ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން އިސްނަގައިގެން އެ ރަށުގައި ކުރިއަށް ގެންދިޔަ "އިގްރައު" ޕްރޮގްރާމް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ.
އިގްރައު ޕްރޮގްރާމަކީ ހަނިމާދޫގައި ޤުރުއާން ކިޔަވާކުދިންގެ، ކިޔެވުމުގެ ފެންވަރު ރަނގަޅު ކުރުމަށާއި ކުދިންނަށް އަދަބު އަހުލާގު ދަސްކޮށްދީ އިމާމުވެ ނަމާދުކުރަން ބޭނުންވާ ކުދިންނަށް އެކަމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ހަތަރު މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ފާއިތުވި އަހަރުގެ އޮކްޓޯބަރ މަހުގެ 16 ވަނަ ދުވަހުން ފެށިގެން މި އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހަށް، ޖުމްލަ ހަތަރު މަސްދުވަހަށެވެ.
މި ޕްރޮގްރާމުގައި ޖުމްލަ 45 ދަރިވަރަކު ވަނީ ބައިވެރިވެފައެވެ. އޭގެތެރެއިން 21 ދަރިވަރުން ވަނީ ޤުރުއާނުގެ 30 ވަނަ ފޮތް (އަންމާ ފޮތް) ހިތުދަސް ކޮށްފައެވެ.
މި ޕްރޮގްރާމުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު ހަނިމާދޫ އިޖްތިމާއީ މަރުކަޒުގައެވެ. އެ ރަސްމިއްޔާގުގައި ޕްރޮގްރާމް ފުރިހަމަ ކުރި ކުދިންނަށް ވަނީ ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ. އަދި އަންމާ ފޮތް ހިތުދަސްކުރި ކުދިންނަށް ވަނީ ރަމްޒީ ފިލާ އަރުވާފައެވެ.
މީގެއިތުރުން އަންމާފޮތް ހިތުދަށްކުރި ކުދިންގެ މެދުގައި ވަނީ ގުރުއަތުލުމެއް ބާއްވާފައެވެ. އެ ގުރުއަތުން ހޮވުނު ހަތަރު ކުދިންނަށް އިނާމެއްގެ ގޮތުގައި ވަނީ ބައިސްކަލެއް ހަދިޔާކޮށްފައެވެ.
މި ޕްރޮގްރާމުގައި ކިޔަވައިދެއްވާފައިވަނީ އަލްގާރީ އަލީ ފަޔާޒްއެވެ. ނިންމުމުގެ ރަސްމިއްޔާތަށް ފަހު ޤުރުއާން އުނގެނުމުގެ މުހިންމުކަމާއި ގުޅޭގޮތުން ޝެއިހް މިފްޒާލްގެ ކުޑަ ދަރުސްއެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!