ކުރީގެ އަދަދާއި ގުޅޭ:

ބޮޮޑު ބަނޑާއެކު ފޮޓޯ ޝޫޓިންއެއްގައި ހެވިފައި އެ ހުރީ އޭނާގެ ލޯބިވާ ދޮންތައެވެ. ދާދި ކައިރީގައި މަންމައާއި ބައްޕަގެ އިތުރުން ބޭބެ މެން ވެސް ތިއްބެވެ. އެ މަންޒަރު ފެނުމުން ޝިކާގެ ހިތަށް ލިބުނު އުފާވެރިކަމާއެކު ހިތްދަތި ވެސް ވިއެވެ.

Ad
rt

އެ ތަނަށް ދާން ހިތް އެދުނަސް، އެ ހިތްވަރެއް ޝިކާއަކަށް ނުލިބުނެވެ. ލޯ ކުރިމަތީގައި އެ ތިބީ އޭނާގެ ފުރާނަ ފަދަ އާއިލާއެވެ. އިސާހިތަކު ކުޑައިރުގެ ހަނދާންތައް ވެސް ހިތަށް ޖަމާވާން ފެށިއެވެ. އެކުގައި އުޅުނު މަންޒަރުތައް އާވާން ފެށިއެވެ. އެއާއެކު އޭނާ ފެންކަޅި ވެއްޖެއެވެ. އަވަސް އަވަހަށް އެނބުރިގަތީ އެ ތަނުން ހިނގައިގަންނާށެވެ.

" ކޮއްކޯ؟ ޝިކާ! " ވަރަށް ބާރަށް ދޮންތަ ގޮވާލިއެވެ.

އެއާއެކު ދެ ލޯ ބޮޑުކޮށްފައި ހުރެ ޝިކާއަށް ފަސް އެނބުރި ބަލައިލެވުނެވެ. އޭރު އެއް އަތުން ބަނޑުގައި ހިފަހައްޓައިގެން ހުރެ، ވަރުބަލިކަމާއެކު ދޮންތަ އޭނާއާ ދިމާލަށް އާދެއެވެ. ނަމަވެސް ދޮންތަގެ ފަހަތުން އިތުރު އެކަކު ވެސް ނާދެއެވެ. އެހެންވެ ޝިކާ އިންތިހާއަށް ދެރަވެއްޖެއެވެ. ދޮންތަ އޭނާ ދެކެ ލޯބިވާ މިންވަރު އަބަދު ވެސް ޝިކާއަށް އިހްސާސް ކުރެވެއެވެ. ނަމަވެސް ދޮންތައާ ކުރިމަތިލާނެ ހިތްވަރެއް އޭނާއަކަށް މިއަދަކު ނުލިބުނެވެ.

ޝިކާ އަނެއްކާ ވެސް އެނބުރިގަނެ، ކުރިއަށް ހިނގައިގަތެވެ.

" ކޮއްކޯ! މަޑުކޮށްބަލަ" ދޮންތަ ގޮވިއެވެ.

މި ފަހަރު ޝިކާއަކަށް ދުރަށް ދާކަށް ނުކުރެނެވެ. ހުރި ފިޔަވަޅުމަތީ މަޑުކޮށްގެން ހުއްޓާ ދޮންތަ އައިސް ޝިކާގެ ކުރިމަތީގައި ހުއްޓިއްޖެއެވެ. އޭރު ދޮންތަގެ ލޮލުން ވެސް އޭނާއަށް ފެންނަމުންދިޔައީ ކަރުނައިގެ އަސަރެވެ.

" ކީއްވެ ތި ދަނީ؟ ދޮންތައަށް ކިރިޔާ ހަމަ ކޮއްކޮގެ މޫނު ފެނުނީ. ޔަގީން ނުވިޔަސް ކޮއްކޮހެން ހީވާތީވެ ގޮވާލީ." ދޮންތަ ބުނެލީ ޝިކާގެ ދެ އަތުގައި ހިފަމުންނެވެ.

