"ޒައިދް، ދަރިފުޅާ ކައިވެނި ކުރަން ބޭނުން ވަންޏާ، ބައްޕަ ބޭނުމެއް ނޫން ލަސްކުރާކަށް ވެސް. އެއީ މި ފަހަރު މި ރަށަށް އައި ފަހުން ވެސް ދަރިފުޅުގެ ކައިވެންޏަށް އެދި މީހަކު ބައްޕައާ ވާހަކަ ދައްކައިފި. އެކަމަކު އެއީ ބައްޕަ ކަމުދާ ކަހަލަ މީހެއް ނޫން. ދަރިފުޅު ތިހެން ހުންނަންޏާ މީހުންގެ އުނދަގޫ ވެސް ފޯރާނެ. އެ ކަންކަމުން ސަލާމަތްވާނީ އަވަހަށް މީހަކާ އިނީމަ. އެހެންވީމަ، ދަރިފުޅު ލޯބިވާ، ރަނގަޅު މީހަކު ހުރިއްޔާ، ކައިވެނި ފަސްކުރަންވީ ކީއްވެ؟ ދޯ ރާމިޒާ؟" ބައްޕަގެ ވާހަކަތަކުން އަނޫޝާގެ އުއްމީދު އާވިއެވެ.
ޖެހިގެން އައި ދުވަހެވެ. ޝިކާ ހޭލި އިރު ކައިރީގައި އަކްރަމެއް ނެތެވެ. ކައިރީގައި އޮތް ހުދުކުލައިގެ ޓީޝާޓް ގަޔަށް މަހާލުމަށްފަހު ޝިކާ ތެދުވި އިރު ވެސް އޭނާގެ ހިތް ވަރަށް ބާރަށް ތެޅެމުން ދެއެވެ. އެނދު ކައިރީގައި ހުރި، ކަފަކޮޅެއްހާ މަޑު، ހުދު ކުލައިގެ ފައިވާނަށް ދެ ފައި ކޮއްޕާލުމަށްފަހު ޝިކާ ހިނގައިގަތީ ނިކުންނާށެވެ. ފުރަތަމަ ވެސް އޭނާގެ ލޮލުގައި އަޅައިގަތީ ސޯފާގައި އިން އަކްރަމެވެ.
ޝިކާ ފެނުމާއެކު އަކްރަމް ކަންފަތުން ފޯނު ތިރިކޮށްލީ ނުހަނު އަވަހަށެވެ.
" ގުޑް މޯނިން" ހެވިފައި އަކްރަމް ބުނެލިއެވެ.
" ކީއްވެ ނުގޮވީ؟" ޝިކާ ސުވާލުކުރީ ޝަކުވާގެ ރާގަކަށެވެ.
" އެހާ އަރާމުކޮށް ނިދިފައި އޮތީމަ ގޮވާ ހިތް ނުވީ." އަކްރަމް ބުންޏެވެ.
އަކްރަމްއަށް ބަލަން ހުރެ، ޝިކާ ފާރުގައި ލެނގިލުމަށްފަހު ދެ އަތް އުރާލިއެވެ.
" ކީއްވެ ތިތާ ތި ހުރީ؟ އާދޭ މި ތާ އިށީނދެލަން." އަކްރަމް ބުންޏެވެ.
ނަމަވެސް ޝިކާ ހުރީ ކޮންމެވެސް ބޮޑު ފިކުރެއްގައިކަން އަކްރަމްއަށް ޔަގީންވިއެވެ. އޭނާ ކޮންމެވެސް ކަމަކާ އެބަ ވިސްނައެވެ. އެހެންވެ، އަކްރަމްގެ ހިތް ވެސް ނުތަނަވަސް ވެއްޖެއެވެ.
" އަހަރެން ވަރަށް ހިތްބިރުގަނޭ." ޝިކާ ބުންޏެވެ.
އެއާއެކު އަކްރަމް އެއް މިޔަކަނުން ހީލަމުން ތެދުވެއްޖެއެވެ. އަދި އަތުގައި އޮތް ފޯނު ޖީބަށް ލުމަށްފަހު ފަރުވާތެރިކަމާއެކު ޝިކާއަށް ބަލައިލިއެވެ.
