ކުރީގެ އަދަދާއިގުޅޭ:

" އައިތާކަށް ދާން އުޅޭ! މަށަކަށް ކަލެއެއް ނުބެލޭނެ. މަގޭ ހޯދައިގެން އަންނާކަށް ނުޖެހޭނެޔޭ." ޒައިދް ވާހަކަ ދައްކަމުން ދިޔައިރު އޭނާއަށް އިރުއިރުކޮޅާ ގެއާ ދިމާލަށް ބަލައިލެވެއެވެ. ހަގީގަތުގައި އޭނާ ހުރީ ޖެހިލުން ވެފައެވެ.

Ad
rt

" އަހަރެން މި ގެއަށް އައި ދުވަހު ތިހެން ބުނި ނަމަ އަހަރެން ދިޔައީސް.... ކަންނޭނގެ." ޖަނާ ވާހަކަ ދެއްކީ ޖެއްސުމުގެ ރާގަށެވެ.

" ޕްލީޒް ޖަނާ. އަހަރެންގެ ދިރިއުޅުން ހަލާކު ކުރަން މަސައްކަތް ނުކޮށްބަލަ. އަހަންނަށް އެނގޭ ޖަނާ މި ތަނަށް ތި އައީ ކީއްވެކަން؟" ޒައިދް ބުންޏެވެ.

އެއާއެކު ޖަނާ ދެ އަތް އުރާލުމަށްފަހު ކުރު ހިނިގަނޑެއް ޖަހާލިއެވެ.

" ޒައިދްގެ ބައްޕަ ނިޔާވުމުގެ ކުރިން ކުރި ވަސިއްޔަތް މަތިން ހަނދާން ނެތުނީތަ؟ އަބަދުވެސް ބައްޕަ ޒައިދްއަށް ހަނދާން ކޮށްދެމުން ދިޔަ ކަންތައް މަތިން ހަނދާނެއް ނެއްތަ؟" ޖަނާ ބުނެލީ ތަންކޮޅެއް ބާރަށެވެ.

" އަހަރެން އޭރު އެކަމަށް އެއްބަސް ވިޔަސް، މިހާރު...." ޒައިދް ހިތްހަމަ ނުޖެހިފައި ހުރެ ބުނެލިއެވެ.

އެއާއެކު ގެއިން ނިކުމެގެން އައި އަނޫޝާ ފެނި، ޒައިދްއަށް ތެޅި ގަނެވުނެވެ. ޒައިދްގެ މޫނުމައްޗަށް ވެރިވި ނުތަނަވަސްކަން ފެނި، ޖަނާއަށް ވެސް ފަހަތް ބަލައިލެވުނެވެ. އަނޫޝާ އައިސް ކުރިމަތީގައި ހުއްޓުމާއެކު ޒައިދް ގަދަކަމުން ހިނިތުންވެލަމުން އަނޫޝާގެ އަތުގައި ހިފިއެވެ.

" ކިހިނެއްވީ؟ ދެ މީހުން ކޮޅަށް ތި ތިބީ؟" ހައިރާންވެފައި އަނޫޝާ ސުވާލު ކުރިއެވެ.

އަނޫޝާ ޖަނާގެ މޫނަށް ބަލައިލި އިރު، އެ މޫނުން ފެންނަމުން ދިޔައީ ހިތްހަމަ ނުޖެހުމުގެ އަސަރުތަކެވެ. އެއާއެކު އަނޫޝާއަށް ކުރިއަށް ވުރެ ބޮޑު ހަައިރާންކަމެއް ލިބުނެވެ. ކުއްލިއަކަށް ޖަނާ އެ މީހުންނަށް ފުރަގަސް ދިނުމަށްފަހު، ގެއާ ދިމާލަށް ހިނގައިގަތެވެ. ކަންބޮޑުވެފައި ހުރި އަނޫޝާއަށް ޒައިދްގެ މޫނަށް ބަލައިލުމާއެކު ޒައިދް ހަމަޖެހޭ ގޮތް ދައްކާލިއެވެ.