އެއްޗެއް ނުބުނެ، ޝިކާއަށް ބަލައިލެވުނީ ދޮންތަގެ ބަނޑާ ދިމާލަށެވެ.

" މި މަހު ވިހާނެ. އަންހެން ކުއްޖެއް.' ހެވިފައި ހުރެ ދޮންތަ އެހެން ބުނުމާއެކު ޝިކާއަށް އުފަލުން ހެވިއްޖެއެވެ.

" ދޮންތަ މެރީ ކުރި ކަން ވެސް އަހަންނަކަށް ނޭނގެ. " ޝިކާ ދެރަވެލާފައި ބުންޏެވެ.

" އަންގަން ބޭނުން ވިޔަސް ކޮއްކޮ ވީ ތަނެއް ވެސް ނޭނގެ. ކޮބާ ފިރިމީހާ؟ އޭނަ ރަނގަޅުތަ؟" ދޮންތަ އެހިއެވެ. އެއާއެކު އުފަލުން ޝިކާ ބޯ ޖަހާލިއެވެ.

އަނެއްކާ ވެސް ޝިކާއަށް ބަލައިލެވުނީ ދުރުގައި ތިބި އާއިލާގެ މީހުންނަށެވެ.

" ހިނގާ ދާން. މަންމަމެން ކައިރިއަކަށް ނުދާނަންތަ؟" ދޮންތަ އެހިއެވެ.

" ނުކެރޭނެ. މަންމަމެން އެ ތިބީ އަހަރެންދެކެ ރުޅި އައިސް. މަންމަމެން ކީއްވެ އަހަރެން ކައިރިއަށް ނައީ؟ އަހަންނަށް ނުގޮވީ ކީއްވެ؟" ޝިކާ ބުންޏެވެ.

އެ ވަގުތު ދޮންތަ ހިނިތުންވެލަމުން ޝިކާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. ނަމަވެސް ޝިކާ އަނެއްކާ ވެސް ފަޔަށް ބާރު ލައިފައި ގަދަ ޖައްސާލިއެވެ. އަދި ދެ ފަރާތަށް ބޯ ހޫރާލީ ނުދާނަމޭ ބުނުމުގެ ގޮތުންނެވެ.

" އަހަރެން ބިރުގަނޭ. އެ ދުވަހު މަންމަމެން ކީ އެއްޗެހި އަދިވެސް ހަނދާން ހުރެޔޭ." ޝިކާ ބުންޏެވެ.

" މަންމަމެން އެ ތިބީ އެ އެއްޗެހި ކިޔުނީމަ ދެރަވެފައޭ. މިހާރު އެ ތިބެނީ ކޮއްކޮ އެ މީހުން ހަނދާން ވެގެން ނޫޅޭތީ އެކަމާ ހިތްދަތިވެފައި. މަންމަމެން އުއްމީދު ކުރި ކޮއްކޮ އަންނާނެ ކަމަށް. މަންމަމެންގެ ހާލު ބަލާނެ ކަމަށް. އެކަމަކު ކޮއްކޮ މަންމަމެން ދުރުކޮއްލީމަ އެކަމާ އިންތިހާއަށް ހިތާމަކުރޭ. " ދޮންތަ ކިޔައިދިނެވެ.

އެއާއެކު ޝިކާއަށް ސިހުން ލިބުނީ ދުރުން އެންމެން އޭނާއާ ދިމާލަށް އަންނަތަން ފެނުނީމައެވެ. ޝިކާ ހުރީ އެ މީހުންނާ ވާހަކަ ދައްކާލާ ހިތުން ކެތްމަދުވެފައެވެ. މާ ކުރިން ގޮސް އެންމެ ފުރަތަމަ ވެސް ޝިކާ އޭނާގެ މަންމަގެ ގައިގައި ވަރަށް ބާރަށް ބައްދާލިއެވެ. އެއާއެކު މަންމަ ވެސް ޝިކާގެ ބުރަކަށީގައި ފިރުމާލީ ނުހަނު ލޯބިންނެވެ.

