ޕާން ފޮތި ގޮސް ޖެހުނީ ދުރުގައި ހުރި މޫމިނައްތަގެ ފައިބުޑަށެވެ. އޭރު މޫމިނައްތަގެ މޫނުމަތިން ވެސް ފެންނަނީ ހައިރާންކަމުގެ އަސަރުތަކެވެ. ޝިކާއަށް މޫމިނައްތަ ފެނުމާއެކު އޭނާ ނުހަނު ކަންބޮޑު ވެއްޖެއެވެ. އަވަސް އަވަހަށް ކޮޅަށް ތެދުވެ، ބާރުބާރަށް ކޮޓަރިއާ ދިމާލަށް އޭނާ ދުއްވައިގަތެވެ.

އަކްރަމް އެނބުރި ގެއަށް އައި އިރު ވެސް ޝިކާ އޮތީ އެނދުމަތީގައެވެ. އަތު ކުރީގައި އޮތް ގަޑި ނެގުމަށްފަހު ޑްރެސިންޓޭބަލް މަތީ ބާއްވަމުން އަކްރަމް ޝިކާއަށް ބަލައިލިއެވެ.

Ad
rt

" ދެން ތީ ކޮަންކަމެއް؟" އަކްރަމް ބުންޏެވެ.

އަކްރަމްގެ އަޑު އިވުމާއެކު ޝިކާ ވަރަށް އުނދަގުލުން ކަހަލަ ގޮތަކަށް ތެދުވެއްޖެއެވެ. އަދި މަޑުމަޑުން ގޮސް އަކްރަމްއާ ދާދި ގާތުގައި ހުއްޓި އޭނާގެ މޫނަށް ފުން ނަޒަރަކުން ބަލައިލިއެވެ.

" ތިއީ އަކްރަމްއަށް އެއްވެސް ކަމަކަށް ނުވިޔަސް، އަހަންނަށް ތިއީ ހާދަ ބޮޑު ކަމެކޭ. އަކްރަމް މި ދުނިޔެއިން އެންމެ ލޯބިވި ކުއްޖާއާއެކު މަސައްކަތް ކުރަން ފޮނުވާކަށް އަހަރެންގެ ހިތެއް އެއްބަހެއް ނުވޭ. ތި ދެ މީހުން އަބަދު ބައްދަލް ވާކަށް އަހަރެން ބޭނުމެއް ނޫން. ފަހަރެއްގައި ވެސް އަކްރަމްގެ ހިތް އޭނައަށް ލެނބިގެން ދާކަށް އަހަންނެއް ނޭދެން. މިހާރު އަކްރަމްއަށް އެނގިފައި އޮތީ ތާނިޔާ އަކްރަމްއަށް ބޭވަފާތެރި ނުވާކަން. ހުދު ތާނިޔާ ވެސް އަކްރަމް ބޭނުން ވާކަން. ދެން ތި ދެ މީހުންގެ މެދުގައި ލޯތްބެއް ނުއުފެދޭނެތަ؟ ނޫނީ ވަޅުޖަހާފައި އޮތް ލޯބި އަނބުރާ ފާޅެއް ނުވާނެތަ؟ ބުނެބަލަ އަކްރާމް." ޝިކާ ބުނެލީ ގިސްލަމުންނެވެ.

އެއާއެކު އަކްރަމް ޝިކާއަށް ފުރަގަސް ދިނުމަށްފަހު، ޝިކާގެ މޫނަށް ބަލަން ފެށީ ލޯގަނޑުންނެވެ. އޭރު އަކްރަމްގެ މޫނުމަތީގައި ވެސް ވަނީ ނުތަނަވަސްކަމެވެ.

