ހިމެނެއެެވެ.
މި މަސައްކަތައް މީހުން ހޮވާއިރު ބަލާ ކަންތައްތަކުގެ ތެރޭގައި ކުޅުދުއްފުށި ސިޓީގެ ދާއިމީ ރައްވެއްސަކަށްވެފައި އުމުރުން 16 އަހަރާއި 35 އަހަރާއި ދެމެދުގެ ފަރާތެއްކަމުގައިވުން މުހިންމެވެ. އަދި ތިމާވެށި ރައްކާތެރިކުރުމަށް ޝައުގުވެރިކަން ހުރި ފަރާތަކަށްވެފައި މުޖްތަމަޢީ ހަރަކާތްތަކުގައި ބައިވެރުވުމުގައި ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އިސްކަންދޭނެއެވެ.
އެގޮތުން މި މަސައްކަތައް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން 20 އޭޕްރީލް 2025 ވާ އާދީއްތަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ކުޅުދުއްފުށި ސިޓީ ކައުންސިލުގެ އިދާރާއަށް ގެޒެޓު މެދުވެރިކޮށް ހިއްސާ ކޮށްފައިވާ ފޯމު މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުއްވުމަށް އިއުލާނުގައިވެއެވެ. އަދި އިތުރަށް މައުލޫމާތު ސާފުކުރުމަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުުރު 14:00 ގެ ކުރިން 6527196 ކަށް ގުޅުއްވުމަށް އިލްތިމާސްކޮށްފައިވެއެވެ.
މި ފަހުން ކުޅުދުއްފުށި ސިޓީ ކައުންސިލުންވަނީ ކުޅުދުއްފުށިގައި ފަތުރުވެރިކަމުގެ ސިނާޔަތު އިތުރަށް ތަރައްޤީކުރުމުގެ ގޮތުން ޓުއަރިޒަމް އެޑްވައިޒަރީ ބޯޑެއް އެކުލަވާލުމަށް ވަނީ ނިންމާފައެވެ. މި ފުރުސަތުގައި ސިޓީ ކައުންސިލުން މަޝްރޫއުތަކުގައި ޒުވާނުންގެ ހިއްސާ އިތުރަށް ޝާމިލްކޮށް ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ފާހަގަކޮށްލަމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!