" އެޔޯ؟ ޝިކާއަށް މަދުވާ، ނޫނީ ދަތިވާ އެއްވެސް ކަމެއް ނެތް އިރު ކީއްވެ ހިތް ބިރު ގަންނަނީ؟" އަކްރަމް އެހިއެވެ.
" ނޭނގެ. " ޝިކާ ދެ ކޮނޑު އުފުލައިލިއެވެ.
އެ ވަގުތު އަކްރަމް ގޮސް ޝިކާއާ ދާދި ކައިރީގައި ހުއްޓުނެވެ.
" އަސްލު ރޭގަ އަހަރެން ދެއްކި ވާހަކަތަކުން ދޯ؟ އެއީ ހަމަ ހަގީގަތް. އަހަރެން ބޭނުމެއް ނޫން ލޯބިވާކަށް. މިއަދު ޝިކާ އަހަރެން ދޫކޮށް ދިޔަސް އަހަރެން އެއްވެސް ދެރައެއް ނުވާނެ. އަދި ޝިކާ ވަރިވާން ބޭނުން ވިޔަސް، ހަމަ މަރުހަބާ. އެހެންވެ އަހަރެން ލޯބި ވާން ބޭނުން ނުވަނީ. ކޫލް ލައިފްއަކަށް ލޯތްބަކީ އެއްވެސް މުހިއްމު އެއްޗެއް ނޫން. ޝިކާ ބޭނުންވާ ތަނަވަސްކަން އަހަރެން އެބަ ހޯދައި ދެމެއްނު." އަކްރަމް ބުންޏެވެ.
އަކްރަމް އެއްފައްޗަކަށް އަމުނާލި ޖުމްލަތައް އަޑު އަހަން ހުރި ޝިކާއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ނަމަވެސް ހިތުގައި އޮތް ނުތަނަވަސްކަން ފިލުވައިލަން އޭނާ ހުރި ނުހަނު ބޭނުން ވެފައެވެ.
" ދެން ބަދަލުގައި އަހަރެންގެ ފަރާތުން އަކްރަމް ބޭނުންވަނީ ކޮންކަމެއް؟ ތިހާ ބޮޑު ހަރަދެއް ތި ކުރަނީ ކީއްވެ؟" ޝިކާ އެހިއެވެ.
މި ފަހަރު ވެސް އަކްރަމް ހިނިތުންވެލިއެވެ.
" އަހަރެން ބުނީމެއްނު އަހަރެންގެ ހަޔާތުގެ ފަޅުކަން ފިލުވާށޭ ބޭނުންވަނީ. އެހެންވެ، ޝިކާ ރީތިވީމަ އަހަރެން ހަޔާތުގެ ބައިވެރިއަކަށް ޝިކާ ހަދަން ބޭނުންވީ. " އަކްރަމް ބުންޏެވެ.
" ދެން، އަހަންނަށް ވުރެ ރީތި އެހެން މީހަކު ފެނިއްޖެއްޔާ؟" ޝިކާ އެހިއެވެ.
ޝިކާގެ ޖުމްލައިން އަކްރަމް ޖަހާލީ ބޮޑު ހިނިގަނޑެކެވެ.
" ތިއީ ހަމަ ކުޑަކުޑަ މޮޔައެއް. އަހަންނަކީ ހޭ ޖެހޭ ފިރެހެނެކޭ. އަހަންނަކީ ރީތިހާ މީހެއްގެ ފަހަތުން ދުވާ ކަހަލަ މީހެއް ނޫން." އަކްރަމް އެހެން ބުނެ، ކޮޓަރިއަށް ދިޔައިރު ވެސް ޝިކާއަށް ހުރެވުނީ ހަމަ އެތާއެވެ.
ދޯނީގެ އިންޖީނު ހަދައިގެން ފުރައިގެން ދިޔައިރު، ޒައިދްއާއި ވަފީ، ރަށުގައި މަޑުކުރީ ކައިވެނީގެ ކަންތައްތައް ހަމަޖައްސާށެވެ. އެހާ ފަސޭހައިން އަނޫޝާގެ މައިންބަފައިންގެ ރުހުން ލިބުމުން ޒައިދް ހުރީ ނުހަނު އުފާވެފައެވެ.