" ޝިކާ! އަދިވެސް ޝިކާއަކަށް އަހަންނެއް ނޭނގޭ ދޯ؟ ޝިކާއަށް ހީވޭތަ އަހަންނަކީ ތިހާ ދަށުދަރަޖައެއްގެ މީހެއްހެން؟ ޝިކާއަށް ހީވޭތަ އަހަރެން އެއްވެސް މީހަކަށް ނުބައިކޮށް ހިތާފާނެހެން؟ ޝިކާއަށް ހީވެތަ އިއްޔެ ޝިކާދެކެ ލޯބިވެޔޭ ބުނެފަ މިއަދު އަހަރެން ޝިކާ ނެރެ އެއްލާލާނެހެން؟" އަކްރަމްގެ ސުވާލުތައް އަޑު އިވި ޝިކާއަށް ހުރެވުނީ ގަނޑުވެފައެވެ. ބޮޑު ދެ ލޮލުން އޭނާ އަކްރަމްއަށް ބަލަމުން ދިޔައީ އޭނާ ދައްކަމުން ދާ ވާހަކަތައް ސާފު ނުވާ ފަދަ ނަޒަރަކުންނެވެ.

" އަދިވެސް ނުވިސްނޭތަ؟" އަކްރަމް އެނބުރި ޝިކާއަށް ބަލައިލިއެވެ.

" ތާނިޔާ ދައްކާހާ ކޮންމެ ވާހަކައެއް އަހަރެން ގަބޫލު ކުރާނެހެން ޝިކާއަށް ހީވޭތަ؟ އެއްފަހަރު އޭނަ އަހަންނަށް އޮޅުވާލައިފި. ދެ ވަނަ ފަހަރަށް އަހަރެން އޭނައަށް އެ ފުރުސަތެއް ނުދޭނަން. " އަކްރަމް ބުންޏެވެ.

އޭރު ވެސް ޝިކާ ހުރީ އޭނާ ހުރި ފިޔަވަޅުމަތީގައެވެ. އާގަމަ ވެފައެވެ. ބަސް ހުއްޓިފައެވެ.

" އަހަރެން އޭނަ ގޮވައިގެން ސައިކަލްގައި ދިޔައީ އޭނަ ބުނި ގެއަށް އޭނަ ލައިދޭން. ތާނިޔާގެ މޫނުމަތިން އެ ރޭ ހިނިތުންވުމާ އުފާވެރިކަން ޝިކާއަށް ފެނުނު އިރު، އަހަރެންގެ މޫނުމަތީގައި ހުރި ނުތަނަވަސްކަމާ ފޫހިކަން ޝިކާއަށް ނުފެނުނީތީ އަހަރެން ވަރަށް ދެރަވެއްޖެ. " އަކްރަމް ބުންޏެވެ.

" ތާނިޔާ އެ ގެއަށް ލައިފައި އަހަރެން، އޭނައަށް ފާރަލާން މީހަކާ ހަވާލު ކުރިން. ތާނިޔާ އެހެން ފިރެހެނަކާއެކު ހަމަ އެ ގަޑީގައި ބޭރަށް ގޮސް، ގެސްޓް ހައުސްއަކަށް ދިޔަ ވާހަކަ އޭނަ ބުނި. އޭނަ އެކަން ޕްރޫފް ކޮށްދޭން ފޮޓޯ ވެސް ނެގި. އަހަރެން މި އައީ އަހަރެންގެ ދިރިއުޅުމާ ނުކުޅެވޭނެކަން ތާނިޔާއަށް ރަނގަޅަށް ބުނެދީފަ." އަކްރަމް ބުންޏެވެ.

އެ ވަގުތު ޝިކާ އަކްރަމްގެ ގައިގައި ބައްދާލަމުން އަނެއްކާ ވެސް މަޑުމަޑުން ގިސްލާން ފެށިއެވެ.

" އަކްރަމް! އަހަރެން އަކްރަމްދެކެ ލޯބިވާވަރު މިއަދު އިހްސާސް ކުރެވިއްޖެ. އަކްރަމް އަހަރެންގެ އަތުން ބީވެދާކަށް އަަހަރެން ބޭނުމެއް ނޫން. އަހަރެން ބޭނުމީ މި ތަނަވަސްކަމެއް ނޫން. މި މުދާތަކެއް ވެސް ނޫން. އަހަރެން ބޭނުމީ ހަމައެކަނި އަކްރަމް. އަކްރަމްގެ ލޯބި." ޝިކާ ވާހަކަ ދެއްކީ ރޮމުންނެވެ.