" އެ މަންޖެ ކުޑަކޮށް މޮޔަވާނެ." ޒައިދް ބުންޏެވެ.

ޒައިދްގެ ޖުމްލައިގެ އަޑު ޖަނާއަށް އިވުމާއެކު ޖަނާގެ ރުޅިގަނޑު ފަޅައިގެން ދިޔަ ކަހަލައެވެ. ހުރި ފިޔަވަޅުމަތީގައި ހުއްޓި، ފަސްއެނބުރި އޭނާ ބަލައިލި އިރު އަނޫޝާގެ މޫނުމަތިން ފެންނަން ހުރީ ހިނިތުންވުމެވެ. ހެވިފައި ހުރެ ޒައިދްއާ ދިމާލަށް އަނޫޝާ ބަލައިލި މަންޒަރު ފެނި ޖަނާއަކަށް ކެތެއް ނުކުރެވުނެވެ.

" އަހަންނަކީ މޮޔައެއް ނޫން." ޖަނާ ބުނެލިއެވެ.

ޖަނާގެ އަޑަށް ސިހިފައި އަނޫޝާއާއި ޒައިދްއަށް އޭނާއާއި ދިމާލަށް ބަލައިލެވުނީ އެއްފަހަރާއެވެ.

" އަހަރެން މި އައީ އަހަރެންގެ ހައްގު ހޯދަން. އަހަރެން މި ތަނުން ދާނީ އެ ލިބިގެން." ޖަނާގެ ނަޒަރު ހުރީ ސީދާ، ޒައިދްގެ މޫނަށެވެ.

ޖަނާ އެހެން ބުނުމުން އަނޫޝާއަށް ބަލައިލެވުނީ ޒައިދްގެ މޫނަށެވެ.

" ކޮން ހައްގެއް؟ އަހަރެންގެ ބައްޕަގެ ގެ ވެސް ޖަނާއަށް. އަހަރެން ބޭނުމެއް ނޫން އެ ތަނުން އެއްވެސް އެއްޗެއް." ޒައިދް އަވަސް އަވަހަށް ބުންޏެވެ.

" ޒައިދް އެ ބުނީ ތެދެއް. އަހަރެމެން ޖަނާއަށް ދެރަވާ އެއްވެސް ކަމެއް ނުކުރާނަން. ޖަނާއަށް ލިބެން ވާ ހުރިހާ ހައްގެއް ޖަނާއަށް ލިބޭނެ. އެކަމާ ހާސްނުވޭ." އަނޫޝާ ބުންޏެވެ.

އޭނާ އައިސް ޖަނާގެ ގައިގައި އަތް ޖައްސާލުމާއެކު ޖަނާ ބާރުބާރަށް އަނޫޝާގެ އަތް ފޮޅުވާލިއެވެ.

" ހުއް؟ މަގޭ ހައްގުތަކަށް އަރައިގަނެގެން ހުރެ، ތި ވާހަކަ ދައްކާނެ ކަމެއް ނެތް. " ޖަނާ ބުނެލީ ބާރަށެވެ.

" ޖަނާ!" އެއާއެކު ޒައިދްއަކަށް މަޑަކުން ނުހުރެވުނެވެ.

" ކިތަންމެ ބާރަށް ގޮވިޔަސް އަހަރެން ބުނަން ބޭނުންވާ ވާހަކަތައް އަހަރެން ބުނާނަން. " ޖަނާ ބުންޏެވެ.

އެއާއެކު އަނޫޝާއަށް ޒައިދްގެ މޫނަށް ބަލައިލެވުނީ ޝައްކުގެ ނަޒަރަކުންނެވެ. އޭނާގެ ހިތް އޭރު ވަރަށް ބާރަށް ތެޅެން ފަށައިފިއެވެ.

" އަހަންނާ އިންނާނަމޭ ބުނެ، ފޮނި ހުަވަފެން ދައްކާފައި ފިލައިގެން އައިސް މި ރަށުން މީހަކާ ތި އިނީ." ޖަނާ ބުންޏެވެ.