" އަހަންނަށް މައާފް ކުރޭ މަންމާ." ޝިކާ ބުންޏެވެ.

މަންމަގެ ފަރާތުން ޖަވާބެއް ނުލިބުނަސް، އެ މަންމަގެ ފިރުމުންތަކަށް ހުއްޓުމެއް ނައެވެ.

ޝޮޕިންމޯލް ތައްޔާރު ކުރުމުގެ މަސައްކަތުގައި އަަވަދި ނެތި އުޅުމަށްފަހު އަކްރަމް ގެއަށް އައެވެ. އެއާއެކު އޭނާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ސޯފާގައި ތިބީ ނުދަންނަ މޫނު ތަކެކެވެ. އަކްރަމް ފެނުމާއެކު އެންމެންގެ މޫނުމަތިން ވެސް ފެނުނީ ހިނިތުންވުމެވެ. އޭރު ވެސް އެ މީހުންނަށް އަކްރަމް ބަލަމުން ދިޔައީ ބީރައްޓެހި ގޮތަކަށެވެ.

ކުއްލިއަކަށް މޫމިނައްތަގެ ފަހަތުން އައި ޝިކާ ފެނި އަކްރަމްއަށް ބުމަ ހިއްލައިލެވުނެވެ. އެއާއެކު ފުޅާ ހިނިތުންވުމެއްގައި ހުރެ ޝިކާ އައިސް އަކްރަމްގެ ކުރިމަތީގައި ހުއްޓުނެވެ.

" އަހަރެންގެ މަންމަމެން. މި ތިބީ އެންމެން އައިސް. " އަކްރަމްގެ އަތުގެ މުލައްދަނޑީގައި ހިފައިގެން ޝިކާ އައިސް ސޯފާ ކުރިމަތީގައި ހުއްޓުނެވެ.

" މި ތިބީ މަންމައާއި ބައްޕަ. ދެން މިއީ އަހަރެންގެ ދޮންބެ އާއި ތިއްތި. މިއީ ދޮންތަ. ދެން ދޮންތަބޭ. ދޮންތަ މި މަހު ވިހާނެ. ދޯ ދޮންތާ؟" ޝިކާގެ އަޑުގައި ހުރީ އުފާވެރިކަމެވެ.

އަކްރަމް އަވަސް އަވަހަށް ޝިކާގެ ބައްޕައާއި ސަލާމް ކޮއްލިއެވެ. އަދި އެންމެންނާ ދިމާލަށް ހިނިތުންވެލުމަށްފަހު މޫމިނައްތައާ ދިމާލަށް އޭނާ ބަލައިލިއެވެ.

" މިރޭގެ ކެއުން ވެސް ވަރަށް ރަނގަޅަށް ތައްޔާރު ކޮއްލާތި." އަކްރަމް ބުންޏެވެ. އެއާއެކު ލައްބައޭ ބުނެ މޫމިނައްތަ ބަދިގެއާ ދިމާލަށް ދިޔައެވެ.

" އަޅުގަނޑު ވަރަށް އަވަހަށް އަދި ބޭރަށް ދާން ޖެހޭ. އެހެންވެ މި ވަގުތު ގޮސްލަނީ. ޝިކާ މަންމަމެންނަށް ބޭނުންވާ ހުރިހާ ކަމެއް ކޮއްދެއްޗޭ." އަކްރަމް އެހެން ބުނެ، ނުހަނު އަވަހަށް ކޮޓަރިއާ ދިމާލަށް ދިޔައެވެ. އަކްރަމް ހެވިފައި ހުރެ ވާހަކަ ދެއްކި ނަމަވެސް ޝިކާގެ ހިތް ނުތަނަވަސް ކޮއްލައިފިއެވެ.
" އެބަ އަންނަން އިނގޭ. އަކްރަމްގެ އެއްޗެހި ތައްޔާރުކޮށްލާފަ." ޝިކާ އެހެން ބުނެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.