އަކްރަމް ޝިކާގެ ބުރަކަށީގައި ފިރުމާލީ ނުހަނު ލޯބިންނެވެ.

" ހަގީގަތުގައި ވެސް ޝިކާ އަހަރެންދެކެ ލޯބިވާވަރު އަހަންނަށް މިއަދު އެނގިއްޖެ. " އަކްރަމް ބުނެލިއެވެ.

" ކުއްލިއަކަށް ތާނިޔާއެއް އެ އައީ އަހަރެންގެ ލޯބި އަކްރަމްއަށް އިހްސާސްވާން ކަންނޭނގެއެއްނު. ތާނިޔާއަށް ޝުކުރު އަދާކުރަން ވެސް އަހަރެން ބޭނުން." ޝިކާ އެހެން ބުނުމުން އަކްރަމް ހިނިގަނޑެއް ޖަހައިލެވުނެވެ.

" ޝިކާ ހާދަ ލާނެތޭ މިހާރު." އަކްރަމް ބުންޏެވެ.

އެއާއެކު އަކްރަމްއާ ދުރަށް ޖެހިލުމަށްފަހު އޭނާ އަކްރަމްގެ މޫނަށް ބަލައިލީ ހެވިފައި ހުރެއެވެ.

އަނޫޝާ ފުރުމުގެ ކުރިން ، އޭނާއާ ބައްދަލް ކުރަން ޝިކާ ދިޔައީ އަކްރަމް ވެސް ގޮވައިގެންނެވެ. ހަތަރު މީހުން ތިބީ ރާންބާ ރެސްޓޯރެންޓްގައެވެ. އެންމެންގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ އުފާވެރިކަމުގެ ހިނިތުންވުމެވެ.

" އަނޫ ވިހަން އަންނަނީ މާލެއަށް ތަ؟" ޝިކާ އެހިއެވެ.

އެ ވަގުތު އަނޫޝާއަށް ބަލައިލެވުނީ ޒައިދްގެ މޫނަށެވެ. ޒައިދްގެ މޫނުމަތީގައި ހުރި ނުތަނަވަސްކަން ފެނި، ކޮންމެވެސް ކަމެއް ގޯސް ވެއްޖެކަން ޝިކާގެ އިތުރުން އަކްރަމްއަށް ވެސް އެނގުނެވެ. ނަމަވެސް ޒައިދްގެ ޖަވާބެއްގެ އިންތިޒާރުގައި އެ ދެ މީހުން ވެސް އެއްޗެއް ނުބުނެ މަޑު ކުރިއެވެ.

" އަނެއްހެން އެއްވެސް މައްސަލައެއް ނެތިއްޔާ އަތޮޅު ހޮސްޕިޓަލަށް ދާނީ. " ޒައިދް ބުންޏެވެ.

އެއާއެކު އަނޫޝާ ވެސް ޒައިދްއާ އެއްބައި ވުމުގެ ގޮތުން ބޯ ޖަހާލިއެވެ. ނަމަވެސް އެ ދެ މީހުންގެ މޫނުމަތީގައި ހިތްހަމަޖެހުމުގެ އެއްވެސް އަސަރެއް ނެތެވެ.

" އަސްލު ކީއްވެ މާލެ ނާންނަނީ؟ ފަސްޓް ބޭބީއެއްނު. އެހެން ނޫނަސް އަނޫ ވެސް ކިހާ އާ ވާނެ. " ޝިކާ ބުންޏެވެ.

" އެއީ ދެން މިކޮޅަށް އަންނަން މަންމައަށް ވެސް އުނދަގޫވާނެއެއްނު. ކޮއްކޮ ވެސް އަދި ކިޔަވާ ނުނިމެ. ދެން ރެންޓަށް ތިބެން ވެސް އުނދަގޫވާނެތީވެ. " އަނޫޝާ ބުންޏެވެ.