" އެކަން ވީ އެހެންނެއް ނޫން. އަނޫ!" އަވަސް އަވަހަށް ޒައިދް ބުނެލިއެވެ.

" ދެން؟ ޒައިދްގެ ބައްޕަ ކައިރި ބުނީމެއްނު އަަންނާ ކައިވެނި ކުރާނަމޭ. އެހެން ބުނީމަ އަހަރެން މި ހުންނަނީ މީހަކާ ނީނދެ. ލިބޭހާ ފުރުސަތުތަކަކަށް ނޫނެކޭ މި ބުނަނީ ޒައިދްއަށްޓަކައި. ޒައިދް އެހެން ބުނީމަ އަހަރެން ވެސް ޒައިދްއާމެދު ވިސްނާނެ ދޯ. އަހަރެންގެ ފިރިއަކަށް ވާން ހުރި މީހާ ދެކެ ލޯބި ވެސް ވާނެ ދޯ. އަހަރެންގެ ވެސް އުއްމީދުތަކެއް ހުންނާނެ ދޯ. " ޖަނާ ބުންޏެވެ.

އޭރު ވެސް ޒައިދް ދެ ފަރާތަށް ބޯ ހޫރަމުން ދިޔައެވެ. އެ ވާހަކަތައް ގަބޫލު ނުކުރާށޭ ބުނާ ކަހަލަ ގޮތަކަށް އޭނާ އަނޫޝާއަށް ލޮލުން އިޝާރާތް ކުރަމުން ދިޔައެވެ.

" އަހަރެން އޭރު އެއްބަސް ވީ ބައްޕައަކީ ބަލިމީހަކަށް ވީމަ. އަހަރެންގެ ހިތަކު ޖަނާއާމެދު އެއްވެސް ޝައުގުވެރިކަމެއް ނެތް." ޒައިދް ބުނެލިއެވެ.

" އޭރު ތިހެން ނުބުނީ ކީއްވެ؟ " ޖަނާ ހަޅޭއްލަވައިގަތެވެ.

" އަހަރެން މީހަކާ އިނދެގެން އުޅޭކަން އެނގި ހުރެ ޖަނާ މި ތަނަށް އަންނަން ވީ ކީއްކުރަން؟ އެނގެއެއްނު އަހަރެން ޖަނާއާ އިންނަން ބޭނުން ނުވާތީކަން އެހެން މީހަކާ މި އިނީ." ޒައިދް ބުންޏެވެ.

އެއާއެކު ޖަނާ ރުޅިވެރި ލޮލަކުން ޒައިދްއަށް ބަލައިލިއެވެ. އޭރު ވެސް އަނޫޝާ ހުރީ ބަސްހުއްޓިފައެވެ. ޒައިދްއާ ކޮށްލާނެ ސުވާލެއް ވެސް އޭނާއަކަށް ނޭނގުނެވެ. ހިތަށް އުނދަގޫވި ނަމަވެސް އަދި ވެސް އޭނާ ހުރީ ކަންތައް ވާ ގޮތް ބަލާށެވެ.

" މާދަމާ ޖަނާ މި ގެއިން ދާންވާނެ. " އަނޫޝާ ބުނެލީ ޒައިދްއަށް ބަލައިލަމުން އެހާމެ، މަޑުމަޑުންނެވެ. އެއާއެކު ޒައިދްގެ މޫނުމަތި އުޖާލާ ވެގެން ދިޔަތަން އަނޫޝާއަށް ފެނުނެވެ.

" އަހަންނަށް އެނގޭ އޭރު ވެސް އަނޫ އަހަންނަށް އިތުބާރު ކުރާނެކަން. އަހަރެންގެ ހިތުގައި އޮތް ބިރުވެރިކަމަކީ ވެސް ހަމައެކަނި އެއީ. " ޒައިދް ބުނެލިއެވެ.

" ދެން ތީގެ މާނައަކީ ޒައިދް ހަމަ އަހަންނަކާ ނީންނާނަމޭތަ؟" ޖަނާ އެހިއެވެ. އޭރު ވެސް އޭނާގެ އަޑުގައިވަނީ ރުޅިވެރިކަމެވެ.