ކޮޓަރި ދޮރު ހުޅުވާލުމާއެކު ޝިކާއަށް ލިބުނީ ހައިރާންކަމެވެ. ނިތްމަތީގައި އަތް ބާއްވާލައިގެން އެނދުމަތީގައި އޮތް އަކްރަމް އޮތީ ކޮންމެވެސް ބޮޑު ފިކުރެއްގައިކަން ޝިކާއަށް ކަށަވަރު ކުރެވުނެވެ. އޭނާ ބާރުބާރަށް ހިނގާފައި ގޮސް އަކްރަމްގެ މަގަތުގައި އިށީނދެ ހިތްހަމަ ނުޖެހުމުގެ ރާގަކަށް ވާހަކަ ދައްކަން ފެށިއެވެ.

" އަހަންނަށް އެނގޭ އަކްރަމް ކޮންމެވެސް ކަމަކާ ހިތްހަމަ ނުޖެހިއްޖެކަން. ބުނެބަލަ! ކިހިނެއްވީ؟" ޝިކާ އެހިއެވެ.

" އަހަރެން ރުޅި އަންނަން ވީ ކޮންކަމަކާ؟ އަހަންނަށް ކުރެވުނު އެންމެ ރަނގަޅަކަށް ކަންތައް ކޮށްފަ މިއައީ." އަކްރަމް ބުނެލީ ފަރުވާކުޑަ ގޮތަކަށެވެ.

" ތެދަށް ބުނޭ. އެ މީހުންދެކެ ރުޅި އައިސްފަތަ؟ " އަނެއްކާ ވެސް ޝިކާ އެހިއެވެ.

" ނާދެޔޭ. އަހަރެން މާ އަޖައިބުވޭ އެ މީހުން ޝިކާ އުޅޭތަނަކަށް އައީމަ. މިއޮއްހާ ދުވަހު އެ މީހުން ކޮބައިތަ؟" އަކްރަމް އެހިއެވެ. އެއާއެކު ޝިކާއަށް ވަރަށް ބޮޑަށް އަކްރަމް ދެކެ ރުޅި އާދެވުނެވެ.

" އެ މީހުން އައީމަ އަޖައިބުވީކީ ނޫން. ރުޅި ތި އައީ! އަހަރެން މި ދުވަހަކަށް ހާދަ އިންތިޒާރެއް ކުރީމޭ. މަންމަމެން ވެސް ތިބީ އަހަރެން އެ މީހުން ހޯދަން ދާނެ ކަމަށް." ޝިކާ ބުންޏެވެ.

އެ ވަގުތު އަކްރަމް ފުންމައިގެން ތެދުވިއެވެ.

" ރަނގަޅެއްނު ދެން. އަހަރެން މި ބުނީ އެ މީހުންނަށް ހެޔޮކޮށް ކަންތައް ކޮއްދޭށޭ. އަހަރެންގެ މައްސަލައެއް ނެތޭ. އަހަރެން އެބަޖެހޭ ވަރަށް އަވަަހަށް ދާން. މޯލްއަށް އިންޓަވިއުއަށް ކުދިން އަންނާނެ މިރޭ. ވަރަށް ބޮޑަށް ބޮލަށް އުނދަގޫ ވެފައޭ މި ހުރީ. އެ ތަން ނިންމަން ވެގެން ވަރަށް މަސައްކަތް އެބަ ކުރަން. " އަކްރަމް ބުންޏެވެ.

އިތުރަށް ޝިކާ އެއްވެސް އެއްޗެއް ނުބުނެއެވެ. އަކްރަމްގެ ނުތަނަވަސްކަމަަކީ އޭނާގެ މަސައްކަތުގެ މާހައުލުން ދިމާވެގެން އުޅޭ ކަމެކޭ ހިތައި އޭނާ ހިތްހަމަޖައްސާލީއެވެ.