އެއާއެކު ޝިކާ މަޑުމަޑުން ބޯ ޖަހާލީ އަނޫޝާގެ ވާހަކަތަކަށް އިހްތިރާމް ކުރުމުގެ ގޮތުންނެވެ.

" އެއްވެސް ކަމަކާ ހާސްވާނެ ކަމެއް ނެތް. އޭޑީކޭއަށް ވިހަން އާދޭ. ހުރިހާ ހަރަދެއްގައި އަހަރެން ހިފާނަން. " ކުއްލިއަކަށް އަކްރަމް އެހެން ބުނުމާއެކު ޝިކާގެ ދެ ލޯ ދިޔައީ ބޮޑުވެގެންނެވެ. ފުޅާ ހިނިތުންވުމެއްގައި އިނދެ އޭނާއަށް އަނޫޝާގެ މޫނަށް ބަލައިލެވުނެވެ. އޭރު އަނޫޝާގެ މޫނުމަތިން ވެސް ފެންނަނީ ހައިރާންކަމުގެ އަސަރުތަކެވެ.

" ޝިކާގެ ފްރެންޑަކަށް އަހަންނަށް އަދި މި ފެނުނީ ވެސް އަނޫއާއި ޒައިދް. އަހަންނަށް އެނގޭ ޝިކާ ވެސް މި ގޮތް ބޭނުންވާނެކަން. އެހެންވީމަ އަހަރެން ބޭނުން އަނޫއަށް ހެލްޕް ވާން." ޒައިދް އިތުރު ކޮށްލިއެވެ.

އެއާއެކު އަނޫޝާގެ އަތުގައި ހިފައި ބާރަށް ފިތާލަމަުން ޝިކާ ވާހަކަ ދައްކަން ފެށިއެވެ.

" ޕްލީޒް އަނޫ. އޯކޭ ދީބަލަ! އަަހަރެންގެ ފިރިމީހާ ކިހާ ރަނގަޅުތަ؟" ޝިކާ ބުންޏެވެ.

" ތެދެއް ޒައިދް. މިއީ އަަހަރެން ހަމަ ހެޔޮ ހިތުން ކޮށްދޭ ކަމެކޭ. ދެން ނޫނެކޭ ނުބުނާތި." އަކްރަމް ބުނެލިއެވެ.

ރެސްޓޯރެންޓްގައި ހުރި ފަނޑުއަލީގެ ތެރެއިން އަނޫޝާގެ ދެ ލޮލުން އޭރު ކަރުނައިގެ ވިދުން ފެންނަމުން ދެއެވެ. އޭނާ އިނީ ހަމަ ރަނގަޅަށް ވެސް ރޮވިފައެވެ.

" ދެން އަނޫ ނޫން! ކޮންމެ ހާލެއްގައި ވެސް އަހަރެން އަނޫއަށް އެހީތެރިވާނަމޭ އަހަރެން ބުނީމެއްނު. ހަނދާންވޭތަ؟ އެންނެ ނާޒުކު ވަގުތު އަހަރެމެން ދެ މީހުން މި ބައްދަލް ވީ އަހަރެންގެ އެ ވައުދުގެ ސަބަބުންކަމެއް ވެސް ނޭނގެއެއްނު. ނުރޮއްޗޭ! އަހަރެން އަބަދު ވެސް އަނޫގެ އެންމެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ހުންނާނަމޭ." ޝިކާ ބުންޏެވެ.

އަނޫޝާ ދެ އަތުން މޫނުގައި އަތް އެޅުމާއެކު ޝީކާ ތެދުވެގެން ގޮސް ގުދުވެލާފައި އަނޫޝާގެ ގައިގައި މަޑުމަޑުން ބައްދާލިއެވެ. އޭރު ޒައިދްއާއި އަކްރަމް ވެސް އިނީ އުފާވެރި ނަޒަރަކުން ބަލަހައްޓައިގެންނެވެ.