" އަހަރެމެންގެ އުފަލަކީ ދަރިންގެ އުފާވެރިކަން. އަނޫޝާ މީހަކާ ނީނދެ އެ ގޮތަށް ހުންނާތީ ބައްޕަމެން ވަރަށް ކަންބޮޑުވޭ. އެކަމަކު ޒައިދް ކަހަލަ ރަނގަޅު، ދީންވެރި ކުއްޖަކު އަނޫޝާ ހިޔާރު ކުރީތީ ބައްޕަމެން ވަރަށް އުފާވެއްޖެ." ވަފީގެ ޖުމްލަތައް އަދި ވެސް ޒައިދްގެ ކަންފަތުގައި ހަރުލައިފައި ހުރި ކަހަލައެވެ.
އޭނާގެ މޫނުމަތީގައި އަދިވެސް އެ ހުރީ އެ ހިނިތުންވުމެވެ. އެ އުފާވެރިކަމެވެ. އިންތިޒާރާއި އުއްމީދުގެ ނިމުން ގެނުވީ ހީވެސް ނުކުރާހާ ފުރިހަމައަށެވެ.
" ދެން ތި ވަރަށް ނުބަލާ. އަހަރެން ލަދުގަނޭ." އަނޫޝާ ބުނެލީ މޫނުގައި އަތް އަޅަމުންނެވެ.
" ހޫމް. ތިހެން ބުނީމަ މިރޭ ދެން ނުބަލާ އިނދެފާނަން. އެކަމަކު މާދަމާއިން ފެށިގެން އަނޫގެ ހުރިހާ ކަމަކަށް އަހަންނަށް ބާރު ފޯރުވޭނެ." ޒައިދް ބުނެލިއެވެ.
" ދެން ޒައިދޫ. އަހަރެން ލަދު ގަންނަވަނީތަ؟" އަނޫޝާ ތުއި ވެލާފައި ބުންޏެވެ. އެއާއެކު ޒައިދްއަށް ވެސް ހެވިއްޖެއެވެ.
" ދެން، ތިހެން ނީނދެ ތި ރީތި މޫނު އަހަންނަށް ދައްކާލަބަލަ. އަސްލު އަހަންނަށް ހީވޭ އަނޫ މިހާރު މާ ރީތިހެން." ޒައިދް ބުންޏެވެ.
" ތިހެން ބުނާނެ މިހާރު. ފަހުން ފޫހިވެދާނެ. އެއީ ގިނަ މީހުންނަށް މި ޒަމާނުގައި ވާ ގޮތް." އަނޫޝާ ބުނެލިއެވެ. މި ފަހަރު ވެސް ޒައިދް ޖަހާލީ ހިނިގަނޑެކެވެ.
" އެހެން މީހުންނާ އަހަރެން ތަފާތުވާނެ. އެހެން ނަމަ މިހާރު އަހަރެން ހުންނާނީ އެހެން މީހަކާ އިނދެގެންތާ. މަންމަ ދުނިޔޭގައި ވެސް މަންމައަށް މާ ކަމުދާ އަންހެން ކުއްޖަކު އުޅުނު ގެއަށް އައިސްގެން. މަންމަ ރުއްސައިގެން އެ ކުއްޖާ ވެސް ބެލި އަހަރެން ސެޓް ވޭތޯ. އެކަމަކު އަހަރެންގެ ހިތުގައި އަނޫގެ ސޫރަ ކުރެހީ ދުވަހަކުވެސް ފިލުވާލާކަށް ނޫނޭ. " ޒައިދް ބުންޏެވެ.
އެއާއެކު ހައިރާންކަމާއެކު އަނޫޝާ ޒައިދްގެ މޫނަށް ބަލައިލިއެވެ.
" އޯހް؟ އަސްލުތަ؟ ކިރިޔާ ދޯ މަށަށް މި ލިބުނީ." އަނޫޝާ ބުންޏެވެ.