" އާނ! އަހަރެން އޭރު ވެސް ޖަނާ އުޅޭ ގޮތުން ވަރަށް ފޫހިވޭ. " ޒައިދް ބުންޏެވެ.

" ގަދަކަމުން އެއްވެސް މީހެއްގެ ލޯތްބެއް ނުހޯދޭނެ ޖަނާ. ދެން އެންމެ ރަނގަޅުވާނީ މި ރަށުން ދިޔައީމަ." އަނޫޝާ ބުނެލީ ނަސޭހަތުގެ ރާގަކަށެވެ. އެކަމުގެ ސަބަބުން އެންމެ އުފާކުރީ ވެސް ޒައިދްއެވެ. ލޯބިން ފުރިގެންވާ ފަދަ ނަޒަރަކުން އަނޫޝާއަށް ބަލަހައްޓައިގެން ހުރި ޒައިދްއަށް، ޖަނާ އެތަނުން ދިޔަކަން ވެސް ނޭނގުނެވެ.

" އަހަރެން ކިރިޔާ ބިރުން މަރުނުވީ. ފުރަތަމަ ހަމަ ހީކުރީ ޒައިދް އަހަންނަށް އޮޅުވާލައިގެން އުޅެނީކަމަށް. " އަނޫޝާ ވާހަކަ ދައްކަން ފެށުމާއެކު ޒައިދްއަށް ހެވުނެވެ.

" އަހަރެން ވެސް ކިރިޔާ ބިރުން އަވަދި ނުވީ. އެއީ ބައްޕަ ދުނިޔޭގައި އެއްބަސް ވެވުނު ކަމެއް. އެކަމަކު އަހަރެން ހަމަ އެއްވެސް ކަހަލަ ނިޔަތެއް ނެތް. ދެން ނޭނގޭނެއެއްނު އޭނަ އެ ވަރަށް އެކަމާ ވިއްދާފައި ހުރި ކަމެއް. އެއީ އަހަރެން އޭރު ވެސް ވަރަށް ފޫހިވާ ކުއްޖެއް." ޒައިދް ޖޯލިފަތީގައި އިށީނދެލިއެވެ. އެ ވަގުތު ދާދި ގާތުގައި އަނޫޝާ ވެސް އިށީނެވެ.

ހަމަ އެ ވަގުތެވެ. ދަބަސް ހިފައިގެން ޖަނާ ނުކުތްތަން ފެނި، އަނޫޝާއަށް ކޮޅަށް ތެދުވެވުނެވެ. ނަމަވެސް ޖަނާ އެ މީހުންނަކަށް މާ ބޮޑު ސަމާލުކަމެއް ނުދިނެވެ. އޭނާގެ މިސްރާބު ހުރީ ބޭރަށެވެ.

" ޖަނާ! " ބާރުބާރަށް އަނޫޝާ ގޮވާލިއެވެ.

އޭރު ޖަނާ ހުރީ ބޭރު ދޮރުމަތީގައެވެ. ޖަނާއާ ދިމާލަށް އަނޫޝާ ހިނގައިގަތުމާއެކު ފަހަތުން ޒައިދް ވެސް ދިޔައެވެ.

" މިގެއިން ދާށޭ ބުންޏަސް އަހަރެން ނުބުނަމެއްނު މި ވަގުތުން މި ވަގުތަށް ދާށެކޭ." އަނޫޝާ ބުންޏެވެ.

" މާދަމާ މި ރަށުން ފުރޭ ގޮތް އަހަރެން ހަމަޖައްސާނަން. މިރޭ މަޑުކުރޭ މި ގޭގަ." ރުންކުރު ގޮތަކަށް ޒައިދް ބުންޏެވެ.

އެއާއެކު ޖަނާ ޖަހާލީ ކުރު ހިނިގަނޑެކެވެ.