އަނޫޝާއާއި ޒައިދް ގެއަށް ލައިފައި، އަކްރަމް އާއި ޝިކާ ގެއާ ދިމާލަށް މިސްރާބު ޖެހިއެވެ. އޭރު ވެސް ޝިކާ އިނީ އުފާވެރި ނަޒަރަކުން އަކްރަމްއަށް ބަލަހައްޓައިގެންނެވެ. ހަމަ އެ ވަގުތެވެ.

" އަހަރެންދެކެ ހަމަ އެހާ ލޯބިވޭތަ؟ " ޝީކާ ބުންޏެވެ.

އެއާއެކު އަކްރަމް ބޯ ޖަހާލިއެވެ.

" އަހަރެންގެ މި ހުރިހާ އެއްޗެއްސަކީ މިހާރު ޝިކާގެ އެއްޗެހި. އަހަރެންގެ ހަޔާތުގެ އެންމެ އަގުބޮޑު ޖަވާހިރަކީ ވެސް ހަމަ ތިއީ." އަކްރަމް ބުންޏެވެ.

އަކްރަމްގެ ވާހަކަތައް އަޑުއަހަން ޝިކާ އިނީ ވަރަށް ބޮޑަށް ޝައުގުވެރިވެފައެވެ. އަދި ޝުކުރުން ފުރިގެން ވާ ފަދަ ނަޒަރަކުން އޭނާ އަކްރަމްއަށް ބަލަމުން ގެންދިޔައެވެ.

ވަރުބަލިކަމާއެކު ޝިކާ ގެއަށް ވަނުމާއެކު އޭނާއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. ސޯފާގައި ތިބި އޭނާގެ މަންމައާއި ބައްޕަ ފެނި، ޝިކާއަށް ބާރުބާރަށް އެ މީހުންނާ ދިމާލަށް ދެވުނެވެ. އެއާއެކު ޝިކާގެ މަންމަ ކޮޅަށް ތެދުވެއްޖެއެވެ.

" ދަރިފުޅާ! " މަންމަ ޝިކާގެ ގައިގައި ބާރުބާރަށް ބައްދާލިއެވެ.

ވާނުވާ ނޭނގޭ ހާލު ޝިކާއަށް އަކްރަމްއަށް ބަލައިލެވުނެވެ.

" އަކްރަމް ބުނެގެން މަންމަމެން މި އައީ މި ގޭގައި އުޅެން. " މަންމަ ބުންޏެވެ.

" މަންމަ އަބަދު ބަލިވެ އުޅެނީ. ކޮންމެ މަހަކު ޑޮކްޓަރަށް ދައްކަން އަންނަން ޖެހޭ. އެހެންވެ އަކްރަމް ބުނީ ދެން މާލޭގައި މަޑުކުރާށޭ." ބައްޕަ އެހެން ބުނުމާއެކު ޝިކާއަށް އަނެއްކާ ވެސް އަކްރަމްގެ މޫނަށް ބަލައިލެވުނެވެ.

" ދޮންތަ ވިހައިގެން ދިޔައީމަ މަންމަމެން ދަރިފުޅު ކައިރިއަށް އަންނާނަން." މަންމަ ބުންޏެވެ.

އެއާއެކު ޝިކާ ފެންކަޅި ވެއްޖެއެވެ. އޭނާއަށް ލިބުނީ ބަޔާންކުރަން ދަތި އުފާވެރި ކަމެކެވެ. އަކްރަމްގެ އިހްސާންތެރިކަން އޭނާއަށް އިހްސާސް ކުރެވި، އެ ހިތުގައި އަކްރަމްއާމެދު އިތުރަށް ލޯބި އުފެދުނެވެ. ފެންނަމުން ދިޔައީ ހުވަފެނެއްބާވައޭ ވެސް ޝިކާގެ ހިތަށް އެރިއެވެ.