" ކިރިޔާއެއް ނޫން. ތިހެން ނުބުއްނައްޗޭ. އަހަރެން ހަމަ އަނޫދެކެ ލޯބިވާވަރުން އެހެން މީހަކު ދެކެ ލޯބި ނުވެވުނީ." ޒައިދް ބުނެލީ އަނޫޝާގެ އަތުގައި ހިފާލަމުންނެވެ.
ކޮފީ ތައްޓެއް ހިފައިގެން ސޯފާގައި އިން ޝިކާ ސިހުނީ، އަކްރަމް އައިސް އޭނާގެ ޕާސްޕޯޓާއެކު ދެ ޓިކެޓް ދިއްކޮށްލަމުންނެވެ.
" މީ؟ " ޝިކާ ބުންޏެވެ.
ކޮފީތަށި ސޯފާގައި ބެހެއްޓުމަށްފަހު، ޝިކާ އޭގައި ހިފިއެވެ.
" އޯހް؟ ޓާކީއަށް؟ ސީރިއަސްކޮށްތަ؟ އެހެންވެ ދޯ އެހާ އަވަހަށް އަހަރެންގެ ޕާސްޕޯޓް ހެއްދުވީ؟" ޝިކާއަށް ހުރީ ގަބޫލު ކުރަން ދަތިވެފައެވެ.
" އާނ. ހަވީރު ފްލައިޓުން ފުރަން ރެޑީވޭ. " އަކްރަމް އެހެން ބުނެ، ސޯފާގައި އިށީނދެލިއެވެ.
" ދެން ކޮންތާކު ތިބޭނީ؟" ޝިކާ އެހިއެވެ.
" ޝިކާ ހާދަ ހާސްވަނީ؟ އަހަންނާއެކު ތަންތަނަށް ދާއިރު އެއްވެސް ވަރަކަށް ހާސް ނުވައްޗޭ. ހުރިހާ ކަމެއް ވެސް އަހަރެން ހަމަޖައްސާނެކަން އެނގެން ވާނެ. ހަނީމޫނަށް ދާއިރު ރީތި، އަރާމު ތަނެއްގައެއްނު ތިބޭނީ." އަކްރަމް ބުންޏެވެ.
ޝިކާއަށް އިނދެވުނީ ހީލަން ވެސް ނޭނގިފައެވެ. ޓިކެޓަށް ބަލަހައްޓައިގެން އޭނާ އިނީ ފެންކަޅިވެފައެވެ. އިތުރަށް ދައްކާނެ ވާހަކައެއް ވެސް ނޭނގިފައެވެ.
" އަހަރެން ހުވަފެނުގައި ވެސް ތުރުކީވިލާތަކަށް ނުދަން. އެއީ އާއްމުކޮށް ރާއްޖެ މީހުން ނުވެސް ދާ ތަނެއް ދޯ؟ " ޝިކާ ބުންޏެވެ.
" އާނ. ކޮންމެ ކޮންމެ މީހަކަށް ނުދެވޭނެ. ދެން ޝިކާ ވިސްނާލިޔަސް އެނގެއެއްނު މިތާ ކައިރި އިންޑިއާ، ލަންކާއަކަށް ޝިކާއެއް ނުގެންދާނެކަން." އަކްރަމް އެހެން ބުނުމުން ޝިކާ އުފަލުން ފޮޅިގަތެވެ.
ސްކޫލުން އައިސް އިފާޝާ ކޮޓަރިއަށް ވަތް އިރު އަނޫޝާ އިނީ ފޮތް ފޮށިގަނޑެއް ހާކާށެވެ. އޭނާގެ ހަރަކާތްތައް އަވަސް ކަމުން އިފާޝާގެ ހިތުގައި ސުވާލު އުފެދުނެވެ. އަދި ހައިރާންވެފައި ހުރެ އަނޫޝާއާ ވާހަކަ ދައްކަން ފެށިއެވެ.
" ދޮންތަ ކޯއްޗެއް ގެއްލިގެން ހޯދަނީ؟" އިފާޝާ އެހިއެވެ.
" އާނ ފެނިއްޖެ. މީ އެ ފޮތް." ވަރުބަލި ކަމާއެކު ތެދުވަމުން އަނޫޝާ ބުނެލިއެވެ. އޭރު އޭނާގެ މޫނުމަތީގައި ހުރީ އުފާވެރިކަމެވެ.