އަކްރަމް ފާހާނާއަށް ވަނުމުން ޝިކާ ބޭރަށް ނިކުތެވެ. އޭރު ވެސް މަންމަމެން ތިބީ އޮލަ ވާހަކައިގައެވެ.

" މި ގެ ހާދަ ރީއްޗޭ. ކޮއްކޮ ހަމަ އެންމެ ބޭނުންވާ ކަހަލަ ގެއެއް ދޯ." ދޮންބެ ދިމާކޮށްލިއެވެ. އެއާއެކު ޝިކާ އައިސް ދޮންބެއާ ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ.

" މަންމަމެން މި އުޅެނީ މި ގެއާ ވަރަށް ދުރުގައި. ކޮންމެ ދުވަހަކު އެންމެންނަކަށް ނުވެސް އާދެވޭނެ. ދަރިފުޅު ވާނެ އަންނަން. އެއް މަސް ދުވަހަށް ބޮޑު ތަނެއް ކުއްޔަށް ނެގީ." މަންމަ ބުނެލިއެވެ.

އެއާއެކު ޝިކާ ބޯޖަހާލީ ހިނިތުންވުމާއެކުއެވެ.

އަނޫޝާ އާއި ޒައިދް މާލެ އައީ އަނޫޝާ ޑޮކްޓަރަށް ދައްކާށެވެ. ކުއްޔަށް ތިބެން ޖެހޭތީ ޒައިދް ހުރީ ފަރުވާ އަވަސް ކުރަން ބޭނުން ވެފައެވެ.

" އަދި ސްކޭން ވެސް ލިބުނީ އަންނަ ހަފްތާއަށް. ހާދަ ލަސްވާނެޔޭ." އަނޫޝާ ބުންޏެވެ.

" ދެން ނިންމާފައެއްނު ދެވޭނީ. އަނެއްކާ ރަށަށް ގޮސް އަންނަން ވިޔަސް ވަރަށް ލާރި ދާނެ." ޒައިދް ބުނެލިއެވެ.

އެ ދެ މީހުން ތިބީ، މާލޭގެ ކްލިނިކެއްގެ ދޮރުމަތީގައެވެ. ކޮޓަރިއަށް ދާން ކާރެއް ނުލިބުގެން އޭރު ވެސް ޒައިދް އިރު އިރުކޮޅުން އަތް ހަނާއަޅަމުން ދެއެވެ.

ކުއްލިއަކަށް ކްލިނިކް ކައިރިއަށް ކާރެއް ހުއްޓާލުމާއެކު ޒައިދްގެ ފަހަތުން އަނޫޝާ އެ ކާރަށް އަރައިފިއެވެ.

" އަނޫ؟ އަނޫތަ؟" ފަހަތަށް އެނބުރިލުމަށްފަހު، ޝިކާ އެހިއެވެ. އެއާއެކު ޒައިދްއަށް ވެސް ޝިކާގެ މޫނަށް ބަލައިލެވުނެވެ.

" ހޭ؟ ޝިކާ! " ވީ އުފަލުން އަނޫޝާއަށް ވެސް ބުނެވުނެވެ.

" އޭ! އާދޭ ކުރިއަށް. ފައިބައިގެން އާދެބަލަ." ޝިކާ އަވަސް އަވަހަށް ބުނެލިއެވެ. އެ ވަގުތު ހެވިފައި އިނދެ އަނޫޝާ ކާރުން ފައިބަމުން ޒައިދްއަށް ބަލައިލިއެވެ.

" ކީއްވެ ތި ޓެކްސީ ކުރަނީ؟" ހަމަޖެހިލަމުން އަނޫޝާ ސުވާލު ކުރިއެވެ.

އެ ވަގުތު ޝިކާ ހިނިގަނޑެއް ޖަހާލިއެވެ.

" މިއީ މަ އަމިއްލަ ކާރެކޭ. އަނޫކަން އެނގިގެން މި މަޑުކުރީ." ޝިކާ ބުންޏެވެ.