ޝިކާ އޮތީ އަކްރަމްގެ މޭގައި ބޯ އަޅާލައިގެންނެވެ. އެހެން އޮވެ، އެންމެ ދުވަހެއްގެ ތެރޭގައި އަކްރަމް އޭނާއަށް ދިން އުފާވެރި ހަބަރުތަކުގެ ވާހަކަ ދައްކާ ނުނިމެއެވެ. އެންމެ ފަހުން އަކްރަމް ހެމުން ހެމުން ޝިކާގެ އަނގަމަތީގައި އަތް އެޅިއެވެ.

" ދެން މިހާރު އަހަރެން ބޯ ހާސްވެއްޖެ. އަޅެ އަހަރެންގެ ހުރީ ތި ނޫން ކާކުތަ؟އަބަދު ޝުކުރު އަދާ ނުކުރިޔަސް އަހަންނަށް ހެވޭ." އަކްރަމް ބުނެލިއެވެ. އެ ވަގުތު ޝިކާއަށް އުފަލުން ހެވުނެވެ. ވަގުތަކީ އަކްރަމްގެ ފޯނަށް މެސެޖެއް އައިސް ފޯނު ދިއްލުނު ވަގުތެވެ. އަކްރަމްއަށް ވުރެ ކުރިން ޝިކާ އެ ފޯނު ނަގައިފިއެވެ. އޭރު ޝިކާގެ މޫނަށް ބަލަހައްޓައިގެން ހަމަޖެހިލައިގެން އަކްރަމް އޮތެވެ.

" ވަޓް؟ ބާލީ ޓިކެޓްސް؟" ފުޅާ ހިނިތުންވުމެއްގައި ޝިކާއަށް އަކްރަމްގެ މޫނަށް ބަލައިލެވުނީ ގަބޫލުކުރަން ދަތިވެ ހުރެއެވެ.

" ހަނީމޫންއޭ؟" ޝިކާއަށް އަނެއްކާ ވެސް ބުނެވުނީ ފުންމައިގެން ތެދުވަމުންނެވެ.

އަކްރަމް ބޯ ޖަހާލިއެވެ.

" ހޫމް. ނުދެވުނު އުފާ ދޭން ވާނެތާ! މި ފަހަރު އެއްވެސް މީހެއްގެ އުނދަގުލެއް ނުފޯރާ ހިސާބަށް ދާނީ. އަހަރެމެން ދެ މީހުން އެކަނި." އަކްރަމް ޝިކާގެ ގައިގައި އަތް ޖައްސާލަމުން ބުންޏެވެ. އޭނާ ތެދުވެ ޝިކާގެ މޫނުގައި ދެ އަތުން ހިފަހައްޓާލިއެވެ.

" ދިރިއުޅުމުގެ މުހިއްމުކަމާ އުފާވެރިކަން އިހްސާސްކޮށްދިނީ ޝިކާ. އަދި ލޯތްބާއި ކުލުނަކީ ކޮބައިކަން ވެސް އެނގުނީ ޝިކާގެ ފަރާތުން. ލޯބީގައި ވީ ނާކާމިޔާބާއެކު ދިރިއުޅުން މަތިން ފޫހިވެފައި ހުއްޓާ އަހަންނަށް އަހަރެންގެ އަތުގައި ހިފި ނަސީބު ތިއީ. އަހަރެންގެ ކާރުގައި ލައިގަތީ ހަމައެކަނި ޝިކާއެއް ނޫން. ތިއީ އަހަރެންގެ މުޅި ދިިރިއުޅުން. " އަކްރަމް ބުނެލިއެވެ.

އެ ވަގުތު ޝިކާއަށް އުފަލުން ރޮވުނެވެ. އޭނާ އަވަސް އަވަހަށް އަކްރަމްގެ އުނގުތެރެއަށް ވަނެވެ. އޭރު އެ ދެ މީހުންގެ މޫނުމަތީގައި ބަބުޅަމުން ދަނީ އުފާވެރިކަމާއި ހިނިތުންވުމެވެ.

-ނިމުނީ-

(ނިމުނީ)