" ދޮންތަ ފްރެންޑެއްގެ ނަންބަރު މި ހޯދީ." އަނޫޝާ ބުންޏެވެ.
" އޯހް. ބައްޕަ ފޯނެއް ގަނެދިނީމަ އަވަހަށް މީހުންނަށް ގުޅަން ވެގެން ދޯ؟" އިފާޝާ ބުނެލީ މަޖާ ރާގަކަށެވެ. އިފާޝާގެ ވާހަކައަށް މާ ބޮޑު އެއްޗެއް ބުނުމެއް ނެތި އަނޫޝާ ނިކުތީ ބޭރަށެވެ. އޭރު އޭނާ ހުރީ ޝިކާއާ ވާހަކަ ދައްކާ ހިތުން ކެތްމަދުވެފައެވެ. ކައިވެނީގެ ހަބަރު ދޭން އިންތިހާއަށް ބޭނުންވެފައެވެ.
" އަހަރެން މެރީ ކުރަނީ ޒައިދްއާކަން އެނގުނީމަ ޝިކާ ހާދަ ސަޕްރައިޒް ވާނެޔޭ." އަނޫޝާއަށް ބުނެވުނެވެ.
ފޯނު ކަންފަތުގައި ޖަހައިގެން އޭނާ ހުރީ ކެތްމަދުވެފައެވެ. ކުއްލިއަކަށް ފޯނަށް އަންހެނަކު ޖަވާބު ދީފިއެވެ. އެއީ ދުވަސްވީ އަޑެއްކަމުން ޝިކާގެ މަންމަކަން އަނޫޝާ ޔަގީން ކުރިއެވެ.
" ހަ..ހަލޯ؟ ޝިކާގެ މަންމަތަ؟" ފުރަތަމަވެސް ވާހަކަ ދެއްކީ އަނޫޝާއެވެ.
" ކާކު ތީ؟" ރާގުގައި ހުރީ ހަރުކަށި ގޮތެކެވެ.
" އަހަންނަކީ ޝިކާގެ ރައްޓެއްސެއް.މިއީ ވަރަށް ކުރިން، ޝިކާ ދީފައި އޮތް ނަންބަރެއް. ޝިކާއާ ވާހަކަ ދައްކާލަން ބޭނުން ވެގެން ޝިކާގެ ފޯނެއް އޮވޭތަ މިހާރު؟" އަނޫޝާ ބުނެލިއެވެ.
" އެކަމަކު ތި ދައްކަނީ މިހާރު އަހަރެމެންނާ ގުޅުން އޮންނަ މީހެއްގެ ވާހަކައެއް ނޫން. މުއްސަންޖަކު ފެނިގެން ނުވެސް ކިޔަވާ އޭނަ އެ މީހާއާ ކައިވެނި ކޮށްފި. އެހެންވީމަ ދެން ޝިކާ ހޯދަން އަހަރެމެންނަށް ނުގުޅާ." ޝިކާގެ މަންމަ އެހެން ބުނެ ފޯނު ކަނޑާލިއެވެ.
އަނޫޝާއަށް ލިބުނު ހައިރާންކަމެއްގެ ބޮޑުކަމުން އޭނާއަށް ހުރެވުނީ އޭރު ވެސް ކަންފަތުގައި ފޯނު ޖަހައިގެންނެވެ. ޝިކާގެ ހަބަރެއް ހޯދަން އޭނާ އިންތިހާއަށް ބޭނުން ވެއްޖެއެވެ. ނަމަވެސް ޝިކާއާ ގުޅޭނެ އިތުރު ގޮތެއް ނެތުމުން އޭނާ މި ފަހަރު އުއްމީދު ކަނޑާލިއެވެ.
" ދަރިފުޅު އަދިވެސް ތައްޔާރު ނުވަންތަ؟ އެކެއް ޖަހާއިރަށް ކޯޓަށް ދާން ޖެހޭނެޔޭ." ކުއްލިއަކަށް އިވުނު ރާމިޒާގެ އަޑުން އަނޫޝާ ދިޔައީ ސިއްސައިގެންނެވެ.