" އޭނ! އަމިއްލަ ކާރެކޭ. ހަމަ ރަނގަޅަށް ވެސް އެންމެ ފަހުން މުއްސަނދިވީތަ؟" އަނޫޝާ ބުނެލިއެވެ.

" މެރިޑް އޭ. ހިނގާބަ އަހަރެންގެ ގެއަށް ދާން. ހަޒް އާ މީޓް ކޮށްލަން. " ޝިކާ ބުންޏެވެ.

" ވަޓް. މެރީ ވެސް ކުރީތަ؟" އަނޫޝާ ބުންޏެވެ.

" އާނއެކޭ. މެރިޑްއޭ. އަނޫގެ ހަޒްތަ؟ ވަރަށް ދަންނަ ވައްތަރު ޖަހައޭ." ޝިކާ ބުނެލީ ސިއްރުންނެވެ. އެއާއެކު އަނޫޝާ ހޭން ފެށިއެވެ.

" ހޫމް ހަމަ ހަޒް. ފެންނަ ހެން ހީވާނެއެއްނު އޭނަ ވެސް ކިޔެވީ އަހްމަދިއްޔާއިންނޭ. " އަނޫޝާ ބުންޏެވެ.

އެއާއެކު ތިން މީހުންގެ ހުނުމުގެ އަޑުން، ކާރުތެރެ އެއް އަޑު ކޮއްލިއެވެ. ދެ މީހުން ވެސް ދައްކަމުން ދިޔައީ އެކަކު އަނެކަކު ދިމާވުމުން އުފާވި ވާހަކައާއި ހިތްހަމަ ޖެހުނު ވާހަކައެވެ. އެއާއެކު ޝިކާއަށް ލިބުނު އެންމެ އުފާވެރި ހަބަރަކީ އަނޫޝާ ބަލިވެއިން ހަބަރެވެ.

" އަޅެ. އަހަރެން ވެސް ބޭބީ އެއް ބޭނުން ވެއްޖެ. އަނޫގެ ބޭބީއަކީ ހަމަ އަހަރެންގެ ވެސް ބޭބީއެއްނު ދޯ. " ޝިކާ ބުނެލިއެވެ.

އަނޫޝާ ބުނި އެޑްރެހަށް ޝިކާ އެ މީހުން ގެންގޮސް ދިނުމަށްފަހު، އެކަކު އަނެކަކު ނަންބަރު ވެސް ނެގިއެވެ. އެނބުރި ގެއަށް އަންނަން ޝިކާ ކާރު ދުއްވާލީ އުފާވެރި ހިތަކައިގެންނެވެ.

ދުއްވާފައި ދިޔަ ކާރުގެ ދުވެލި މަޑުކޮށްލަން ޝިކާއަށް މަޖުބޫރުވީ އޭނާގެ ކުރިމަތިން ހުރަސްކޮށްލި އަކްރަމްގެ ސައިކަލް ފެނުމުންނެވެ. ފަހަތުގައި އެ އިން އަންހެން ކުއްޖާއަކީ ޝިކާ ދަންނަ މޫނެއް ނޫނެވެ. ޝިކާގެ ހިތް ނުތަނަވަސް ވެގެން ދިޔުމާއެކު އޭނާ އަވަސް އަވަހަށް ފޯނު ނެގިއެވެ.

" ނޫން... އަދި މިއީ ކަމުދާ ގޮތެއް ނޫން. " ޝިކާއަށް ބުނެވުނެވެ.

( ނުނިމޭ)

* މި ވާހަކައަކީ ސަލާގެ ފަރާތުން ކިޔުންތެރިންނަށް ގެނެސްދޭ ރޯދަ މަހުގެ ހަދިޔާ އެކެވެ. މިވާހަކަ ރޯދަމަހު ކޮންމެ ހަފުތާއެއްގެ ހުކުރު، ހޮނިހިރު ފިޔަވާ އެހެން ހުރިހާ ދުވަސްތަކުގައި ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

(ނިމުނީ)