" ހުއް! އެތަނަކަށް އަހަރެން ނިސްބަތްނުވާ ތަނެއްގައި އެންމެ ހިނދުކޮޅަކު ވެސް އަހަރެން ނުހުންނާނަން." ޖަނާ ބުންޏެވެ.

އެއާއެކު އަނޫޝާއާޢި ޒައިދްއަށް އެކަކު އަނެކަކާ ދިމާލަށް ބަލައިލެވުނެވެ. އެއަށްފަހު އަނެއްކާވެސް އެ މީހުންނަށް ޖަނާގެ މޫނަށް ބަލައިލެވުނެވެ. އޭރު މޫނަށް ވައްތަރެއް ޖައްސާލުމަށްފަހު ޖަނާ، ނިކުންނަން ހިނގައިގަންނަނީއެވެ.

" އަނޫ އަންޑަސްޓޭންޑިން ނުވި ނަމަ އަހަރެންގެ ދުވަސް ދިޔައީހެއްނު. " ޒައިދް މަޑުމަޑުން ބުނެލިއެވެ. އެއާއެކު އަނޫޝާ ލަދުރަކި ގޮތަކަށް ހޫމް އަޅުވާލިއެވެ.

އަކްރަމްއާއެކު އުފާވެރި، އަރާމު ދިރިއުޅުމެއް އުޅެވުނު ނަމަވެސް، ޝިކާގެ ހިތުގައި އާޢިލާ ނެތް ކަމުގެ އިހްސާސް އަބަދު ވެސް އޮވެއެވެ. މަންމައާއި ބައްޕަމަތިން އިންތިހާއަށް ހަނދާންވާ ދުވަސްތައް އާދެއެވެ. ނަމަވެސް އެ މީހުންގެ ހާލު ބަލައިލާނެ ހިތްވަރެއް ވެސް އޭނާއަކަށް ނުލިބެއެވެ. މިހާރަކަށް އައިސް އަކްރަމް އަބަދު ބޭރުގައި އުޅޭތީ، އޭނާ މުޅި ދުވަސް ހޭދަ ކުރަނީ ވެސް ފޫހިކަމާއެކުއެވެ.

އާދައިގެ މަތިން މިއަދު ވެސް ޝިކާ ރަސްފަންނަން ދިޔައީ ފޫހި ފިލުވާލާށެވެ. ރަސްފަންނުގެ މެދެއްހާ ހިސާބުގައި ހުއްޓާ، އޭނާއަށް ފެނުނު މަންޒަރުން ނޭވާ ހިފަހައްޓާލަން ޖެހުނެވެ. އެ ވަގުތު ކަރުނައިން އޭނާގެ ދެ ލޯ ފުސްވެގެން ދިޔައެވެ. އެހެން ދިމާލަކަށް ބަލައިލާ ހިތް ނުވެގެން ޝިކާއަށް އެތައް އިރެއް ވަންދެން އެ ދިމާލަށް ބަލަހައްޓައިގެން ހުރެވުނެވެ.

ބޮޮޑު ބަނޑާއެކު ފޮޓޯ ޝޫޓިންއެއްގައި ހެވިފައި އެ ހުރީ އޭނާގެ ލޯބިވާ ދޮންތައެވެ. ދާދި ކައިރީގައި މަންމައާއި ބައްޕަގެ އިތުރުން ބޭބެ މެން ވެސް ތިއްބެވެ. އެ މަންޒަރު ފެނުމުން ޝިކާގެ ހިތަށް ލިބުނު އުފާވެރިކަމާއެކު ހިތްދަތި ވެސް ވިއެވެ.

( ނުނިމޭ)

* މި ވާހަކައަކީ ސަލާގެ ފަރާތުން ކިޔުންތެރިންނަށް ގެނެސްދޭ ރޯދަ މަހުގެ ހަދިޔާ އެކެވެ. މިވާހަކަ ރޯދަމަހު ކޮންމެ ހަފުތާއެއްގެ ހުކުރު، ހޮނިހިރު ފިޔަވާ އެހެން ހުރިހާ ދުވަސްތަކުގައި ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

(ނިމުނީ)