" މަންމާ. ބައްޕަ ކައިރީ ބުނައްޗޭ ބޮޑުބޭބެ ގެއަށް ޒައިދް ބަަލައި ދައްޗޭ. އޭނައަކަށް އަދި ކޯޓަށް ދާކަށް ވެސް ނޭނގޭނެ އެއްނު." އަނޫޝާ ބުންޏެވެ.
" ދެން ތި ވާހަކަ ވެސް ދަރިފުޅު މިއަދު ދެވަނަ ފަހަރު ތި ބުނީ؟ ބައްޕަ މިހާރު އެ ގެއަށް ގޮއްސަ ވީ. ދަރިފުޅު ތި ހުންނަނީ އަދިވެސް އަވަސް ކަމަށްތަ؟" ރާމިޒާގެ އަޑު ބާރުވުމާއެކު އަނޫޝާ އަވަސް އަވަހަށް ގެއަށް ވަންނަން ހިނގައިގަތެވެ.
ރޭގަނޑުގެ ވަގުތެވެ. ކައިގެން އައިސް ޒައިދް އިށީނދެލީ ބޭރު ޖޯލިފަތީގައެވެ. އިރުއިރުކޮޅުން އޭނާ ބަދިގެއާ ދިމާލަށް ބަލައިލަނީ، އަނޫޝާ އާދޭތޯއެވެ. އިންތިޒާރުގައި އިންދާ، އޭނާއަށް ފެނުނީ އަނޫޝާ ޖޯއްޔާ ދިމާލަށް އަންނަތަނެވެ.
" މިހާރު ބުނެވިދާނެ ދޯ އަހަރެންގެ އަންހެނުންނޭ. " ޒައިދް ބުންޏެވެ.
އެއާއެކު ލަދުން ގޮސް އަނޫޝާއަށް ހެވިއްޖެއެވެ. އޭނާ މަޑުމަޑުން ޖޯލީގައި އިށީނުމާއެކު ޒައިދް ކުޑަކޮށް އަނޫޝާއާ ކައިރިވެލިއެވެ.
" ހޫމް... ތިއީ ފިރިމީހާއޭ ވެސް އަހަންނަށް ބުނެވިދާނެ ދޯ." އަނޫޝާ ހީލަމުން ބުންޏެވެ.
އެއާއެކު ޒައިދް އަނޫޝާގެ މޫނުގައި މޫނު ޖައްސާލިއެވެ.
" އަނޫ ލަދުގަތީމަ ވަރަށް ލޯބި." ޒައިދް ބުންޏެވެ. އަނެއްކާ ވެސް އަނޫޝާއަށް ބާރަށް ހެވުނީ ހިތަށް ލިބުނު އުފާވެރިކަމަކުންނެވެ.
މާލެއިން ފުރައިގެން ޓާކީއަށް ދެވުނު އިރު ވެސް ޝިކާއަށް ލިބިފައިވާ އުފާވެރިކަމަށް ނިމުމެއް ނެތް ކަހަލައެވެ. ޝިކާގެ އުފާވެރި މޫނަށް ބަލަައިލާ ކޮންމެ ފަހަރަކު އަކްރަމްއަށް ވެސް ހެވެއެވެ.
" އަހަރެން ރާއްޖެއިން ބޭރަށް މި އައީ އަދި އަލަށޭ." ޝިކާ ބުނެލީ އަކްރަމްގެ ގައިގައި ޖަހާލަމުންނެވެ.
" ޝިކާ އެކްސައިޓްވެފަ ހުންނާތީ ހަމަ ހެވެނީއޭ. " އަކްރަމް ބުންޏެވެ. އެއާއެކު ޝިކާ އަކްރަމްގެ ގައިގައި ޖަހާލިއެވެ.
ޓެކްސީތައް ކިޔުގައި ހުރި އިރު ވެސް އަކްރަމް ޓެކްސީއެއް ނަގާކަށް ނޫޅުނެވެ. ފޯނާ ކުޅެން އޭނާ ހުރީއެވެ. ކައިރީގައި ހުރެ، ޝިކާ އަކްރަމްގެ ފޯނަށް ކަޅިއެއް އެއްލީ އޭނާ އެހާ އިރު ވަންދެން ފޯނާ ކުޅެން ހުރީމައެވެ. ކޮންމެވެސް މީހަކާ، މެސެޖްއިން ވާހަކަ ދައްކާތަން ފެނިގެން ޝިކާގެ ހިތް ނުތަނަވަސްކޮށްލިއެވެ.
" ކީއްތަ ކުރަނީ؟ ކާރަކަށް އަރަން އުޅޭ." އެންމެ ފަހުން ޝިކާ ބުނެލިއެވެ.
" އެބަ އާދެޔޭ ކާރު. އަހަރެން އޮންނާނީ ކާރެއް ސެޓްކޮށްފައޭ. " ފޯނު ޖީބަށް ލަމުން އަކްރަމް ބުނެލިއެވެ.
ޝިކާ އިތުރަކަށް އެއްޗެއް ނުބުންޏެވެ. ދެ އަތް އުރާލައިގެން އޭނާ ހުރީއެވެ.
" ހޭ! އަކޭ. ހައި." ކުއްލިއަކަށް ދެ މީހުންނަށް ވެސް އިވުނީ އަންހެން ކުއްޖެއްގެ ތުއި އަޑެވެ.
އަޑު އައި ދިމާލަށް ކުއްލިއަކަށް ޝިކާއަށް ބަލައިލެވުނެވެ. ލިބުނު ހައިރާންކަމާއެކު އޭނާއަށް ދެން ބަލައިލެވުނީ އަކްރަމްގެ މޫނަށެވެ. އޭރު ފުޅާ ހިނިތުންވުމެއްގައި އަކްރަމް އެ އަންހެން ކުއްޖާއަށް ބަލަހައްޓައިގެން ހުއްޓެވެ.
އެއީ ރީތި ކުއްޖެކެވެ. ރަތް ކުލައިގެ ބުޅި، ދިގު އިސްތަށިގަނޑު ފަހަތަށް ދޫކޮށްލާފައި އޮތް އިރު، އޭނާގެ ހުދު، ދޮން މޫނާ އެ އިސްތަށިގަނޑު އެހާމެ ގުޅެއެވެ. ޝިކާ މޭ ކަރާލީ، އޭނާ ހެދުން އަޅާފައި ހުރި ގޮތުންނެވެ. ލައިގެން ހުރި ޓީޝާޓް ކުރުކަމުން އޭނާގެ މެދު ހަށިން ބޮޑު ބައެއް ފެންނަން އޮތް އިރު ލައިގެން ހުރީ ކުރު ސޯޓު ކޮޅެކެވެ.
ކަޅި ޖަހައިނުލާ، ބަލަހައްޓައިގެން ހުއްޓާ، ޒުވާން އެ އަންހެން ކުއްޖާ މާ ދުރުން ދެ އަތް ފުޅާ ކޮށްފިއެވެ. ދުވަމުން ކަހަލަ ގޮތަކަށް އައިސް އޭނާ އަކްރަމްގެ ގައިގައި ބާރަށް ބައްދާލިއެވެ.
" އަޅެ ހާދަ އުފާވެއްޖެޔޭ." އެ ކުއްޖާ ބާރުބާރަށް ބުނެލިއެވެ. އެ ހިސާބުން އެއީ ދިވެއްސެއްކަން ވެސް ޝިކާއަށް އެނގުނެވެ.
އޭނާއާއި އަކްރަމް ބައްދާލުމުން ޝިކާއަށް ލިބުނީ ބޮޑު ހައިރާންކަމެކެވެ. އަކްރަމް ވެސް އޭނާގެ ބުރަކަށީގައި ދެ ފަހަރަކު ޖަހާލިތަން ޝިކާއަށް ފެނުނެވެ.
( ނުނިމޭ )
* މި ވާހަކައަކީ ސަލާގެ ފަރާތުން ކިޔުންތެރިންނަށް ގެނެސްދޭ ރޯދަ މަހުގެ ހަދިޔާ އެކެވެ. މިވާހަކަ ރޯދަމަހު ކޮންމެ ހަފުތާއެއްގެ ހުކުރު، ހޮނިހިރު ފިޔަވާ އެހެން ހުރިހާ ދުވަސްތަކުގައި ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!